Advertisement
ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 22:28
އަދީބާއި ޒިޔަތު
އަދީބާއި ޒިޔަތު
އަދީބާއި ޒިޔަތު މިނިވަންވުން
އަދީބާއި ޒިޔަތު މިނިވަންކުރުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެޅުނު ހުރަހެއް: ޓްރާންސްޕޭރެންސީ
ޓްރާންސްޕޭރެންސީން ބުނީ ވޭތުވެދިޔަ ފަސްއަހަރު ފެނުނީ ކަރަޕްޝަނަށް ފަހި ދުވަސްތަކެއް ކަމަށް

އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް މިނިވަންކުރުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަހުމަދު އަދީބާއި ޢަބްދުﷲ ޒިޔަތުގެ މައްޗަށް އިއްވާފައިވާ ހުކުމް، ރައީސް ޞާލިޙުގެ ދައުރު ހަމަވާން ހަތަރު ދުވަހަށް ވެފައިވާއިރު ލުއިކޮށްދިނުމަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ  ކަމެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ، މައާފު ދިނުމާއި އަދަބު ލުއިކުރުމުގެ ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިއްޕެވުމުގެ އިތުރުން، ސިޔާސީ އިއްޒަތްތެރިންގެ މަގާމުތަކާއި ނުފޫޒުގެ ނާޖާއިޒު ފައިދާ ނަންގަވާ ބޭފުޅުންނަށް ލިބިދޭ ހިމާޔަތާއި އަދަބާއި އިޚްތިޔާރު ރަމްޒުކޮށްދޭ ކަމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވާނެކަމަށް ވައުދުވެވަޑައިގެން ކަމަށާއި، ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ފެނިގެންދިޔައީ، ކޮރަޕްޝަނަށް ފަހި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތައް ހިމާޔަތްކުރައްވާތަން ކަމުގައި ކަމަށްވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ 281 މީހުންގެ ތެރޭގައި، ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ އޮފިޝަލުންނާއި، ފަނޑިޔާރުންނާއި، މަޖިލިސް މެމްބަރުން ހިމެނޭއިރު، އެ ޚިޔާނާތާ ގުޅިގެން ކުށް ސާބިތުވެފައިވަނީ އެންމެ ތިން މީހަކަށެވެ. ކަން މިހެން އޮތްއިރު، ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓުގައި ފައިސާ ގެއްލުނުގޮތުގެ ތަފްސީލުތައް ޝާއިއުކޮށްފައި ވީނަމަވެސް، ރަށްތައް ހޯދުމަށް ނުވަތަ އިންސާފުވެރި އެކުއިޒިޝަން ވެލިއުއެއް ހޯދުމުގެ މަސައްކަތްކުރެވިފައި ނުވާކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ބޮޑު ކޮރަޕްޝަނަށް މަގުފަހިކޮށްދީ ހިމާޔަތްކޮށްދިން ގާނޫނުތަކާއި، ގަވާއިދުތަކާއި، އާދަކާދަތަކުގެ ތެރޭގައި ހިމެނޭ ނިޒާމީ މައިގަނޑު ފަރަގުތައް ނައްތާލުމަށް މާ ބޮޑު މަސައްކަތެއް ކުރެވިފައި ނުވާކަންވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުުރުން، އެމްއެމްޕީއާރުސީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި އޭގެ ފަހުން ކުރި ތަހުގީގަށް އެނގިފައިވާގޮތުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގައި ހިމެނޭ އެތައް ބިލިއަން ރުފިޔާއަކީ އަދީބާއި ޒިޔަތު ރާއްވަވައިގެން ހިންގެވި ޖަރީމާއެއް ކަމުގައި ޓްރާންސް ޕޭރެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދީބާއި ޒިޔަތުގެ ކުށް މައާފްކޮށްދެއްވައި ދޫކޮށްލެއްވިއިރު، އެ ޚިޔާނާތުގެ ކުށްސާބިތުވެ 11 އަހަރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް ރައީސް ޞާލިޙު ދެއްވި ލުޔަކީ ވަގުތީގޮތުން ޖަލުން ގެއަށް ބަދަލުކުރެއްވުންކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް