ކ. މާލެ
|
19 ނޮވެންބަރ 2023 | އާދީއްތަ 12:51
އިންޓެންސިވް ކެއަރ ޔުނިޓާއި މާބަނޑު މީހުންގެ ވޯޑުތަކަށް ބޭނުންވާ ކަރަންޓު ސަޕްލައި ކަށަވަރު ކުރުމަށްޓަކައި ނާޞިރު ހޮސްޕިޓަލުގައި ތެޔޮ ބޭނުން ކުރަމުން ދަނީ އިންތިހާއަށް ބަލައިގެން
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޣައްޒާގައި ދުވަސް ނުފުރާ ވިހާ ކުދިންނާއި ބައިގެންދިއުމުގެ ހިތްދަތި ޚަބަރު އަހަންޖެހޭ މައިންގެ ޢަދަދު އިންތިހާ މައްޗަށް!
 
ނާޞިރު ހޮސްޕިޓަލުގައި މާބަނޑު މީހުންނާއި، މަންމައިންނަށް ފޯރުކޮށްދެވޭ މާ ބޮޑު އެހީއެއް މިހާރަކު ނެތް
 
ސަބަބަކީ، ކަރަންޓު އުފައްދަން ބޭނުންވާ ތެލާއި ހަކަތައިގެ ސަޕްލައި ދަތިވުމާއި، މުވައްޒަފުން މަދުވުމުގެ ދަތިކަމުގެ އިތުރުން، މުޅި ހޮސްޕިޓަލު ތޮއްޖެހި، ފުރިބާރުވުން

މާބަނޑު ދުވަސްވަރަކީ ބަލިވެއިން މީހާއަށް ޚާއްޞަ އޯގާތެރިކަމާއި އަޅާލުން ބޭނުންވާ ދުވަސްވަރެކެވެ. ޢާންމު ދިރިއުޅުމުގެ ނުތަނަވަސްކަމުން މިންޖުވެލަން މަޖުބޫރު ކުރުވާ ދުވަސްވަރެކެވެ. ނަމަވެސް، ކޮންމެކޮންމެ މީހަކަށް އެ ނަޞީބެއް ނުލިބެއެވެ. ދިރިއުޅުން ދަތިވެ، ކުރިމަތިލާންޖެހޭ އެކި ކަހަލަ ނުތަނަވަސްކަމުގެ ސަބަބުން، ބަލިވެއިން މީހާއާއި ދަރިފުޅަށްވެސް ނޭދެވޭ އަސަރު ފޯރާ ގޮތްވެއެވެ. ޔަހޫދީ އިޒްރޭލުގެ މުށްދަށުލައި، އެއްގަމާއި ކަނޑާއި ވައިގެ މަގުން ހިންގާ ޤަތުލުޢާންމުގެ ޝިކާރައަކަށް ވެފައި އޮތް ޣައްޒާގައި ތިބި މާބަނޑު މީހުންނަކީ، މި ދެންނެވި ގޮތަށް، އިންތިހާ ތަކުލީފު އުފުލަން މިއަދު މަޖުބޫރުވެފައިވާ ބައެކެވެ.

ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ނާޞިރު ހޮސްޕިޓަލުގެ މުވައްޒަފުން ކިޔައިދިން ގޮތުގައި ދުވަސް ނުފުރާ ވިހާ ކުދިންގެ ޢަދަދާއި ބައިގެންދާ ނިސްބަތާއި، ވިހާއިރު މަރުވެފައި އޮންނަ ކުދިންގެ ޢަދަދު، އިޒްރޭލުގެ ޢުދުވާންތައް ފެށިފަހުން ވަނީ އިތުރުވެފައެވެ. އިޒްރޭލުގެ ޖަރީމާތަކާއެކު ޣައްޒާގެ ޞިއްޙީ ނިޒާމު މިހާރު އޮތީ މުޅިން އިނދަޖެހިފައެވެ. މައިންނަށް ލިބެމުންދާ ނަފްސާނީ އަނިޔާގެ ވާހަކައަކީ ދުލާއި ގަލަމުން ބަޔާންކޮށްދެވޭނެ އަނިޔާއެއް ނޫނެވެ. ނަސްލު ދޮވެލުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ތެރޭގައި ލިބެމުންދާ ޖިސްމާނީ އަނިޔާތަކުގެ ވާހަކަ ދައްކާ ކޮޅުންލާކަށް ނެތެވެ.

ނާޞިރު ހޮސްޕިޓަލުގެ މާބަނޑު މީހުންނާއި އަލަށް އުފަންވާ ކުދިންނާ ބެހޭ ޔުނިޓްތަކުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޑރ  ވަލީދު އަބޫ ޚައްޠާބު ވިދާޅުވި ގޮތުގައި، މާބަނޑު މީހުންނާއި، މަންމައިންނަށް އެ ހޮސްޕިޓަލުން ފޯރުކޮށްދެވޭ މާ ބޮޑު އެހީއެއް މިހާރަކު ނެތެވެ. ސަބަބަކީ، ކަރަންޓު އުފައްދަން ބޭނުންވާ ތެލާއި ހަކަތައިގެ ސަޕްލައި ދަތިވުމާއި، މުވައްޒަފުން މަދުވުމުގެ ދަތިކަމުގެ އިތުރުން، މުޅި ހޮސްޕިޓަލު ތޮއްޖެހި، ފުރިބާރުވުމެވެ.

ޣައްޒާ ސިޓީގަ ކުދިން އުފަންވާ ނިސްބަތަށް ބަލާއިރު، އަހަރަކު، 56000 އާއި 58000 އާ ދެމެދު ޢަދަދަކަށް ކުދިން އުފަންވޭ. މި ފެށުނު ހަނގުރާމައިގެ ތެރޭގަ އިތުރު ވަނީ ކުދިން އުފަންވާ ރޭޓެއް ނޫން. ދުވަސް ނުފުރާ އުފަންވާ ކުދިންގެ ޢަދަދު އުފުލެނީ. އެއީ ހަނގުރާމައިގެ ތެރޭގަ މައިންނަށް ކުރިމަތިލާން ޖެހިފަ އޮތް ނަފްސާނީ ނުތަނަވަސްކަމާ ހެދި ވާ ގޮތެއް. ދިރިއުޅެން އެކަށީގެން ނުވާ ފަދަ ޙާލެއްގަ ދިރިއުޅެން މަޖުބޫރުވީމަ ވާގޮތެއް. ކުޑަކަމުދާ ނިޒާމު ދުޅަވުމުގެ ތަކުލީފު އުފަލަންޖެހިފަ ތިބި މައިންގެ ޢަދަދު ދަނީ އިތުރުވަމުން. އެއާ އެކީގަ، ދުވަސް ނުފުރާ ވިހާ މިންވަރު އިތުރުވޭ. ޢުދުވާންތައް ފެށިފަހުން، ބައިގެން ދިއުމުގެ ހިތްދަތި ޚަބަރު އަހަން ޖެހުނު އަންހެނުންގެ ޢަދަދު ވަނީ ދެގުނަ އިތުރުވެފަ.
ޑރ އަބޫ ޚައްޠާބު؛ ނާޞިރު ހޮސްޕިޓަލުގެ މެޓަރނިޓީ އެންޑް ނަރސަރީ ޔުނިޓްގެ އިސްވެރިޔާ

އިންޓެންސިވް ކެއަރ ޔުނިޓާއި މާބަނޑު މީހުންގެ ވޯޑުތަކަށް ބޭނުންވާ ކަރަންޓު ސަޕްލައި ކަށަވަރު ކުރުމަށްޓަކައި ނާޞިރު ހޮސްޕިޓަލުގައި ތެޔޮ ބޭނުން ކުރަމުން ދަނީ އިންތިހާއަށް ބަލައިގެން، ވަކި މިންގަނޑެއްގައި ހިފަހައްޓައިގެންނެވެ. ތުއްތު ކުދިންތަކަކަށް ފަރުވާ ދެމުންދާ އިންކިއުބޭޓަރުތަކެއްގެ ކުރިމަތީގައި ހުންނަވާ،  ޑރ އަބޫ ޚައްޠާބު ވިދާޅުވީ، ލިބެން ހުރި މަދު ތެޔޮ ފޮދު ހުސްވެއްޖެނަމަ، އައިސީޔޫއާއި ނަރސަރީތައް ޤަބުރުސްތާނުތަކަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް މި ފަހުގެ ޙަމަލާތައް ދޭން ފެށިފަހުން އަހަރެމެން މި ދަނީ ވަރަށް ބޮޑު ތަކުލީފެއް އުފުލަމުން. މާބަނޑު ދުވަސްވަރު، ޤަވައިދުން ޑޮކްޓަރަށް ދައްކާ ދެއްކުން މުޅިން ހުއްޓިއްޖެ. ކާންބޯންދިނުމުގެ މަޝްރޫޢު ހުއްޓިއްޖެ. ދަރިމައިވުމާއި ބަލިވެއިނުމުގެ ޞިއްޙަތާ ބެހޭ ގިނަ ޚިދުމަތްތަކެއް ހުއްޓިއްޖެ. މިހާރުވެސް ޣައްޒާގަ އެބަތިބި މާބަނޑު، 50000 އެއްހާ މީހުން. މި މީހުންނަކީ ޤަވައިދުން ޑޮކްޓަރަށް ދައްކަން ޖެހޭ ބައެއް. އެކަމަކު، ކަން ދިމާވެފަ މި އޮތް ގޮތުން، އެކަން ވާކަށް ނެތް. ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިންވެސް އަހަރެމެންނާ ވަކިވެ ހިނގައްޖެ، ތާ އަބަދަށް. ތެލެއް، ހަކަތައެއް ނެތް. ކަރަންޓުވެސް މި ބޭނުން ކުރަނީ ވަރަށް ބަލައިގެން. ނަރސަރީއާއި އައިސީޔޫއަށް މަދު ނުވާނެ ވަރު ބަލައިގެން. މި ތެޔޮ ފޮދުވެސް ހުސްވެއްޖިއްޔާ ކަރަންޓުގެ ޚިދުމަތް އެއްކޮށް ކެނޑޭނެ. އައިސީޔޫއާއި ނަރސަރީތައް ޤަބުރުސްތާނުތަކަކަށް ބަދަލުވާނެ.
ޑރ އަބޫ ޚައްޠާބު؛ ނާޞިރު ހޮސްޕިޓަލުގެ މެޓަރނިޓީ އެންޑް ނަރސަރީ ޔުނިޓްގެ އިސްވެރިޔާ

ސަމާ ގިސްތާއަކީ ނާޞިރު ހޮސްޕިޓަލުގެ ފޫޅުމައެކެވެ. އިންޓަރވިއު ދިން އިރު، އޭނާގެ ބަނޑަށްވެސް 9 މަސް ފުރިއްޖެއެވެ. ސަމާވެސް ދެއްކީ ހަމަ އެއް ވާހަކަތަކެކެވެ. ޣައްޒާގެ އުތުރުން ފައިބަން މަޖުބޫރުވި އެތައް ސަތޭކަ ހާސް ބަޔަކު، ދެކުނުގައި ވަގުތީ ހިޔާވަހިކަން ހޯދަމުން ދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ޕޭޝަންޓުންގެ ޢަދަދު އިންތިހާއަށް އިތުރުވެފައި އޮތް ކަން، ސަމާ ފާހަގަ ކުރެއެވެ.

9 މަހުގެ ބަނޑަކާއެކުވެސް ވަޒީފާއަށް ނުކުތުމަށްޓަކައި ސަމާ ކުރަމުން ދަނީ ބުރަ ދަތުރެކެވެ. ނާމާން ދަތުރެކެވެ. އޭނާގެ ގެއިން ނުކުމެގެން ނާޞިރު ހޮސްޕިޓަލަށް ދަނީ ފައިމަގުގައެވެ. އެ ދަތުރަށް ގަޑިއެއްގެ އިރު ހޭދަވެއެވެ. ވިހަން ތައްޔާރުވެފައި އިން ޙާލު، ލޯ ކުރިމަތިން ފެންނަމުންދާ ބިރުވެރި މަންޒަރުތައް ފެނި، އެ ހިތަށް ފުން އަސަރުތަކެއް ވަނީ ކުރުވާފައެވެ.

ހޮސްޕިޓަލަށް އަންނަން ކާރަކަށް އަރަން، އަހަރެންގެ ގެއިން ނުކުމެގެން ކޮންމެ ދުވަހަކުވެސް 1 ގަޑިއިރަށް ހިނގަން ޖެހޭ. މާބަނޑު ޙާލުގަ، 1 ގަޑިއިރު ފައިމަގުގަ ހިނގަން މިޖެހެނީ ވަރަށް ނުރައްކާ ރާސްތާއަކުން. ބޮމާއި ބަޑީގެ ޙަމަލާތަކުގެ ތެރެއިން މި ހިނގަނީ. ލޯ ކުރިމަތީގަ ހުރިހާ ކަމެއް ވަނީ. ބައެއް ފަހަރު ދުވެފަވެސް ދާންޖެހޭ އެބަ. ދަރިފުޅު މި ދުނިޔެއަށް އުފަން ކުރަން ސިޒޭރިއަން ހަދަން އަހަންނަށް މަޖުބޫރު. އެފަދަ ޙާލެއްގަ، މީ އަހަންނާއި އަހަރެންގެ ބަނޑުގަ މި އޮތް ތުއްތު ދަރިފުޅުގެ ފުރާނައަށްވެސް ވަރަށް ނުރައްކާ ކަމެއް. އެކަން އެއްކިބައިގަ އޮއްވާ، ހޮސްޕިޓަލަށް އައިސް، މީހުން ވިއްސާ ހަދާއިރު އެ މައިންނާއި ދަރިން ތިބޭ ޙާލު އަހަންނަށް މި ފެންނަނީ ހަމަ ލޮލަށް. ވިހާއިރު މަރުވެފަ ތިބޭ ކުދިން މި ފެންނަނީ. މުޅި ހޮސްޕިޓަލު ތެރޭގަ މި އޮންނަނީ ޤަބުރު. ޝަހީދުކޮށްލާފަ ތިބި މީހުން. ޤަތުލުކޮށްފައި ވާ މާބަނޑު މީހުން. މާބަނޑުއިރު މިކަހަލަ މަންޒަރުތައް ފެނުނީމަ ވަރަށް އުނދަގޫވޭ.
ސަމާ ޤިސްޠާ؛ ނާޞިރު ހޮސްޕިޓަލުގެ ފޫޅުމައެއް، އަދި މާބަނޑު މީހެއް

އަލަށް އުފަންވި އެއްމާބަނޑު ދެބެންގެ ގައިގައި ބައްދާލައިގެން ހޮސްޕިޓަލު އެނދެއްގައި އެ އިނީ އަމާނީ އަބޫ މުޠުލަޤުއެވެ. އަމާނީ ބުނި ގޮތުގައި، އޭނާގެ ދަރިން ވަނީ ޛަރޫރީ އެތައް އެއްޗަކަށް ބޭނުން ޖެހިފައެވެ. އަމާނީގެ ޢާއިލާ އަތުގައިވެސް ހަމަ އެކައްޗެއްވެސް ނެތެވެ. އެ މީހުންނަކީ ޢުދުވާނުގެ ތެރޭގައި ގެދޮރު ގެއްލިދިޔަ މީހުންގެ ތެރޭގައި ހިމެނޭ ބަޔެކެވެ. ގެދޮރު ދޫކޮށް ނުކުތީ ހުސް އަތާއެވެ.

ވިހާ ނިމިއްޖެ، ދެން ކޮބާ އަހަންނަށް ލިބެން ޖެހޭ އެހީ؟ އަހަރެން ދަރިންކޮޅު ވަރަށް ޅަ. ސްކޫލުތަކުގަ ބައްޔެއް ފެތުރެންޏާ އެކުދިންނަށް ޖެހޭނެ. ދިފާޢީ ނިޒާމު ބަލިކަށިވީމަ. އަހަރެން މި ކުޑަކުޑަ ދަރިންނަށް، ކިރާއި ނެޕީވެސް ބޭނުންވޭ. 4 އަހަރާއި 6 އަހަރުގެ 2 ދަރިންވެސް ހުންނާނެ އަހަރެންގެ. ޙަމަލާއެއްގެ އަޑު އިވޭ ކޮންމެ ފަހަރަކު، އެ ދަރިފުޅުގެ ގަޔަށް ކުޑަކަމު ދެވޭ. އަލަށް މި އުފަންވި ދެބެންނާއި، ދޮއްޓަށް ތިބި ކުދިންނަށްވެސް މިހާރު އެބަ ނެޕީ ބޭނުންވޭ. އަހަރެން އަތުގަ ނެތް ލާނެ އެއްވެސް ހެދުމެއްވެސް. ދިރިއުޅެމުން ދިޔަ ގެއިން ނުކުންނަން ޖެހުނީ ހުސް އަތާ، ރަޖާގަނޑެއް، ފައިސާ ފޮއްޗެއްވެސް ނުލާ.
އަމާނީ އަބޫ މުޠުލަޤު؛ ނާޞިރު ހޮސްޕިޓަލުގައި އެއްމާބަނޑު ދެކުދިން ވިހޭ މަންމައެއް

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި އެންމެ ބޮޑު އަގެއް އަދާ ކުރަމުން ދަނީ އަންހެނުންނާއި ކުޑަ ކުދިންނެވެ. ޢުދުވާންތަކުގައި ފުރާނަގެއްލިދިޔަ މީހުންނަށް ބަލާއިރުވެސް ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ. އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި މައިންގެ ބަނޑަށް މަރުވި ކުދިންގެ ޢަދަދުވެސް މަދެއް ނޫނެވެ. އެއީވެސް ހަމަ ޓެރަރިސްޓުންތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް