ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމްގެ މަޤާމު ދަށް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވާކަމަށެވެ.
ވުމާއެކު، ޖޭއެސްސީން ފިޔަވަޅު އަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާތީއެވެ.
ޖޭއެސްސީން ބުނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމަށް ފެންނަކަމަށް ކޮމިޝަނުން 2023 ނޮވެންބަރު 19 ވަނަ ދުވަހުގެ ރޭ ބޭއްވި 76 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށެވެ.
ވުމާއެކު، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް، 2023 ނޮވެމްބަރު 20ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ވަނީ ބަދަލުކުރެވިފައެވެ.
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިން ތަޙްޤީޤުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، 2023 ޖުލައި 23 ވަނަ ދުވަހުގަ އާއި 2023 އޮކްޓޫބަރު 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާވެސް އަރުވާފައެވެ. އޭގެ ތެރޭގައި ވަރިވާން ކޯޓަށް އެދި ހުށަހެޅި މައްސަލައަކާ ގުޅިގެން އަންހެން މީހާއަށް ގުޅައި މެސެޖްކޮށް ހެދި މައްސަލައެއްވެސް ހިމެނެއެވެ.