ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 05:25
ޒިންޗެންކޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓާސް
ޒިންޗެންކޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
އާސެނަލް މޮޅުވެ، ދެވަނަ އަށް
އާސެނަލްއާ ޓޮޓެންހަމްއާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެއް

ބާންލޭ ބަލިކޮށް, އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ދެވަނަ އަށް އާސެނަލް ޖެހިލައިފިއެވެ.

އާސެނަލް އަށް ދެވަނައަށް ޖެހިލެވުނީ, ކުރިން އެމަގާމްގައި އޮތް ޓޮޓެންހަމް ވުލުވްސް އަތުން ބަލިވެ, އާސެނަލް އިން ބާންލޭ ބަލިކުރުމުނެވެ. ބާންލީގެ މައްޗަށް އާސެނަލް ކުރިހޯދީ 3-1 ނެވެ. މެޗުގައި އާސެނަލް އަށް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދިނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޓްރޮސާޑް އެވެ. ދެވަނަ ހާފް ފަށައިގެން ނުވަ ވަނަ މިނިޓްގައި ބާންލޭ އިން ނަތީޖާ ހަމަހަމަ ކުރިއެވެ. ނަތީޖާ ހަމަހަމަކޮށްދިނީ ބްރޯންހިލް އެވެ. އެކަމަކު ދެ މިނިޓް ތެރޭގައި އާސެނަލް އިން އަލުން ލީޑް ނެގިއެވެ. ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ވިލިއަމް ސަލިބާ އެވެ. އާސެނަލްގެ ތިންވަނަ ލަނޑު ޖެހީ ޒިންޗެންކޯ އެވެ. މެޗު އާސެނަލް އިން ނިންމާލަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. އެއީ މެޗު ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ކުރި ފައުލަކަށް ފަބިއޯ ވިއެއިރާ އަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. ދެވަނަ ހާފްގައި ކުޅެން ނިކުމެ އޭނާ ރަތްކާޑެއް ހޯދީ ބްރޯންހިލްއަށް ކުރި ފައުލަކަށެވެ.

މެޗުން މޮޅުވެ އާސެނަލް ދެވަނާގައި އޮތީ އެއްވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ އިތުރަށް މެޗެއް ކުޅެގެން, އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ދެވަނާގައި އޮތް ޓޮޓެންހަމް ވަނީ ވުލުވްސް އަތުން 2-1 ން ބަލިވެ, ތިންވަނަ އަށް ސޮއްސާލާފައެވެ. ޓޮޓެންހަމްއާ އާސެނަލްއާ ދެމެދު ވެސް އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.

- ކޮމެންޓް