ކ. މާލެ
|
11 ނޮވެންބަރ 2023 | ހޮނިހިރު 16:12
ޓާޓިޔާނާ ޓަޕަލޯވާ؛ ޣައްޒާގައި ދިރިއުޅެމުން ދިޔަ ޔޫކްރައިން ރައްޔިތެއް
ޓާޓިޔާނާ ޓަޕަލޯވާ؛ ޣައްޒާގައި ދިރިއުޅެމުން ދިޔަ ޔޫކްރައިން ރައްޔިތެއް
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"އެއް ހަނގުރާމައިން އަނެއް ހަނގުރާމައަށް ވަންނާކަށް ބޭނުމެއް ނޫން"
 
ޣައްޒާގައި ތިބި ބޭރު ޤައުމުތަކުގެ ޕާސްޕޯޓް އޮތް މީހުންނާއި، ޞިއްޙީ ފަރުވާ ބޭނުންވާ ފަލަސްޠީނު ރައްޔިތުންނަށް ރަފަހަ ބޯޑަރު ހުރަސް ކުރުމުގެ ފުރުޞަތު މިޞްރުން އަލުން ހުޅުވާލީ ބުރާސްފަތި ދުވަހު
 
ޣައްޒާގައި ދިރިއުޅެމުން ދިޔަ ޔޫކްރައިންގެ ރައްޔިތެއް ބުނި ގޮތުގައި، އޭނާ ބޭނުންވަނީ ހަނގުރާމައިން ނުކުމެގެން ގޮސް 3 ވަނަ ޤައުމަކަށް ދާން
 
ޣައްޒާ ދޫކޮށް ނުކުމެވުނު ކަމުގައި ވީ ނަމަވެސް، ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް، އޭނާ އަށް މާ ގިނަ އިޚުތިޔާރުތަކެއް ނެތް ކަމަށް ބުނޭ

މިޞްރާއި ފަލަސްޠީނު ހިއްސާކުރާ ސަރަޙައްދީ އިން ނުވަތަ ރަފަހް ބޯޑަރު ސަރަޙައްދުގައި، އޭނާގެ 9 މަހުގެ ތުއްތު ދަރިފުޅު އުރާލައިގެން، ޔޫކްރައިންއަށް އުފަން ޓަޓިޔާނާ ޓަޕަލޯވާ ހުރީ ކެތްތެރިކަމާއެކީގައެވެ. ފާއިތުވެދިޔަ 20ށް ވުރެ ގިނަ އަހަރު، އޭނާގެ އަމިއްލަ ގެދޮރު ކަމުގައި ދެކިގެން އުޅުނު ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުން ސަލާމަތްވާނެ ފުރުޞަތެއްގެ އިންތިޒާރުގައެވެ.

ޓަޕަލޯވާގެ އުންމީދުތައް ވިއްސިވިހާލިވީ، ޣައްޒާ ދޫކޮށް އެހެން ސަރަޙައްދަކަށް ބަދަލުވުމުގެ ހުއްދަ ދޫކޮށްފައި ވާ މީހުންގެ ލިސްޓުގައި، އޭނާގެ ފިރިމީހާގެ ނަން ނެތްކަން އެނގުނު ހިސާބުންނެވެ. މިދިޔަ 23 އަހަރު، އޭނާގެ ޙަޔާތުގެ ބައިވެރިޔާގެ މަޤާމުގައި ހުރި، އޭނާގެ 5 ދަރިންގެ ބައްޕައަށް ޣައްޒާއިން ނުކުތުމުގެ ހުއްދަ ނުލިބޭންވީ ސަބަބެއް ޓަޕަލޯވާއަކަށް ނުވިސްނުނެވެ.

އަހަރެން އެމީހުން ގާތު ސަލާންޖަހާ، ރޮއެ އާދޭސް ކުރިން ޣައްޒާއިން ނުކުތަދޭށޭ ކިޔައިގެން. އެކަމަކު، ބޯޑަރު ސެކިއުރިޓީއިން ބުނީ ނުވާނޭ. މުޅި ޢާއިލާއަށް ދެވެން ޖެހޭނެ. އަހަރެންގެ ފިރިމީހާ މިތާ ބަހައްޓާފައެއް މަށަކަށް ނުދެވޭނެ. އޭނަގެ ނަމެއް ނެތް ލިސްޓުގައެއް. މީ އަހަރެންގެ ފިރިމީހާއޭ. ކައިވެނިކޮށްގެން އުޅޭތާ 23 އަހަރުވެއްޖެ. 5 ދަރިން އެބަތިބި. ކީއްވެ އޭނާގެ ނަން ލިސްޓުގަ ނޯންނާންވީ؟ މީ ޢާއިލާއެކޭ. ކީއްވެ އެމީހުން ޢާއިލާއެއް ރޫޅާލަން ބޭނުން ވަނީ؟ އަހަރެންނާއި ދަރިންކޮޅަށް އެބަ ދަތުރު ކުރެވޭ، އެކަމަކު ފިރިމީހާއާށް ވީމަ- ނޫން. އަހަރެންގެ އެބަ އޮތް ތުއްތު ތުއްތު ކުއްޖެއް. އާ ޤައުމެއްގަ، އެކަނިމާ އެކަނި މަށަކަށް ނުކުރެވޭނެ ހުރިހާ ކަމެއް. އަހަރެންގެ އުފަން ފަސްގަނޑު، ޔޫކްރައިންނަށް ދާކަށް ބޭނުމެއް ނޫން. އަހަރެމެން ފޮނުވާލާނީ ކޮން ދިމާއަކަށް ނޭނގެ. އަހަރެން ބޭނުމީ މޮލޮޑޯވާ ނޫނީ ރޮމޭނިޔާއަށް ދާން.
ޓާޓިޔާނާ ޓަޕަލޯވާ؛ ޣައްޒާގައި ދިރިއުޅެމުން ދިޔަ ޔޫކްރައިން ރައްޔިތެއް

ޣައްޒާގައި ތިބި ބޭރު ޤައުމުތަކުގެ ޕާސްޕޯޓް އޮތް މީހުންނާއި، ޞިއްޙީ ފަރުވާ ބޭނުންވާ ފަލަސްޠީނު ރައްޔިތުންނަށް ރަފަހް ބޯޑަރު ހުރަސް ކުރުމުގެ ފުރުޞަތު މިޞްރުން އަލުން ހުޅުވާލީ ބުރާސްފަތި ދުވަހުއެވެ. އެއީ 1 ދުވަހުގެ މުއްދަތަށް ބޯޑަރ ބަންދުކޮށްފައި ބޭއްވުމަށް ފަހުގައެވެ.

މި ނަމާންކަމާއި ބިރުވެރިކަން، މި ބިރުވެރިކަން ސިފަކޮށްދެވޭނެ ގޮތެއް ނެތް. ހަމަ ލޮލުން މިކަން ދެކެން ޖެހޭނީ. ރަފަހް ބޯޑަރަށް އަންނަން މި ކުރި ދަތުރަކީވެސް އިންތިހާ ބިރުވެރި ދަތުރެއް. ދުލަކުން، ގަލަމަކުން ބޭރުކޮށްލާ ބަސްތަކަކުން ބަޔާންކޮށެއް ނުދެވޭނެ.
ޓާޓިޔާނާ ޓަޕަލޯވާ؛ ޣައްޒާގައި ދިރިއުޅެމުން ދިޔަ ޔޫކްރައިން ރައްޔިތެއް

ޣައްޒާ ދޫކޮށް ނުކުމެވުނު ކަމުގައި ވީ ނަމަވެސް، ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް، ޓަޕަލޯވާއަށް މާ ގިނަ އިޚުތިޔާރުތަކެއް ނެތް ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

އަހަރެން ބޭނުމެއް ނޫން އެއް ހަނގުރާމައިން ނުކުމެގެން ގޮސް އަނެއް ހަނގުރާމަގަނޑުގެ ތެރެއަށް ވަންނާކަށް. އަހަރެން ބޭނުން ވަނީ 3 ވަނަ ޤައުމަކަށް ދާން. އަހަރެމެން ބަލައިގަތް ކޮންމެ ޤައުމެއްވެސް ވަރިހަމަ. އަދިވެސް ބުނާކަށް ނޭނގެ. ފަހަރެއްގަ މޮލޮޑޯވާ، ނޫނީ ރޮމޭނިޔާއަށްވެސް ވެދާނެ. އަހަރެން ބޭނުމީ އެތަނަށް ދާން. އަނބުރާ، އުފަން ވަޒަނަކަށް ނުދާނަން. ޣައްޒާއަކަށްވެސް ނުވަންނާނަން. ޔޫކްރައިންއަކަށްވެސް ނާރާނާން، ހަނގުރާމަގަނޑާ ހެދި.
ޓާޓިޔާނާ ޓަޕަލޯވާ؛ ޣައްޒާގައި ދިރިއުޅެމުން ދިޔަ ޔޫކްރައިން ރައްޔިތެއް

ބޭރު ޤައުމުތަކުގެގެ ޕާސްޕޯޓް އޮންނަ 7000 އެއްހާ މީހުންނާއި، ދެ ޤައުމުގެ ރަށްވެހިކަން އޮންނަ މީހުންނާއި، އެމީހުންނަށް ބަލަދު އަރާ ފަރާތްތަކާއި، މިހާރުން މިހާރަށް ޞިއްޙީ އެހީ ބޭނުންވާ މީހުންނަށް ޚާއްޞަކޮށްގެން، ރަފަހް ބޯޑަރު ހުރަސްކޮށް، ޣައްޒާއިން މީހުން ބޭލުމުގެ އޮޕަރޭޝަން ފެށީ ނޮވެމްބަރު 1 ވަނަ ދުވަހުއެވެ.

ބައިތު ލާހިޔާގަ އިންޓަރނެޓެއް ނެތް، މުޢާސަލާތީ ޚިދުމަތްތަކެއް ނެތް، ފެނެއް ނެތް، ކަރަންޓެއް ނެތް. ބައިތު ލާހިޔާގަ ހަމަ ބާކީ އެކައްޗެއްވެސް ނެތް. އެތަނަށް ޙަމަލާ ދީދީ މުޅި ތަން ހަފުސްކޮށްލައިފި. މުޅި ތަން ސުންނާފަތިކޮށް ގާ ކުނޑިއަށް ހަދައިފި. 10000 އެއްހާ ގޭގެ ތެރެއިން 50 އަކަށް ގެ ކަންނޭނގެ މިހާރު ވައްޓާނުލެވި ހުރީ. މަގުތަކަށްވެސް ޙަމަލާ ދޭ. އަހަރެމެންގެ އަވަށްޓެރިންނާއި ތިމާގެ މީހުން މިހާރު ދިރިއުޅެނީ ސްކޫލުތަކުގަ. އަހަރެމެންގެ ދެބެންގެދެދަރި ކުދިންނާއި ޢާއިލާގެ އެހެން މެންބަރުން މަރުވެސްވެއްޖެ. ގާތްގަނޑަކަށް 35 ވަރަކަށް މީހުންގެ ފުރާނަ ގެއްލިއްޖެ. މި ދައްކަނީ ދެބެންގެ ދެދަރި ކުދިން ކަހަލަ، ގާތް ބައެއްގެ ވާހަކަ.
ޓާޓިޔާނާ ޓަޕަލޯވާ؛ ޣައްޒާގައި ދިރިއުޅެމުން ދިޔަ ޔޫކްރައިން ރައްޔިތެއް

ރަފަހަ ބޯޑަރަކީ ޣައްޒާއަށް އިންތިހާ ބޭނުން ޖެހިފައި ވާ އިންސާނީ އެހީގެ ސަޕްލައިވެސް އެތެރެ ކުރެވެން އޮތް ހަމަ އެކަނި މަގެވެ. ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 500 އެއްހާ ޓްރަކްގެ އިންސާނީ އެހީ ޣައްޒާއަށް ބޭނުންވި ނަމަވެސް، އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކާއެކު އެ ޢަދަދު ވަނީ އެންމެ 50 އަށް ދަށްވެފައެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން ދިޔަ ޣައްޒާގެ އާބާދީގެ 100 ޕަސެންޓް މީހުންނަށް މިއަދު ކާބޯތަކެތީގެ ކަށަވަރު ކަމެއް ނެތެވެ. ސާފު ބޯފެނެއް ނުލިބެއެވެ. ކަރަންޓާއި އެނޫންވެސް ޛަރޫރީ ޚިދުމަތްތަކުގައި އިޒްރޭލުން އޮތީ އަތް އަޅައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
50%
0%
50%
0%
ކޮމެންޓް