ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 09:30
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީ
ފްލެޓް ދޫކުރުން ހުއްޓާލުމަށް އެންގުން
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކުރުން ހުއްޓާލުމަށް އޭސީސީން އަންގައިފި
ބުދަ ދުވަހުގެ ރޭ ފްލެޓު ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ވަނީ ނަގާފައި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ވަނީ ފްލެޓާއި ގުޅުންހުރި ހުރިހާ ކަމެއް ހުއްޓާލުމަށް އަންގައި ހައުސިންގ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.

އޭސީސީން ބުނީ މައްސަލައާ ގުޅިގެން ކޮމިޝަނުން ބެލިބެލުމުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާކަމަށް ކަނޑައަޅައި އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާ ކަމާއި، ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން ހުރި ހާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން ވަނީ އަންގާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކުރުން ހުއްޓާލުމަށް އޭސީސީން އަންގާފައިވާއިރު، ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓު ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ވަނީ ނަގާފައެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފްލެޓް ލިބުމަށް ހޮވިފައިވާނަމަ، ލިބޭނީ ދެމަފިރިންނަށް 1 ފްލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފްލެޓް އެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފްލެޓްގެ މަހު ކުއްޔަކީ 7000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއާއެކު ޖުމްލަ 8000 ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއާއެކު ޖުމްލަ 6000 ރުފިޔާއެވެ.

ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފްލެޓް ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު އެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 (ތިންސަތޭކަ) މަސް ނުވަތަ 25 އަހަރެވެ.

- ކޮމެންޓް