މަޖިލިސް ކުރިއަށްގެންދަން ފުރުސަތު ނުދެއްވާ، ރިޔާސަތުގައި އެހެން ބޭފުޅަކު އިންނަވަން ވެސް ޖާގަދެއްވަން މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ދެކޮޅުހައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު އެޖެންޑާ ކޮށްފައި އޮތް ޖަލްސާ ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އެ ޖަލްސާގެ ނިޒާމު ނެތްކަމަށް ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވެ، ޖަލްސާ ވަނީ މެދުކަނޑާލައްވާފައެވެ.
އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މާހައުލު ނެތް ކަމަށް ވިދާޅުވެ، ޖަލްސާ މެދުކަނޑާލެއްވި ނަމަވެސް ރިޔާސަތު ދޫކުރައްވާ އީވާ ވަޑައިނުގަންނަވާ ކަމަށާއި އޭނާ އިންނެވީ މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އަމީން ޢާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅައި، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ތަޞައްވުރުކުރާ ގޮތް ކަމަށް ފެނިވަޑައިގަންނަވާކަމަށް ބަންޑާރަނާއިބު އިބްރާހީމް ރިފްއަތު ވެސް ވަނީ ލަފާދެއްވާފައެވެ.
އަމީންއާއްމަށް ބަންޑާރަނާއިބު ފޮނުއްވި ލަފާ ކޮމިޓީން ފާސްކޮށް އެގޮތަށް އަމަލުކުރަން އެންގެވި ނަމަވެސް ރިޔާސަތުގައި އިތުރު ބޭފުޅަކު އިންނަވަން ފުރުސަތު ދެއްވަން އީވާ ދެކޮޅު ހައްދަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.