ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 11:35
ދަނާ އަބޫ ހުވައިދީއަކީވެސް ފުރާނަ ސަލާމަތް ކުރުމުގެ ޢަޒުމުގައި އެއްތަނުން އަނެއް ތަނަށް ބަދަލު ވަމުންދާ ޣައްޒާގެ ރަށްވެހިންގެ ތެރެއިން އެކަކު
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ފުރާނައިގެ އަގު ވަޒަން ކުރުމުގައި ޣައްޒާ ރަށްވެހިން ވަރެއް ހަމަ ނެތް!
 
އޭނާ ގެދޮރު ދޫކޮށް ނުކުތީ ބައިތު ހަނޫންގަ ވައިގެ ޙަމަލާތައް ގަދަވެގެން
 
އޭނާ ކިޔައިދިން ގޮތުގައި، އެމީހުން ދިރިއުޅެމުން މިދާ ދިރިއުޅުމާއި، އިޙްސާސްތައް ސިފަކޮށެއް ނުދެވޭނެ، ހުރިހާ އެއްޗެއް ދޫކޮށް، ކުރިއަށްދަނީ ހަމަ އެކަނި ފުރާނައާއެކީ

ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭ ވަގުތު، އަމިއްލަ ނަފްސު ސަލާމަތް ކުރުމަށް އަވަސްވެގަތުމީ ޢާންމު އިންސާނީ ޠަބީއްޔަތެވެ. ފުރާނަ ސަލާމަތް ކުރުމަށް، އެމީހަކަށް ވީ ގޮތަކުން މަސައްކަތް ކުރެއެވެ. ނޭވާ ހޮޅިއަށް އެޅިގެން ދާ ވަގުތުތަކުގައި، އަނެކާގެ ޙާލަކާ މެދު ވިސްނާލެވެނީ މަދު މީހަކަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް، ޔަހޫދީ އިޒްރޭލުގެ މުށްދަށުލާފައި އޮތް ޣައްޒާއިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.

އަމިއްލަ ނަފްސުގެ އަގު ވަޒަން ކުރާ ބީދައިން ނުވަތަ އެއަށްވުރެވެސް ފުރިހަމައަށް، އަނެކާގެ ފުރާނަ ސަލާމަތް ކުރުމުގެ ރޫޙު، ޣައްޒާގައި އޮތީ ޢާންމު ވެފައެވެ. އަނެކާއަކީ އިންސާނަކަށް ވިޔަސް، ޖަނަވާރަކަށް ވިޔަސް، ނުވަތަ ކުޑަކުޑަ ސޫތްޕަކަށް ވިޔަސް، ޣައްޒާގެ ރަށްވެހިން ތިބީ، އެންމެ ފުރާނައެއްވެސް ނުރައްކަލުގެ ތެރެއަށް ދޫކޮށް، ހަމަ އެކަނި އަމިއްލަ ނަފްސު ސަލާމަތް ކުރަން މަސައްކަތް ކުރާ ކަހަލަ ދަހިވެތި ރޫޙޭއްގައެއް ނޫނެވެ.

އެޔެއް މިޔެއް ބެލުމެއް ނެތި، އެއްގަމާއި ވައިގެ މަގުން ޔަހޫދީން ދެމުންދާ ޙަމަލާތަކުން ދިފާޢު ހޯދުމަށް، އަމިއްލަ ގެދޮރު ދޫކޮށް ޣައްޒާގެ ރަށްވެހިން އެކި ސަރަޙައްދުތަކަށް ބަދަލު ވަމުން ދަނީ ގޭގައި އޮޅުކޮށްގެން ގެންގުޅުނު ޖަނަވާރުތަކާއި، ދޫނި ސޫފާސޫފިތައްވެސް ގޮވައިގެންނެވެ. ގެދޮރު ދޫކޮށް ހިޖުރަ ކުރަމުން ދާ މީހުންނަށް ބަލާލުމުން، ކިތަންމެ ރަނގަޅަކަށްވެސް އެ މަންޒަރު ސާފުވެއެވެ. ދޫނި ކޮއްޓެއް، ދިރޭ މަސް އެޅި ޓޭންކެއް ފަދަ އެއްޗެއް ކޮންމެ މީހެއްގެ އަތުގައިހެން އޮވެއެވެ.

ޣައްޒާގެ ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ވަގުތީ ހިޔާވަހިކަން ހޯދަމުން ދިޔަ އެތައް ހާސް ބަޔަކަށްވެސް މިއަދު މަޖުބޫރު ވެފައި ވަނީ އެހެން ހިސާބުތަކަށް ބަދަލުވާށެވެ. ޞިއްޙީ ޚިދުމަތަށް ޚާއްޞަކޮށްފައި ވާ ފެސިލިޓީތަކަށްވެސް ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދާ އިރު، އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ކަނޑައަޅައި، އިޒްރޭލާއި އިޒްރޭލަށް އެއްބާރުލުން ދޭ ޤައުމުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ދަޢުވާއެއް އުފުލާލަން ކެރުނު ހަމަ އެންމެ ޤައުމެއްވެސް އަދި ނެތެވެ.

ދަނާ އަބޫ ހުވައިދީއަކީވެސް ފުރާނަ ސަލާމަތް ކުރުމުގެ ޢަޒުމުގައި އެއްތަނުން އަނެއް ތަނަށް ބަދަލު ވަމުންދާ ޣައްޒާގެ ރަށްވެހިންގެ ތެރެއިން އެކަކެވެ. ފުރާނަ އަތް މައްޗަށް ލައިގެން ކުރާ އެ ބިރުވެރި ދަތުރުގައި، ދަނާ ދަނީ އޭނާގެ ކުޑަކުޑަ މަސްވެސް ބައިވެރި ކުރަމުންނެވެ. އެއީ ހިޖުރަ ކުރުމުގެ ނުރައްކާ ދަތުރުގައި އޭނާ އުފުލާ މަދު ސާމާނުތަކުގެ ތެރޭގައި ހިމެނޭ އެކައްޗެވެ.

ދުނިޔޭގެ ނަޒަރުން ބަލާއިރު މީ މާ ބޮޑު އެއްޗެއް ނޫން. އަގެއް ހުރި އެއްޗެއް ނޫން. އެކަމަކު، އަހަރެމެން ފަލަސްޠީނު މީހުންނަކީ ދިރުންހުރި ކޮންމެ އެއްޗަކަށްވެސް ލޯބިކުރާ ބައެއް. މި ކުޑަކުޑަ މަސް، މަރުވާން ދޫކޮށްލާކަށް އަހަރެމެންނަށް ހަމަ ހިލާ ނުކުރޭނެ. އެހެންވެ، ގެދޮރު ދޫކޮށް، މި ކުރާ ދަތުރުގަ، މި މަސްވެސް ހިފައިގެން މި ދަނީ... ޙާލަތު ވަރަށް ދެރަ. އަހަރެމެން ދިރިއުޅެމުން މިދާ ދިރިއުޅުމާއި، އަހަރެމެންގެ އިޙްސާސްތައް ސިފަކޮށެއް ނުދެވޭނެ. ހުރިހާ އެއްޗެއް ދޫކޮށް، ހަމަ އެކަނި ފުރާނައާއެކީ އަހަރެމެން ކުރިއަށް މި ދަނީ.
ދަނާ އަބޫ ހުވައިދީ؛ ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތެއް

ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ޔަހޫދީން އަދިވެސް ޙަމަލާތައް ވަރުގަދަ ކުރަމުން ދާ އިރު، ދެކުނު ޣައްޒާއަށް ބަދަލު ވަމުންދާ ރަށްވެހިންގެ ޢަދަދު ހައްތަހާ ދަނީ އިތުރު ވަމުންނެވެ. ސޯޝަލް މީޑިޔާއިން ފެންނަ މަންޒަރުތަކަށް ބަލާއިރު، 1948 ވަނަ އަހަރު، ފަލަސްޠީނުގެ ބިންތަކުން، ފަލަސްޠީނުގެ އަހުލުވެރިން ބޭރު ކުރެވުނު 'ނަކްބާ'ގެ މަންޒަރުތަކާ މާ ބޮޑު ތަފާތެއް ނެތެވެ. އިތުރަށް ވިއްޔާ ވީ ނިކަމެއްޗެވެ. މިއީ 21 ވަނަ ޤަރުނެވެ.

މި ދޫނި ދޫކޮށްލަފައެއް ނުދެވޭނެ އަހަރެމެންނަކަށް. މީވެސް ދިރިހުން ހުރި ފުރާނައެއް. ގެއަށް ޙަމަލާއެއް ޢަމާޒުވެގެން ދާ އިރު، އެ ގޭ ތެރޭގަ މަރުވާކަށް މި ވަކި މި ދޫންޏެއް ދޫކޮށެއް ނުލެވޭނެ އަހަރެމެންނަކަށް. އަހަރެމެންގެ އަތުގަ އޮތްހައިވެސް އެއްޗަކީ މީ. މުޅި ޣައްޒާ ސުންނާފަތިކޮށްފި. އަހަރެމެންގެ ގެދޮރު ބިމާހަމަކޮށްފި. ހުރިހާ އެއްޗެއް ހަލާކުކޮށްފި. ޣައްޒާގަ ނެތް މިހާރު ހަމަ އެކައްޗެއްވެސް.
ރަފީފް ކަހްލޫތު؛ ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ކުއްޖެއް

އަމިއްލަ ބަނޑުފުރާމުއްތި ކުރާނެ ފަދައެއް ނެތް އިރުވެސް، ޣައްޒާގެ ރަށްވެހިން، ދިރޭ މަޚްލޫޤުތަކަށް ލޯބިކޮށް، އޯގާތެރިކޮށް ހިތާ މަންޒަރު ފެނެއެވެ.

އަހަރެން ގެދޮރު ދޫކޮށް ނުކުތީ ބައިތު ހަނޫންގަ ވައިގެ ޙަމަލާތައް ގަދަވެގެން. އެހެންވެ ޚާން ޔޫނިސްއަށް ބަދަލުވީ. ދިރިއުޅުން ވަރަށް ދަތި، ކަންބަޅީގެ ވާހަކަ އަދި ބާއްވާ... އަހަރެމެން އިންސާނުން ކާލާނެ އެއްޗެއްވެސް ނުލިބިގެން މި އުޅެނީ. ކަންބަޅިތައް އެ އުޅެނީ ކުނިބުނި ކައިގެން. އަހަރެން މިއުޅެނީ ބާރުލީކޮޅެއްހާ ހިސާބުވެސް ނުލިބިގެން.
އުދައްޔު އަބޫ ޖަރާދު؛ ފަލަސްޠީނުގައި ގެރިބަކަރި ގެންގުޅޭ މީހެއް

އަތް ދަބަސްތަކުގައި އުފުލުނު އެއްޗެއް އުފުލަމުން ދާ މީހުންނާއި، ފޮށިތަންމަތި ބުރަކަށީގައި ބަނދެގެން ދާ މީހުންނާއި، އަސްގާޑިޔާތައް ބަރުކޮށްގެންދާ މީހުން ފެނު، އަސަރު ނުކުރާ ހިތެއްގައި، އިންސާނިއްޔަތު ކަމުގެ ވިންދުގެ މިންވަރެއްވެސް ހުރި ކަމާ މެދު ސުވާލު އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި