ކ. މާލެ
|
19 ނޮވެންބަރ 2023 | އާދީއްތަ 10:29
ކެންސަރ ހޮސްޕިޓަލުން ނެރުނު ބައެއް ޕޭޝަންޓުން ބަދަލު ކޮށްފައި ވަނީ ތުރުކީވިލާތުގައި ވެރިކަން ކުރާ އަންކާރާއަށް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"ޕޭޝަންޓުން މެރުން ހުއްޓުވައިދީ": ޣައްޒާގެ ޑޮކްޓަރު ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލީ އަމަލުން ކަންކަން ބަދަލު ކުރަން!
ޑރ ޞުބްޙީ ވިދާޅުވީ، އެ ހޮސްޕިޓަލުން ނުކުމެގެން، ޚާން ޔޫނިސްއަށް ޕޭޝަންޓުން ކުރި ދަތުރަކީ "ނުރައްކާތެރި" ދަތުރެއް ކަމަށް، ދަތުރުމަތީގައި އެކަނިވެސް، 4 ޕޭޝަންޓެއް ނިޔާވި
ޣައްޒާގައި ތިބި ކެންސަރ ޕޭޝަންޓުންނަށް އެ ސިޓީ ތެރެއިން ފަރުވާ ލިބެން ހުރި ހަމަ އެކަނި ހޮސްޕިޓަލު މިހާރު ވަނީ ބަންދުކޮށްފައި

ކެންސަރު ބައްޔަކީ އަދާ ޖެހުނުއިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނެތް ބައްޔެކެވެ. ކެންސަރަކީ ހަށިގަނޑުގެ ބައެއް ސެލްތައް ކޮންޓްރޯލެއް ނެތި އުފެދެމުން ގޮސް، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރިގެންދާ ބައްޔެކެވެ. ކެންސަރު ބަލީގައި އުޅޭ މީހަކު ދުނިޔޭގެ ދިރިއުޅުމާ ކުރިމަތިލަނީ ހަށީގައި ނެތް ހިތްވަރު ނެރެގެންނެވެ. ކެންސަރު ބައްޔަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ނެތެއް ކަމަކު، ބަލި ޖެހިފައި ވާ މީހުންގެ ހަށިގަނޑުން ބަލީގެ އަސަރުތައް ކަނޑުވާލުމަށް ކުރެވެން ހުރި ކަމެއް ކޮށް، ޞިއްޙީ ގޮތުން އެމީހަކަށް ބޭނުންވާ އިތުރު ފަރުވާތައް ދެއެވެ. ނަމަވެސް، ކެންސަރަށް ފަރުވާ ކުރުމުގެ ޚިދުމަތަކީ، ކޮންމެ ކޮންމެ ހޮސްޕިޓަލަކުން ލިބެން ހުންނަ ޚިދުމަތްތަކެއް ނޫނެވެ.

ނަސްލު ދޮވެލުމުގެ ލާއިންސާނީ ޤަތުލުޢާންމުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގައި، ކެންސަރަށް ފަރުވާ ހޯދަމުން ދާ ޕޭޝަންޓުންގެ ދިރިއުޅުމަށް ކުރިމަތިވެފައި ވާ ނުތަނަވަސްކަން، ޚިޔާލަށް ގެންނަންވެސް ދައްޗެވެ. ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަށް ދޮޅުމަސް ވީ އިރު، ޙަމަލާތައް ހުއްޓާލާނެ ކަމުގެ އިޝާރާތެއް ފެންނަންވެސް ނެތެވެ. ލިބެމުން ދަނީ، ނުލަފާކަން އިތުރަށް ގަދަ ކުރާނެ ކަމުގެ އިޝާރާތްތަކެވެ. އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ޙަމަލާ ދީ، ޣައްޒާ ހަފުސް ކުރަމުން ދާ އިރު، އެޔެއް މިޔެއް ނުބަލައެވެ. ކުޑަ ކުއްޖެއްތޯ، އަންހެނެއްތޯ، ބަލި މީހެއްތޯއެއް ނުބަލައެވެ. ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާ ދެމުން ދާ އިރު، އެއީ މީހުން ނިދާ ހަދާ ގެއެއްތޯ، ނަމާދަށް އަރާ މިސްކިތެއްތޯ، ނުވަތަ އެއީ ބަލި މީހުންނަށް ފަރުވާ ދޭ ޞިއްޙީ މަރުކަޒެއްތޯއެއް ނުބަލައެވެ.

ޣައްޒާގައި ތިބި ކެންސަރ ޕޭޝަންޓުންނަށް އެ ސިޓީ ތެރެއިން ފަރުވާ ލިބެން ހުރި ހަމަ އެކަނި ހޮސްޕިޓަލު މިހާރު ވަނީ ބަންދުކޮށްފައެވެ. ކެންސަރ ޕޭޝަންޓުން ބަދަލު ކޮށްފައި ވަނީ ޚާން ޔޫނިސްގެ ހޮސްޕިޓަލަކަށެވެ.

އަހަރެމެންގެ ޕޭޝަންޓުންނަށް ވަރަށް ނިކަމެތި ޙާލު ޖެހިފަ ތިބީ، ގަސްތުގަ، ކަނޑައެޅިގެން ހޮސްޕިޓަލަށާއި ބަލި މީހުންނާއި ޞިއްޙީ ޚިދުމަތްތެރިންނަށް އިޒްރޭލުން ޙަމަލާ ދެމުން ދާތީ، އަހަރެމެންނަށް މަޖުބޫރުވި، އެހެން ތަންތަން ހޯދަން. އެ ހޯދި ހޯދުމުން ފެނުނީ ދާރު އަލް-ސަލާމް ހޮސްޕިޓަލް. ބައެއް ޕޭޝަންޓުން، ޝުހާދާ އަލް-އަޤްޞާ ހޮސްޕިޓަލަށްވެސް ބަދަލު ކުރެވުނު. މި ހޮސްޕިޓަލާ ކައިރި ވީމަ. ބައެއް ކޭސްތައް، ޑިސްޗަރޖްކޮށް، ހޮސްޕިޓަލުން ދޫކޮށްލާ، ވަގުތީ ހިޔާތަކަށް ފޮނުވާލަންވެސް މަޖުބޫރުވި. ކަން ދިމާ ކުރި ގޮތުން، އެތަނުން، 4 މީހަކު މި ދުނިޔެއާ ވަކިވެއްޖެ. އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބިގެން. ޙާލަތު ވަރަށް ގޯސްކޮށް އޮތީ އެކޮޅުގަ.
ޑރ ސުހާ ޝަތު؛ ޣައްޒާގެ ޑޮކްޓަރެއް

ޓަރކިޝް-ޕަލަސްޓީނިއަން ފްރެންޑްޝިޕް ހޮސްޕިޓަލުގުގެ ޑައިރެކްޓަރ، ޑރ ޞުބްޙީ ސަކީކް ވިދާޅުވީ، އެ ހޮސްޕިޓަލުން ނުކުމެގެން، ޚާން ޔޫނިސްއަށް ޕޭޝަންޓުން ކުރި ދަތުރަކީ "ނުރައްކާތެރި" ދަތުރެއް ކަމަށެވެ. ދަތުރުމަތީގައި އެކަނިވެސް، 4 ޕޭޝަންޓެއްގެ ފުރާނަ މި ދުނިޔެއާ ވަކިވެ ދިޔަ ކަން، ޑރ ޞުބްޙީ ވަނީ ފާހަގަކުރައްވާފައެވެ.

ކެންސަރ ހޮސްޕިޓަލުން ނެރުނު ބައެއް ޕޭޝަންޓުން ބަދަލު ކޮށްފައި ވަނީ ތުރުކީވިލާތުގައި ވެރިކަން ކުރާ އަންކާރާއަށެވެ. އެ 27 މީހުން އަންކާރަށް ވައިގެ މަގުން ދަތުރު ކުރީ މިޞްރުން ފުރައިގެންނެވެ. ޣައްޒާއިން މިޞްރަށް ދިޔައީ ރަފަޙު ބޯޑަރުންނެވެ.

ކޮންމެއަކަސް، ޣައްޒާގެ ޙާލަތު ވަރަށް، ވަރަށް، ވަރަށް ގޯސްކޮށް އޮތީ. ކާރިޘީ ޙާލަތުގަ މި އޮތީ. މީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާ ގޮވާލުމެއް. އާދޭސް ކޮށްފަ ބުނަން، ޣައްޒާ ސަލާމަތްކޮށްދީ. ޣައްޒާގެ ޙައްޤުގައި ވާހަކަދައްކައިދީ. އެމީހަކަށް ކުރެވުނު ކޮންމެ ކަމެއްވެސް ކޮށްދީ. ހެޔޮނުވާނެ. ކޮންމެ އެއްޗެކޭވެސް އަނގައިން ކީ ދާނެ. އަހަރެމެންނަށް އެ އަޑުތައްވެސް އިވޭ. ވަރަށް ޝުކުރު އެހެންވީމަ. އެކަމަކު، އަހަރެމްނަށް ޙަޤީޤަތުގަ ބޭނުން ވަނީ، ކަލޭމެން އައިސް، ޣައްޒާގައި ހިންގާ ޖަރީމާ ހުއްޓުވާލުން. ޣައްޒާގެ ރަށްވެހިން ޤަތުލު ކުރަމުން ދާ ދިއުމަށް ނިމުމެއް ގެނެސްދިނުން. އަހަރެމެންގެ ބަލި މީހުން މެރުން ހުއްޓުވާދިނުން. އަހަރެމެންގެ ކެންސަރ ޕޭޝަންޓުން މެރުން ހުއްޓުވާލުން.
ޑރ ޑރ ޞުބްޙީ ސަކީކް؛ ޣައްޒާގައި މަސައްކަތް ކުރާ ޑޮކްޓަރެއް

ބާކީ ތިބި ޕޭޝަންޓުން، ޚާން ޔޫނިސްގެ ހޮސްޕިޓަލަށް ބަދަލު ކުރި އިރު، ބައެއް ޕޭޝަންޓުން ޑިސްޗާޖްވެސް ކޮށްފައި ވާ ކަމަށް ޚަބަރު ލިބެއެވެ. ޣައްޒާގައި ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ދެމުން ގެންދިޔަ އެންމެ ބޮޑު ހޮސްޕިޓަލަކީ، ތުރުކީވިލާތުގެ އެހީގައި އަޅާފައި ހުރި ހޮސްޕިޓަލެކެވެ.

ޔަހޫދީންގެ ނުބައި ރޭވުންތަކަށް، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދެމުން ދާ އެއްބާރުލުމާއެކު ޣައްޒާ ވަށާލާފައި ވަނީ އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް ފަދަ ގޮތަކަށެވެ. ދިރިއުމަށްޓަކައި ބޭނުންވާ އަސާސީ ޙައްޤުތަކުން ޣައްޒާގެ ރަށްވެހިން މަހްރޫމު ކޮށްފައި ވާ އިރު، އިންސާނަކަށް ވީތީ ލިބިދޭ ދިރި ހުރުމުގެ ޙައްޤުވެސް، ޣައްޒާގެ ރަށްވެހިންގެ ކިބައިން ވަނީ ނިގުޅައިގަނެފައެވެ. "ހަރުކަށި ޢިބާރާތުން ކުށްވެރި ކުރުން" ފިޔަވާ، ބައިނަލްއަޤުވާމީ ފެންވަރުގެ ލީޑަރުންނާއި، މުޖުތަމަޢަށް، ޢަމަލީ ގޮތުން ކުރެވުނު ހަމަ އެއްކަމެއްވެސް ނެތޭ ދެންނެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް