ސުޕްރީމް ކޯޓުގެ ހުކުމުން އެނގިގެން ދިޔައީ ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަން, ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން އެނގިގެން ދިޔައީ ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަން ކަމަށާއި ރައްޔިތުން މަޖިލީހާ ބެހޭގޮތުން ހުކުމެއްކޮށްފައިވާއިރު މިއަދު ސުޕްރީމް ކޯޓުން ޓިނު ނުނައްޓާ ކަމަށެވެ.
ސައުދު ވިދާޅުވީ ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ ވަކި ޕާޓީއަކުން އެދޭ ގޮތަށް ނޫން ކަމަށާއި ސުޕްރީމް ކޯޓުން ގޮތް ނިންމުން މިކަމުގައި އިތުރު ހިޔާލުތަފާތުވުން ދެން އޮންނާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހުއްޓުމަކަށް އައިސްގެން ނުވާނެ ކަމަށާއި މަޖިލިސް ހުއްޓުމަކަށް ނުވެސް ގެނެވޭނެ ކަމަށެވެ. އަދި މިއީ ޑިމޮކްރޮސީގައި ފެންނާނެ މަންޒަރުތައް ކަމަށާއި މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ތަޖުރިބާކޮށްފައިވާ ކަންތައްތައް ކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމި ނިންމުމާ ގުޅިގެން، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވި ނަމަވެސް، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުރާސްފަތި ދުވަހު ހުކުމްކޮށްފައެވެ.
މި ގޮތަށް ހުކުމްކުރީ މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީގެ ރައުޔުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސަށް ކަމަށް ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
ސުޕްރީމް ކޯޓުން މިހެން ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް އާދިއްތަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލަ އެޖެންޑާކޮށްފައިވަނީ ނޮވެމްބަރު މަހުގެ 12 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00ށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ތަފާތު 5 ފަހަރެއްގެ މަތިން މި މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު މައްސަލަ ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.