ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 21:50
ފިނި މޫސުމާއެކު ޣައްޒާއަށް ވަނީ ވާރޭ ވެހެން ފަށާފައި
ފިނި މޫސުމާއެކު ޣައްޒާއަށް ވަނީ ވާރޭ ވެހެން ފަށާފައި
ރޮއިޓާރސް
ޣައްޒާއަށް ވާރޭ ވެހުން
"ސާފު ބޯފެން ފޮދެއް ނުލިބޭތާ މަހަކަށް ވުރެ ގިނަ ދުވަސް... މީ ﷲ އިރާދަކުރެއްވި ބަރާކާތުގެ ވާރޭ"
 
ދުވާލުގެ ވަގުތުތަކުގައި ފިނިހޫނުމިން އުޅެނީ 23 ޑިގްރީ ސެލްސިއަސްގައި، ރޭގަނޑުގެ ވަގުތުތަކުގައި 19 ޑިގްރީ ސެލްސިއަސްގައި
 
ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން
 
އެތައް ބަޔަކު ދަނީ ކައިބޮއެ ހެދުމުގެ ބޭނުންތަކަށްޓަކައި ވާރޭފެން ރައްކާ ކުރަމުން

ނޮވެމްބަރު މަހުން 14 ވީ އަންގާރަ ދުވަހަކީ ޔަހޫދީ އިޒްރޭލުގެ މުށްދަށުލައި، އެޔެއް މިޔެއް ބެލުމެއް ނެތި ޢުދުވާނީ ޙަމަލާތައް ދީ، ސުންނާފަތިކޮށްފައި ވާ ޣައްޒާއަށް މި އަހަރުގެ ފިނި މޫސުން ފެށުނު ދުވަހެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ދިރިއުޅުމުގެ އެންމެ ޛަރޫރީ ޚިދުމަތްތައްވެސް ފުރިހަމަވާން ނެތް ވަގުތީ ހިޔާތަކުގައި ތޮއްޖެހިގެން ދިރިއުޅުން ނޫން ގޮތެއް ނެތެވެ.

ފިނި މޫސުމާއެކު ޣައްޒާއަށް ވަނީ ވާރޭ ވެހެން ފަށާފައެވެ. އެއީ ވަގުތީ ފޭލިގެތަކާއި ޖިފުޓިތަކުގައި ދިރިއުޅެން މަޖުބޫރުވެފައި ވާ އެތައް ބަޔަކަށް ނުތަނަވަސް ގެނުވާ ކަމެއްވެސްމެއެވެ. ގަދަ ފިނީގެ އިތުރުން، ޓެންޓުތަކުގައި ފެންބޮޑުވުމުގެ ބިރުވެސް އިންތިހާއަށް ބޮޑެވެ. ނަމަވެސް ސާފު ބޯފެން ފޮދެއްގެ މިންވަރު ނުލިބި މަސްދުވަސް ގުނި ޣައްޒާގެ ރަށްވެހިންނަށް، މި ވިއްސާރައަކީ ނިއުމަތެއްވެސްމެއެވެ. އެތައް ބަޔަކު ދަނީ ކައިބޮއެ ހެދުމުގެ ބޭނުންތަކަށްޓަކައި ވާރޭފެން ރައްކާ ކުރަމުންނެވެ.

ދީރް އަލް ބަލާހްގައި ހުންނަ ޝުހާދާ އަލް-ޤުދްސް ހޮސްޕިޓަލް ކައިރީގައި އަޅާފައިވާ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުން ދަނީ ޓެންޓު ތެރެއަށް ފެން ފޭބިޔަ ނުދިނުމަށްޓަކައި، ޕްލާސްޓިކް ރަޖާތަކުން ޓެންޓުތައް ނިވާކޮށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް، އެމީހަކަށް ވީ ގޮތަކަށް މަސައްކަތް ކުރަމުންނެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން މިތަނަށް ވާރޭ ވެހުނު. ﷲ އަށް ޙަމްދު ހުރި. މީ އެކަލާންގެ ލެއްވި ރަޙުމަތެއް. ޓެންޓު ހިޔާކޮށްލާ، ކުޑަކޮށް މަރާމާތުކޮށް ހަދާލީ މި. ގެދޮރު ގެއްލުނުތާ މިހާރު 30 އަށްވުރެ ގިނަ ދުވަސް ވެދާނެ. މި ވިއްސާރައަކީ، މާތްގެ ޙަޟްރަތުން އަހަރެމެންނަށް ލިބުނު ރަޙުމަތެއް. ސާފު ބޯފެން ފޮދެއް ބޯލުމުގެ ޙައްޤުވެސް އަހަރެމެންގެ އަތުން ނިގުޅައިގެންފަ އޮތް އިރެއްގަ، ބައެއް މީހުން ދަނީ، ބުއިމަށްޓަކައި ވާރޭ ފެން ރައްކާ ކުރަން މަސައްކަތް ކުރަމުން.
ގެދޮރު ގެއްލިފައި ވާ ޣައްޒާގެ ރަށްވެއްސެއް

ވެހެމުންދާ ވާރޭއިން ސަލާމަތް ވުމަށް އުއްމު މުޙައްމަދު ޝާހީން، އޭނާ ދިރިއުޅެމުންދާ ޓެންޓުގެ މެދަކާ ހިސާބަށް، ކާރު ޓަޔަރެއް ވެއްދިއެވެ. ޓަޔަރު މަތީގައި ރަޖާގަނޑެއް އެޅުމަށްފަހު އޭގެ މަތީގައި އޭނާ އިށީނދެލައިގެން އިނީއެވެ. އޭނާގެ އުނގުގައި، 2 އަންހެން ދަރިން ބޯ އަޅާލައިގެން އެ އޮތް ގޮތަށް މުޅި ރޭ ހޭދަ ކުރިއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލުން ޢުދުވާނީ ޙަމަލާތައް ދޭން ފެށުމާއެކު އެތައް ސަތޭކަ ހާސް ބަޔަކު، އުތުރު ޣައްޒާ ދޫކޮށް، ދެކުނަށް ދަތުރު ފެށީ، އިންތިހާ ގަދަ ހޫނުގައެވެ. މާ ގިނަ އެއްޗެއްސެއްވެސް އެމީހުންގެ އަތުގައި ނެތް ޙާލުގައެވެ. އުއްމު މުޙައްމަދު ބުނި ގޮތުގައި އޭނާގެ 2 އަންހެން ދަރިންގެ އަތުގައި މުޅިންވެސް ހުރީ ހޫނު މޫސުމުގައި ލައި އުޅެވޭ ޒާތުގެ ހެދުމެވެ. ފިނި މޫސުމުގައި ހަށިގަނޑަށް ބޭނުންވާ ހޫނު ލިއްބައިދޭނެ ފަދަ އެންމެ ފޭރާމެއްވެސް އެކުދިންގެ އަތަކު ނެތެވެ.

ވާރޭ ވެހެން ފެށީމަ، ބޭރު ފަރާތް ބައްދާލީ، ވެލި އަޅައިގެން. އޭރުން އެތެރެއަށް ފެންގަނޑު ދެމި ނުގަންނާނެތާ. އަހަރެންގެ އެބަ ތިބި ކުޑަކުޑަ 2 އަންހެން ކުދިން. މިތަން އެހާ ފިނި. އެކުދިން އެ ތިބެނީ ފިނި މޫސުމަށް ލާ އަންނައުނުވެސް ނުލާ. ހަމަ އެކަނި، ހޫނު މޫސުމުގެ ހެދުންކޮޅެއް ލައިގެން. ހަދާނެ ހަމަ އެއްވެސް ގޮތެއް ނޭނގެ. މުޅި ރޭގަނޑުގެ ހުރިހާ ވަގުތެއްވެސް ވަރަށް ފިނި މިތަނަށް.
އުއްމު މުޙައްމަދު ޝާހީން؛ ގެދޮރު ގެއްލިފައިވާ ޣައްޒާ ރަށްވެއްސެއް

ކިތަންމެ ދަތި ޙާލެއްގައި އުޅެން ޖެހުނު ކަމުގައި ވީ ނަމަވެސް، ޣައްޒާއަށް މިހާރު ކުރަމުން ދާ ވިއްސާރައަކީ އެ ރަށުގެ ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އެމީހުންނަށް ލެއްވި ނިޢުމަތެކެވެ. އަތު ޖެހުނު ސާފު ބާލިދީއެއް ހޯދައިގެން ބޯފެން ނެގުމުގެ މަސައްކަތުގައި އަވަދިނެތި އުޅެން ފެށިއެވެ. ސާފު ބޯފެން ފޮދެއް ނުލިބި، މޫދު ލޮނު ބޮއެގެން އެތައް ހަފުތާއެއް އުޅުނު މީހުން އޭގެ ތެރޭގައި ހިމެނެއެވެ.

ސާފު ބޯފެން ފޮދެއް ނުލިބޭތާ މަހަކަށް ވުރެ ގިނަ ވެއްޖެ. އަހަރެމެން ބޭނުން ކުރަމުން އައީ ފާޚާނައިގަ ހުންނަ ލޮނުފެން. މި ބާލިދީގަ މީ ސާފު، ފެން. ވާރޭ ވެހުނުއިރު ފެން ނަގާފަ. މާތް ﷲ އިރާދަކުރެއްވި، ބަރަކާތުގެ ވާރޭ. ބޭރަށް ނުކުމެ ފެން ނެގީ. ހުރިހާ ނިޢުމަތްތަކެއްގެ ވެރި ﷲ އަށް ޙަމްދު ހުރި.
އުއްމު މުޙައްމަދު ޝާހީން؛ ގެދޮރު ގެއްލިފައިވާ ޣައްޒާ ރަށްވެއްސެއް

ޣައްޒާގެ ފިނިހޫނުމިން ހުރި ގޮތަށް ބަލާއިރު، ދުވާލުގެ ވަގުތުތަކުގައި ފިނިހޫނުމިން އުޅެނީ 23 ޑިގްރީ ސެލްސިއަސްގައެވެ. ރޭގަނޑުގެ ވަގުތުތަކުގައި 19 ޑިގްރީ ސެލްސިއަސްއަށްވެސް ދަށަށް ދެއެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތް ނައްތާލުމަށް ކަމަށް ބުނެ އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި ޣައްޒާއިން އެތައް ސަތޭކަ ހާސް ޢާންމުންނެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މަރުވި މީހުންގެ ގާތްގަނޑަކަށް 50 އިންސައްތަ ހިއްސާ ކުރަނީ ކުޑަ ކުދިންނެވެ. އިޒްރޭލުން ބުނާ ގޮތުގައި، ޢާންމުންގެ ފުރާނަ ގެއްލިދާ ދިއުމުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކީވެސް ޙަމާސް ޖަމާޢަތެވެ. އެއީ ޢާންމުންގެ ތެރޭގައި، ޙަމާސްގެ ހަނގުރާމަވެރިން ފިލާ އުޅޭތީ ކަމަށްވެސް ޔަހޫދީން ދަނީ ބުނަމުންނެވެ. އިޒްރޭލުގެ ތުހުމަތުތަކަށް ޙަމާސްއިން ދެކޮޅު ހަދައެވެ.

ނަފުސުގެ ދިފާޢުގައި ހަރަކާތްތެރިވުމުގެ ޙައްޤު، އިޒްރޭލަށް ލިބިގެން ވާ ކަމަށް، އެންމެ ހަރު އަޑުން އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ބުނަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުން އެ ދަނީ ނަސްލެއްގެ ވަސް މި ދުނިޔެއިން ފޮހެލުމަށް ހިނގާ ޤަތުލުޢާންމު ނޫން ދެވަނަ ޖަރީމާއެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް