ލަންޑަންގައި އޭނާ ދިރިއުޅެމުންދާ ގޭގައި ކެއުމަކަށް ތައްޔާރުވަމުން ދަނިކޮށް، މަރިއްޔާ ހޫލިއާ ކަސީސްގެ 6 އަހަރުގެ ފިރިހެން ދަރިފުޅު ދުވަމުން އައިސް ކާގެއަށް ވަނެވެ. އޭރު، އެ ދަރިފުޅުގެ މޫނުމަތި ވަނީ މިލާ، މޯޅިވެފައެވެ. އެ މައުސޫމު މޫނުގައި އެއްވެސްސް ދިރުމެއް ނެތް ފަދައެވެ.
އެ ދަރިފުޅަށް ވީ ގޮތެއް ވީ އިރު އޭނާ އިނީ އެންޑްރޮއިޑް ފޯނަކުން ޕަޒްލް ގޭމެއް ކުޅޭށެވެ. ގޭމުގެ ވަކި ހިސާބަކުން އިޝްތިހާރެއް އައެވެ. އެ އިޝްތިހާރުގައި ފެނިގެންދަނީ ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންތަކެއް ކަމަށް ބުނާ ބަޔެކެވެ. އަދި މޫނުމަތިން ބިރުގަތުމުގެ އަސަރު ފެންނަ އިޒްރޭލުގެ ޢާއިލާތަކެއްވެސް ފެނެއެވެ. ބައެއް މަންޒަރުތައް ހުރީ ފުސްކޮށްފައެވެ. އިޒްރޭލުގެ ޚާރިޖީ ވުޒާރާގެ މެސެޖެއްވެސް އެ އިޝްތިހާރުގައި ހިމަނާފައިވެއެވެ. އެގޮތުން އިޒްރޭލަށް ގެއްލުން ދޭ ކޮންމެ މީހަކަށް، އެކަމުގެ އަގު އަދާ ކުރަން ޖެހޭނެ ކަމުގެ އިންޒާރެއްގެ ގޮތުގައެވެ.
ޢުމުރުން 28 އަހަރުގެ ހޫލިއާއަކީ ބްރެޒީލްއަށް އުފަން ބަރިސްތާއެކެވެ. ހޫލިއާ ބުނި ގޮތުގައި، ގޭމުގެ ތެރެއިން ފެނުނު އިޝްތިހާރުން އޭނާގެ ދަރިފުޅަށް ކުރި ނޭދެވޭ އަސަރު ފެނި، ގަތް ބިރުން، ގޭމް ޑިލީޓް ކޮށްލާފައި ވާނެ ކަމަށެވެ.
މަރުވެދިޔަ ކުދިންނާ ބެހޭ ގޮތުން ދަރިފުޅު ސުވާލު ކުރި. އެނގެއެއްނު، މީ އެކަމަކާ ބެހޭ ގޮތުން ވާހަކަދައްކަން މާ ފަސޭހަ މަޢުލޫއެއް ނޫން. ވަރަށް ޙައްސާސް މަޢުލޫއެއް. މިހާ ޅަ ޢުމުރުގެ ކުއްޖަކަށް އެކަހަލަ ވާހަކަތަކެއް ކިޔައިދޭކަށް ތައްޔާރުވެގެން އޮތް ކަމެއްވެސް ނޫން. އެހެންވެ، އަހަންނަށް މަޖުބޫރުވި ދަރިފުޅަށް ކިޔައިދޭން، ބައެއް ފަހަރު، ދުނިޔޭގެ އެކި ތަންތަނުގަ ހަނގުރާމަ ކުރާނެކަން. ބައެއް މީހުންނަކީ އަނިޔާވެރި ބައެއްކަން. ވަރަށް ލަދުވެތި ކޮންމެއަކަސް. ކުދިން ރަޙީނު ކުރި މަންޒަރުވެސް ފެނޭވިއްޔާ، އެ ވާހަކަވެސް ކިޔައިދޭން މަޖުބޫރުވި. އެ ކުދިން މިހާރު ރަނގަޅޭ، ތިބީ ޢާއިލާ މީހުން ގާތުގައޭވެސް ބުނަން ޖެހުނު. އެއީ ތެދެއް ކަމެއްވެސް މަށަކަށް ނޭނގެ. ވީ ވަރަކުން ދަރިފުޅުގެ ހާސްކޮށް ކުޑަކޮށްދެވޭތޯ އަހަރެން ބެލީ. އެކަމާ ނުވިސްނާނެ ގޮތެއް ހަދައިދެވޭތޯ ބެލީ. މިކަންކަމަކީ، ދަރިފުޅު ވިސްނާ، ފިކުރު ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް އަހަރެން ޤަބޫލު ކުރަނީ.މަރީއްޔާ ހޫލިއާ ކަސީސް؛ ޒުވާން މަންމައެއް
ކުޑަކުދިންގެ ގޭމަކަށް މިފަދަ އިޝްތިހާރުތަކެއް އަންނަންވީ ސަބަބެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ، ހޫލިއާގެ ދަރިފުޅަކީ މިފަދަ ކަމަކާ ކުރިމަތިލާން ޖެހުނު ހަމަ އެކަނި ކުއްޖާ ނޫން ކަމެވެ. ވިލާތުގެ އެކި ހިސާބުތަކުން މިފަދަ 5 ކޭހެއް ވަނީ ރިޕޯޓް ކޮށްފައެވެ. އެ ވީޑިއޯތަކުން ފެންނަނީ އިޒްރޭލު ކުރިއަރުވާ މަންޒަރުތަކެވެ. ރޮކެޓް ޙަމަލާއާއި ގޮވުންތައް ގޮވަމުން ދާ މަންޒަރެވެ. މޫނު ނިވާކޮށްގެން ތިބޭ ހަނގުރާމަވެރިންވެސް ފެނެއެވެ. ކުޑަކުދިންގެ މެދުގައި އަދިވެސް ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ 'އެންގްރީ ބަރޑްސް' ގޭމްގައިވެސް މިފަދަ އިޝްތިހާރު އަޅުވާފައި ވާ ކަމުގެ ރިޕޯޓް ވަނީ ލިބިފައެވެ.
'އެންގްރީ ބަރޑްސް' ގޭމްގެ ޑިވަލޮޕަރު ކަމަށް ރޯވިއޯއިން ބުނީ، އެ ގޭމްގެ ތެރެއަށް މިފަދަ ނުރައްކާ މަންޒަރުތަކެއް އެކުލެވޭ އިޝްތިހާރު ވަދެފައި ވަނީ "އޮޅުމަކުން" ކަމަށެވެ. އަދި މެނުއަލްކޮށް އެ އިޝްތިހާރުތައް މިހާރު ބްލޮކް ކޮށްފައި ވާ ކަމަށްވެސް ރޯވިއޯއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
އިޒްރޭލުގެ ޚާރިޖިއްޔާގެ ޑިޖިޓަލް ކަންކަމާ ބެހޭ އިސް މީހެއްގެ ގޮތުގައި ހުރި ޑޭވިޑް ސަރަންގާ ވަނީ، ދައުރުވަމުންދާ އިޝްތިހާރަކީ، އިޒްރޭލު ސަރުކާރުން ޕްރޮމޯޓް ކުރާ އިޝްތިހާރެއްކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އެކި ކަހަލަ ގޭމްތަކަށް އެ އިޝްތިހާރު ދަނީ ކިހިނެއްކަން "ނޭނގޭ" ކަމަށްވެސް އޭނާ ބުނެފައެވެ.
ސަރަންގާ ބުނި ގޮތުގައި ރިޢާޔަތް ކުރެވޭ އިޝްތިހާރަކީ ޙަމާސް ޖަމާޢަތުގެ ޙަމަލާއާ ގުޅިގެން، އިޒްރޭލުގެ ޚާރިޖީ ވުޒާރާއިން ފެށި ވަރުގަދަ ކެމްޕޭނެއްގެ ބައެކެވެ. އެގޮތުން އޮންލައިން އިޝްތިހާރަށް، އެ ވުޒާރާއިން 1.5 މިލިއަން ޑޮލަރު ޚަރަދު ކޮށްފައި ވާ ކަމަށް އޭނާ ބުނެއެވެ.
ކަން މިހެން އޮތް އިރު، އިޝްތިހާރުތަކުގައި ފެންނަ މަންޒަރުތަކުގެ ޒިންމާ އުފުލުމަށް ކުންފުނިތަކުން އިއުތިރާޒް ކުރެއެވެ. އިޒްރޭލުގެ ޚާރިޖިއްޔާއަށް 90 އިޝްތިހާރެއް ޕްރޮމޯޓްކޮށްދިން ގޫގްލްއިން ވަނީ، އެ އިޝްތިހާރުތައް ދެއްކި ޕްލެޓްފޯމްތަކާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް އިންކާރު ކޮށްފައެވެ. ޓްވިޓަރއިންވެސް އެއްޗެއް ނުބެއެވެ.
ކަން މިހެން އޮތް އިރު، ފަލަސްޠީނުގެ ޕްރޮމޯޝަނަށް މިފަދަ އިޝްތިހާރުތަކެއް ހަދައިގެން އުޅޭތީ އަދިއެއް ނުފެނެއެވެ. ނަމަވެސް ފަލަސްޠީނުގެ ޙާލަތާ މެދު މީހުން ދެކޭ ގޮތް ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރާ ކަމަށް ފަލަސްޠީނު ސަރުކާރުން ވަނީ ބުނެފައެވެ. އެކަން ކުރަނީ ކިހިނެއް ކަމެއް ތަފްސީލުކޮށްދީފައެއް ނުވެއެވެ.
ހޫލިއާގެ ދަރިފުޅަށް ފެނުނު، ޙަޤީޤަތުން އެއްކިބާވެފައި ވަނިވި އިޝްތިހާރަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގެ ބަޔަކަށްވެސް ފެނުމުގެ ފުރުޞަތު އޮތް އިޝްތިހާރަކަށް ވާ އިރު، މިއީ އަދުގެ ދިވެހި މުޖުތަމަޢުންވެސް ސަމާލުވާން ޖެހޭ ކަމެކެވެ. މަޢުލޫމާތު ފެތުރުމާ ބެހޭ ޒިންމާ ކޮނޑުއަޅައިގެން ތިއްބެވި ވެރިންވެސް ސަމާލުވެވަޑައިގަންނަވަން ޖެހޭ ޙައްސާސް މައްސަލައެކެވެ.