ކ. މާލެ
|
9 ނޮވެންބަރ 2023 | ބުރާސްފަތި 10:45
މެންޗެސްޓަރ ޔުނަައިޓެޑު އަދި ކޯޕަންހޭގަން ކުޅުނު މެޗުގެ ތެރެެއިން
މެންޗެސްޓަރ ޔުނަައިޓެޑު އަދި ކޯޕަންހޭގަން ކުޅުނު މެޗުގެ ތެރެެއިން
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ކޯޕަންހޭގަންގެ އަތް ދަށުވެ ޔުނައިޓެޑު ޕްރެޝަރަށް
ހަތަރު މެޗުން ތިން ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ގްރޫޕުގެ ފުލުގައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެފްސީ ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗުންް ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑު ޕްރެޝަރަށް ވެއްޓިއްޖެ އެވެ.

ގްރޫޕް ސްޓޭޖުގެ ހަތަރު ވަނަ މެޗުގައި ކޯޕަންހޭގަންގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ، 4-3 އިންނެވެ. މެޗުގައި ޔުނައިޓެޑުން ދެ ފަހަރެއްގެ މަތިން ލީޑު ނެގި ނަމަވެސް، އެ ޓީމަށް ލީޑު ދެމެހެއްޓޭ ގޮތެއް ނުވި އެވެ.

މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ޔުނައިޓެޑުންނެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑެންމާކުގެ ރަސްމުސް ހޮލުންޑު އެވެ. އޭނާ އެ ލަނޑު ޖެހީ ސްކޮޓް މެކްޓޮމިނޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޔުނައިޓެޑުގެ ދެ ވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އަލެހަންދްރޯ ގަނާޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ވެސް ހޮލުންޑު އެވެ. މެޗުގައި ޔުނައިޓެޑަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ 42 ވަނަ މިނެޓުގައި އިންގްލެންޑުގެ ފޯވާޑް މާކަސް ރަޝްފޯޑު އަށް ސީދާ ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލުމުންނެވެ. ރަޝްފޯޑު ފައުލު ކުރި ކަމަށް ބުނެ ރެފްރީ އޭނާ އަށް ރަތް ކާޑު ދެއްކީ ވީއޭއާރު ބެލުމަށްފަހު އެވެ.

އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯޕަންހޭގަން އިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. 45 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ، މުޙައްމަދު އަލް ޔޫނުސީ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިއޯގޯ ގޮންކާލްވޭސް އެވެ. ދެ ވަނަ ހާފަށް ނިކުމެ، ދެ ވަނަ ފަހަރަށް ޔުނައިޓެޑުން މެޗުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. ނަމަވެސް، 83 ވަނަ މިނެޓުގައި ކޯޕަންހޭގަން އިން ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރީ ލޫކަސް ލެރާގާ ޖެހި ލަނޑުންނެވެ. އޭގެ ހަތަރު މިނެޓު ފަހުން، ރޫނީ ބާޑްހީ ވަނީ ލަނޑު ޖަހައި ކޯޕަންހޭގަށް މޮޅު ކޮށްދީފަ އެވެ.

މޮޅާއެކު ކޯޕަންހޭގަން ވަނީ ގްރޫޕް އޭގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު އެވެ. ހަތަރު މެޗުން ތިން ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ގްރޫޕުގެ ފުލުގަ އެވެ. ތިން ވަނައިގައި އޮތް ގަލަޓަސަރާއި އަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑަށް ބާކީ އޮތީ ރަށުން ބޭރުގައި ގަލަޓަސަރާއިއާ ދެކޮޅަށް ކުޅޭ މެޗާއި، އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް