ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރުމުގެ ނޯޓިސް އީވާގެ އިތުރުން، މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވައިފި އެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ސޮއިކުރައްވައި މެމްބަރުންނަށް ފޮނުއްވި ނޯޓިސްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާ އަށް، އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގެ ދަށުން، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކު ކުރުމުގެ ގަރާރުގެ ނޯޓިސް މެމްބަރުންނަށް އަރުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްގެ މަގާމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވަނީ 50 މެމްބަރުންގެ ސޮޔާއެކު، މިދިޔަ ހޯމަ ދުވަހު އެވެ.
އެގޮތުން އެމްޑީޕީން ހޯމަ ދުވަހު ހުށަހެޅި މި ޤަރާރުގައި ބުނެފައިވަނީ އީވާ އިންތިޚާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، ކެންޑިޑޭޓުންގެ އިޤުރާރުގައި ސޮއިކުރައްވައިގެން ކަމަށާއި އިންތިޚާބުވެވަޑައިގަތުމުން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް އެ އިޤުރާރުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އަމިއްލަފުޅަށް އެދިވަޑައިގެން، އެމްޑީޕީގެ މެންބަރުކަމުން އީވާ ވަކިވެވަޑައިގެންފައިވާތީ އެ އަމަލަކީ އެ އިޤުރާރާ ޚިލާފުވުންކަން އެނގެން އެބައޮތް ކަމަށެވެ.
އަދި އެމްޑީޕީ މެންބަރުން އީވާއަށް ވޯޓްދީފައިވަނީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުން މަތީ ދެމިހުންނެވުމާއެކު އެމްޑީޕީއަށް އިހްލާސްތެރިވެވަޑައިގަންނަވާނެ ކަމަށް އިތުބާރުކޮށްގެންކަމަށް ވީނަމަވެސް، އެމްޑީޕީން ވަކިވެވަޑައިގަތުމުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން އީވާއަށް ކުރަމުންދިޔަ އިތުބާރު ގެއްލިފައިވާކަމަށް ވެސް މި ޤަރާރުގައި ބުނެފައިވެއެވެ.
މި ޤަރާރުގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން، ނޮޅިވަރަން ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވަނީ ސޮއިކުރައްވާފައެވެ. އީވާ މަގާމުން ވަކި ކުރަން ހުށަހެޅި އިރު، އީވާގެ ދެބެންގެދެދަރި ބޭބެ އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާދެއްވާފަ އެވެ. މިހާރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ އެމްޑީޕީގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.