ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 17:53
ޝަބާތުގެ ބަލަދުވެރިއެއްގެ މަޤާމުގައި ހުރީ ބޮޑުބޭބެ، އިބްރާހީމް އަބޫ އަމްޝާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޢުމުރުން އެންމެ 4 އަހަރު، 2 ފަހަރަށް ބޮމުގެ ޝިކާރައަކަށްވެ، ޔަތީމުވެ، ނުކުޅެދޭ ހާލަތަށް: ދެންވެސް ބުނަންވީ ނަފުސުގެ ދިފާއަށޭ؟
 
ޝަބާތުގެ މައިންބަފައިން މި ދުނިޔެއާ ވަކިވެ ދިޔައީ ޣައްޒާގެ އިރުތުރުގައި އޮންނަ ބައިތު ހަނޫން އަވަށުގައި ހުންނަ އެމީހުންގެ ގެޔަށް އިޒްރޭލުން ދިން ޙަމަލާގައި
 
ގޮވުމުގެ ބާރުގަދަކަމުން، ޝަބާތު ވިއްސައިގެން ދިޔައީ ޖެހިގެން ހުރި ގެއަށް، އެ ޙާދިޘާގައި އެ ޢާއިލާއިން ޖުމުލަ 17 މީހަކު ވަނީ މި ދުނިޔެއާ ވަކިވެފައި

މިއީ ޣައްޒާއަށް އުފަން، ޢުމުރުން އެންމެ 4 އަހަރުގެ އަހުމަދު ޝަބާތުގެ ވާހަކައެވެ. ޝަބާތުގެ ހިތާއި ހަށިގަނޑުގައި މިއަދު އަޅަމުން އެދާ ވޭނަކީ، އެހެން މީހެއްގެ ދުލާއި ގަލަމުން ބަޔާން ކޮށްދެވޭނެ ވަރަށް ވުރެ ގަދަފަދަ ވޭނެކެވެ. ޢުމުރުން 40 އަހަރުގެ ފިރިހެނަކަށްވެސް ކަރު ހިފަހައްޓާލައިގެން، ޝަކުވާއެއް ނުކޮށް ހުންނަން ދަތި ވާނެ ވޭނެކެވެ.

ޝަބާތު އެދެމުން ދިޔައީ އޭނާގެ މައިންބަފައިންނާ ބައްދަލުކޮށްލުމަށެވެ. އޮތް ތަނުން ތެދުވެ ހިނގާލާށެވެ. ނަމަވެސް، ޝަބާތުގެ މައިންބަފައިން މިއަދު މި ދުނިޔެއަކު ނެތެވެ. އޭނާގެ ދެފައިވެސް ވަނީ ބުރިކޮށްލާފައެވެ.

ޝަބާތުއަކީ، ޓެރަރިސްޓު ޖަމާޢަތެއް ކަމަށް ސިފަކޮށް، ޙަމާސް ޖަމާޢަތް ނެތިކޮށްލުމުގެ ނަމުގައި ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޣައިރު ޤާނޫނީ، ލާއިންސާނީ ޖަރީމާގައި ޝިކާރައަކަށް ވެފައިވާ އެތައް ސަތޭކަ ހާސް ކުޑަ ކުދިންނެއްގެ ތެރެއިން ކުއްޖެކެވެ. ފުރާނަ ހުއްޓެއްކަމަކު، އެ މައުސޫމު ހަށިގަނޑުގައި މިއަދު އެއްވެސް ދިރުމެއް ނެތެވެ.

ޝަބާތުގެ މައިންބަފައިން މި ދުނިޔެއާ ވަކިވެ ދިޔައީ ޣައްޒާގެ އިރުތުރުގައި އޮންނަ ބައިތު ހަނޫން އަވަށުގައި ހުންނަ އެމީހުންގެ ގެޔަށް އިޒްރޭލުން ދިން ޙަމަލާގައެވެ. މިއަދު، ޝަބާތުގެ ބަލަދުވެރިއެއްގެ މަޤާމުގައި ހުރީ ބޮޑުބޭބެ، އިބްރާހީމް އަބޫ އަމްޝާއެވެ.

އިޒްރޭލުން ދިން ވައިގެ ޙަމަލާގެ ވާހަކަތައް ކިޔައިދެމުން އަބޫ އަމްޝާ ބުނީ، ގޮވުމުގެ ބާރުގަދަކަމުން، ޝަބާތު ވިއްސައިގެން ދިޔައީ ޖެހިގެން ހުރި ގެއަށް ކަމަށެވެ. އެ ޙާދިޘާގައި އެ ޢާއިލާއިން ޖުމުލަ 17 މީހަކު ވަނީ މި ދުނިޔެއާ ވަކިވެފައެވެ. ސަލާމަތްވީ ޝަބާތުއާއި އޭނާގެ 2 އަހަރުގެ ފިރިހެން ކޮއްކޮއެވެ.

ކޮންމެ ދުވަހަކުވެސް ޝަބާތު އެ ދަނީ އޭނަގެ ބައްޕަ ކޮބައިތޯ، މަންމަ ކޮބައިތޯ ސުވާލު ކުރަމުން. ހަމަ ކޮންމެ ދުވަހަކުވެސް. އެކަމަކު، އަހަރެމެން އެބަ ވަރަށް މަސައްކަތް ކުރަން، އެ ހަނދާންތަކާ ޝަބާތު ދުރުކުރެވޭތޯ. މިއަދު އޮތް ޙާލަތުގަ ދިރިއުޅެން ދަސްކޮށްދެވޭތޯ އެބަ ވަރަށް ބަލަން. ކިތަންމެ ފަހަރަކު އަހަރެން ގާތު ބުނެފި، އެނދުން ތެދުވެ، ހިނގާލަން ބޭނުންވާ ވާހަކަ. އެއް ފަހަރަކު ނޫން. އެތައް ފަހަރަކު. އަހަރެން މި ބުނަނީ، ފައި ރަނގަޅުވެލަން ދެން އަދި މަޑުކޮށްލާށޭ. ނޫނީ ބޭސްކޮޅެއް ކާލެވެން ދެން މަޑުކޮށްލާށޭ. ދެފައި ނެތް ކަމުގެ އިޙްސާސެއް ޝަބާތަކަށް ނުކުރެވޭ. އަހަރެމެން އެބަ ޖެހޭ ވަރަށް ގަދަ އަޅާ މަސައްކަތް ކުރަން. މައިންބަފައިންގެ ހަނދާންތަކާ ދުރު ކުރަން މަސައްކަތް ކުރާހެން، މިކަމުން ދުރު ކުރަންވެސް އެބަ ޖެހޭ ވަރަށް މަސައްކަތް ކުރަން.
އިބްރާހީމް އަބޫ އަމްޝާ؛ ޝަބާތުގެ ބޮޑުބޭބެ

އޮކްޓޯބަރ 7 ވަނަ ދުވަހު، ޣައްޒާއާ ދެކޮޅަށް ޔަހޫދީން ޤަތުލުޢާންމު ފެށުމުގެ ކުރިން، ބައިތު ހަނޫންއަކީ، 52000 އަށް ވުރެ ގިނަ މީހުން ވަޒަންވެރިވެގެން އުޅުނު އަވަށެކެވެ. އިޒްރޭލު އަސްކަރިއްޔާގެ ޙަވާލުގައި، ބައިތު ހަނާން ސަރަޙައްދު ބަލައިލުމުގެ ފުރުޞަތު ދިން އިޒްރޭލުގެ ނޫސްވެރިއަކާ ޙަވާލާދީ، ރޮއިޓާޒްއިން ރިޕޯޓް ކުރި ގޮތުގައި، އެ ސަރަޙައްދުގައި މިހާރު އިންސާނަކަށް ދިރިއުޅެވޭނެ ގޮތަށް ހުރި ހަމަ އެންމެ ތަނެއްވެސް ނެތް ފަދައެވެ.

ޝަބާތުއާއި، އޭނާގެ 2 އަހަރުގެ ކޮއްކޮގެ ކަންކަން ބެލެހެއްޓުމާ ހަވާލުވީ އަބޫ އަމްޝާއާއި، ދުރުތާ ތިމާގެ މީހުންނެވެ. ދެބެން ގެންދިޔައީ ނުސައިރާތު ރެފިއުޖީ ކޭމްޕަށެވެ. އެއީ ޣައްޒާގެ ދެކުނުގައި އޮންނަ ކޭމްޕެކެވެ. އެވަރުންވެސް ޝަބާތަށް ހަމަޖެހުމެއް ނުލިބުނެވެ. އެތަނަށްވެސް އިޒްރޭލުގެ ޙަމަލާ އަމާޒު ކުރިއެވެ.

މި ކުއްޖާފުޅު ވަނީ ބައިތު ހަނޫނަށް ދިން ބޮމުގެ ޙަމަލާގެ ޝިކާރައަކަށް ވެފަ. ޢާއިލާގެ ހުރިހާ މެންބަރުން މި ދުނިޔެއާ ވަކިވެ ހިނގައްޖެ. އަހަރެމެން، އޭނަގެ ބޮޑުބޭބެމެން މި ޙަވާލުވީ ބަލަދުވެރިކަމާ. ދެކުނަށް ބަދަލު ކުރީމަ، އަނެއްކާ ދެކުނަށްވެސް ބޮމުގެ ޙަމަލާ ދީފި. މި ދަރިފުޅަށް ގެއްލުނީ ހަމަ އެކަނި މައިންބަފައިންނެއް ނޫން. އޭނަގެ 2 ފައިވެސް. މީ އަދި ކުޑަކުޑަ ކުއްޖެއް ވިއްޔާ. މި ޙާލު ޖައްސަން، މި ކުއްޖާ އަޅެ ކީއްތަ ކުރީ؟ ރަޙުމެއް ނެތް އިޒްރޭލުން 2 ފަހަރަށް މި ކުއްޖާ ޤަތުލުކޮށްފިއޭވެސް ބުނެވިދާނެ. އަހަރެމެންގެ އުންމީދަކީ، ﷲގެ ރަޙުމަތުން، މި ކުއްޖާފުޅު އަވަހަށް ރަނގަޅުވުން. އަދި ދިރިއުޅުން ލުއިފަސޭހަކޮށްދެއްވުން.
އިބްރާހީމް އަބޫ އަމްޝާ؛ ޝަބާތުގެ ބޮޑުބޭބެ

ޝަބާތުގެ ދެފަޔަށް ބޮޑެތި އަނިޔާތަކެއް ލިބުނީ 2 ވަނަ ޙަމަލާގައެވެ. އެ ތުއްތު ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގޯސްވުމުން، ދީރް އަލް-ބަލާހްގައި ހިންގަ ޝުހާދާ އަލް-އަޤްޞާ މިސްކިތަށް އޭނާ ގެންދިޔައެވެ. އެހާ ހިސާބުން، ޝަބާތުގެ ކަންކަމާ ޙަވާލުވީ ކަށީގެ އޮޕަރޭޝަންތަކަށް ޚާއްޞަ، ޑރ އަހުމަދު ޒައްޔާންއެވެ.

ޝަބާތުގެ 2 ފައި ބުރިކޮށްލުމަށްޓަކައި އޮޕަރޭޝަން ކުރަން ހަމަޖެހުނު ތަނަކީ، ވަޞީލަތްތަކާއި ޢާލާތްތައް ފުރިހަމަވެފައި އޮތް ތިއޭޓަރެއް ނޫނެވެ. އެ ތަނަކީ، ޢާންމު ގޮތެއްގައި، ވިއްސާ ކޮޓަރިއެއްގެ ގޮތުގައި ބޭނުން ކުރާ ތަނެކެވެ.

އަހަރެމެންނާ ހިސާބަށް މި ކުއްޖާ ގެނެވުނު އިރު، އާ ޒަޚަމްތަކެއް ލިބިފަ އޮތީ. ދެފައިވެސް ބުރިވެފަ އޮތީ މުޅިން. އޮޕަރޭޝަން ކުރަން ޖެހުނީ، އެކަމަށް ޚާއްޞަ ތަނެއްގަވެސް ނޫން. އެއީ ވިއްސާ ކޮޓަރިއެއް. ފައި ބުރިކޮށްލަން ޖެހުނީ، ލިބިފަ އޮތް ޒަޚަމްތަކުގެ ބޮޑު ކަމުން. ކަނާތު ފަޔާއި ވާތު ފައިވެސް ބުރިކޮށްލަން ނިންމީ، ކަކުލުހުޅުގެ މަތިން.
ޑރ އަހުމަދު ޒައްޔާން؛ ކަށީގެ ސަރޖަންއެއް

އިންސާނީ ވަޞީލަތްތަކުގެ ތަނަވަސްކަންވެސް އެހާމެ ދައްޗެވެ. ނަމަވެސް، ފަނޑުވެ ނުދަނީ، ކުރެވޭ އުންމީދުތަކެވެ.

ޞިއްޙީ ޚިދުމަތްތެރިން މިތިބީ ވަރުބަލުވެ، ދެފުށްޖެހިފަ. އެކަށީގެންވާ ޢަދަދަކަށް މުވައްޒަފުންނެއް ނެތް. ބައެއް މީހުން ޝަހީދުވެ ހިނގައްޖެ. އަނެއް ބަޔަކު ތިބީ ޒަޚަމްވެފަ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ހޭނައްތާ ޑޮކްޓަރުންވެސް އޭގެ ތެރޭގަ ހިމެނޭ... މިކަންކަން މިހެން ހުރި އިރު، މިހާ ކުޑަ ކުއްޖެއްގެ ހަށިގަނޑުގަ، މި ކަހަލަ ބޮޑު އޮޕަރޭޝަނެއް ކުރުމަކީވެސް މާ ފަސޭހަ ކަމެއް ނޫން. ލޭ ހޮޅިތަކާއި، ލޭ ނާރުތައް ހުންނަ ތަންތަން އެބަ ރަނގަޅަށް ދެނެގަނެ، ވަކި ކުރަން އެބަ ޖެހޭ. އެއީ ވަރަށް ވަގުތު ނަގާ ކަމެއް. އަހަރެމެން މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް އޮޕަރޭޝަން ނިންމާލެވޭތޯ. އެއީ ޒަޚަމްވެގެން އެ ކުއްޖާގެ ހަށިގަނޑުން ގިނަ ޢަދަދަކަށް ލޭ ބޭރުވީމަ، އަލުން ލޭ އަޅަންވެގެން. ނުވިތާކަށް، ޒަޚަމްވެފަ، ފަރުވާއެއް ނުދެވި އޮތީ ކިހާއިރެއް ވަންދެން ކަމެއްވެސް ޔަޤީނެއް ނުވޭ. އުންމީދަކީ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ދިއުން. އަދި ކަންކަން ދަނީ ހަމަ ރަނގަޅަށް.
ޑރ އަހުމަދު ޒައްޔާން؛ ކަށީގެ ސަރޖަންއެއް

އޮޕަރޭޝަނަށް ފަހު ޝަބާތު މިހާރު އޮތީ ރަނގަޅުވުމުގެ މަރުހަލާގައެވެ. ޝަބާތު އޮތް އެނދުކައިރީގައި ބޮޑުބޭބެ ހުއްޓެއް ކަމަކު ޝަބާތުގެ ހިތަކަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ނުލިބޭކަން، އެ މައުސޫމު މޫނުން ސާފުވެއެވެ. ބޮޑުބޭބެ ފިރުމުންތަކުން، އެ ހިތަށް ލިބޭ ކުޑަވެސް ތަސައްލީއެއް ނެތެވެ. މާއްދީ އުފާ ލިއްބައިދޭ ކުޅޭ އެއްޗަކުންވެސް މިއަދު އެ މޫނަށް ހިނިތުންވުމެއް ގެނެވޭ ގޮތެއް ނުވެއެވެ.

ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމުގެ ނަމުގައި ޔަހޫދީ އިޒްރޭލުން އެއްގަމާއި، ކަނޑާއި ވައިގެ މަގުން ޙަމަލާ ދީ، ޣައްޒާ ހަފުސްކޮށް، އަދިވެސް ހިތް ނުފުރިގެން އުޅޭ އިރު މި ދުނިޔެއާ ވަކިވެދިޔައީ ކިތަންމެ މީހުން ކަމެއް ކަށަވަރުކޮށް ދަންނަވާކަށް ނޭނގެއެވެ. ލިބިފައިވާ މަޢުލުމާތަށް ބަލާއިރު، މަރުވި މީހުންގެ 40 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިސާ ކުރަނީ ކުޑަ ކުދިންނެވެ.

ފުރާނަ ގެއްލި ނުދިޔައެއް ކަމަކު، ޝަބާތު ފަދަ އެތައް ކުދިންނެއްގެ ކުރިމަގު މަރާލައިފިއެވެ. މިއަދު އެ ކުއްޖާފުޅުގެ މައިންބަފައިންނެއް މި ދުނިޔެއަކު ނެތެވެ. ޙަޔާތުގެ އެންމެ އުންމީދީ ދުވަސްތައް ކުރިޔަށް އޮތް އިރު، އަމިއްލަ އިހުތިޔާރުގައި އެންމެ ފިޔަވަޅެއްވެސް އެޅޭކަށް ނެތެވެ. މި ދައްކަނީ، ޢުމުރުން އެންމެ 4 އަހަރުގެ ތުއްތު ކުއްޖެއްގެ ވާހަކައެވެ. އެ ކުއްޖާގެ ކުށަކީ ކޮބައި ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް