މިއަދު 11:30ގައި ބޭއްވި ޖަލްސާ ވެސް ކުރިއަށް ނުގެންގޮސް ނިންމާލައިފިއެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ. ހެނދުނު ބޭއްވެވި މަޖިލީހުގެ ޖަލްސާ އަށް ސަލާމް ވިދާޅުވި ނަމަވެސް މިއަދު 11:30 ގައި ބޭއްވެވި ޖަލްސާއަށް އީވާ ވަނީ ހާޒިރުވެވަޑައިގަންނަވާފައެވެ.
އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. ހެނދުނުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ޖަލްސާގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގަރާރެއްގެ ސިފަ ހަމަ ނުވާ ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާ އެއް ނަންގަވާފައެވެ. އެ ނިޒާމީ ނުކުތާ ބަލައިގަނެ އަފީފް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ ޤަވާއިދާއި ޚިލާފަށް ކަމަށާއި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަަމަށެވެ. އެހެން ވިދާޅުވުމަށް ފަހު އަފީފް ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.
މެންދުރު ބޭއްވި ޖަލްސާ ނިންމަވާލައްވަމުން އީވާ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ރިޔާސަތުން ގޮތެއް ކަނޑައަޅުއްވާފައިވާތީ މަޖިލީހުގައި ދެން އިތުރަށް އެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެފަދައިން ވިދާޅުވުމަށް ފަހު އީވާ ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ. އީވާ ޖަލްސާ ނިންމަވާލެއްވީ މެންބަރުން އިހުތިޖާޖުކުރަމުން ދަނިކޮށެވެ.
މަޖިލީހުގެ ރައީސް ނަޝީދަކީ އީވާގެ ތިމާގެ ބޭފުޅަކަށް ވާތީ މި މައްސަލަ އަކީ އީވާގެ މަސްލަހަތު އޮތް މައްސަލަ އެއް ކަމަށް ބައެއް ޤާނޫނީ ބޭފުޅުންނާއި މެންބަރުން ޤަބޫލުކުރައްވައެވެ. އެހެންކަމުން އީވާ އަށް މި މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި ނުބެލެހެއްޓެވޭނެ ކަމަށް އެ ބޭފުޅުން ޤަބޫލުކުރައްވައެވެ.