ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފިއެވެ.
ހޯމަ ދުވަހު ޖުޑީޝަލް ސަރވިސަސް ކޮމިޝަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާކަމާއި، މައްސަލަތަކުގެ ހުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭކަމަށާ އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެ މައްސަލަތަކަށް އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް އިހުމާލުވެފައިވާކަމަށެވެ.
މީގެއިތުރުން، ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ދައްކާކަން އެ ކޮމިޝަންގެ ތަހްގީގަށް ސާބިތުވެފައިވާކަމަށާއި، އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ މި އަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމުގައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 32-1 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް 2023 ނޮވެންބަރު 06 ވަނަ ދުވަހުން ފެށިގެން 02 ހަފްތާ (14 ދުވަސް) ގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރަން 2023 ނޮވެންބަރު 01 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 70 ޖަލްސާގައި ނިންމާފައިވާކަމަށެވެ.