ކ. މާލެ
|
4 ނޮވެންބަރ 2023 | ހޮނިހިރު 10:15
ފިރާޒް ބޯކޮށައިދެނީ ހިލޭ އެއް ކަމަކު، ދިރިއުޅުމަށްޓަކައި އޭނާއަށްވެސް ފައިސާ ބޭނުންވޭ
ފަލަސްތީނު އިސްރާޢީލް ހަނގުރާމަ
ހާލުގައި ޖެހުނެއް ކަމަކު ފިރާޒްގެ ޚިދުމަތް ހިލޭ ސާބަހަށް!
 
ވިޔަފާރިއެއްގެ ގޮތުގައި ބޯކޮށުމުގެ ޚިދުމަތް ދެމުން ދިޔައިރު ފިރާޒް ގާތުން ޚިދުމަތް ހޯދި މީހުންނަކީ މިއަދު ގެދޮރު ގެއްލި، ޙާލުގައި ޖެހިފައި ވާ ރެފިއުޖީން
 
ހިލޭ ސާބަހަށް، ބޯކޮށައި ދިނުމުގެ ޚިދުމަތް ދޭން ފެށުމާއެކު ކުދިބޮޑު އެތައް ބަޔަކު ދަނީ ފިރާޒް ގާތުގައި ސަފު ހަދަމުން

ކިތަންމެ ކުޑަ ކަމަކުންވެސް އަނެކާއަށް ބޮޑު އެހީއެއް ވެދެވިދާނެ ކަމީ ގިނަ ފަހަރަށް ވިސްނާ ނުލެވި އޮންނަ ކަމެކެވެ. ހާލެއްގައި ޖެހިގެން އުޅޭ އިރު، އަނެކާއަށްޓަކައި ތިބާއަށް ކޮށްދެވޭނީ ކޮން ކަމެއް ތޯ ސުވާލު ކުރަން އިނުމުގެ ބަދަލުގައި، އެމީހަކަށް ކޮށްދެވެން އޮތް ކަމެއް ކޮށްގެންވެސް އަނެކާގެ ދިރިއުޅުމަށް އުޖާލާ ކަމެއް ގެނެސްދެވިދާނެ ކަން ސާބިތު ކޮށްދެމުން ދާ އެކަކީ ފިރާޒް އަބޫ މަރްސާއެވެ.

ފިރާޒްއަކީ އިޒްރޭލުގެ މުށްދަށުލާފައި އޮތް ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށް ވާ ޚާން ޔޫނިސްގައި ދިރިއުޅެމުން އަންނަ، ބޯކޮށައިދޭ މީހެކެވެ. އޭނާގެ މިއަދުގެ މަސައްކަތަކީ، ގެދޮރު ގެއްލި، ޙާލުގައި ޖެހިފައި ތިބި މީހުންނަށް ބޯކޮށައި ދިނުމެވެ. ހިލޭ ސާބަހަށެވެ. ހަ.މްދަރުދީވުމުގެ ގޮތުންނެވެ. ޤަތުލުޢާންމެއްގެ ތޫފާނީ ކޮޅިގަނޑެއްގައި ޤައިދުވެފައި އޮތް ޣައްޒާގެ ރަށްވެހިންގެ ދިރިއުޅުމަށް އުންމީދީ އުޖާލާކަމެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

ޚުދު ފިރާޒްއަކީ ޣައްޒާގެ އެހެން ރަށްވެހިންނެކޭ އެއް ގޮތަށް، އިޒްރޭލުގެ ޢުދުވާންތަކުގެ ޝިކާރައަކަށް ވެފައި ވާ މީހެކެވެ. އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން އިޒްރޭލުން ދެމުންދާ ޙަމަލާތަކުން، ފިރާޒްއަކަށްވެސް ސަލާމަތާއި ރައްކާތެރިކަމެއް ނެތެވެ.

ހަނގުރާމައާއިއެކު ފިރާޒްގެ ވިޔަފާރިވެސް އޮތީ އިނދަޖެހިފައެވެ. މިއިން ދުވަހަކު ސުލްޙަ ވެދާނެ ކަމުގެ ކޮޅުމަތި ފެންނަން ނެތް އިރު، ވިޔަފާރި ކޮޅަށްޖެހޭނެ ފަދައެއްވެސް ނެތެވެ. ޙާލަތުގެ ޝިކާރައަކަށްވެ، މާޔޫސްކަމުގައި ދުވަސްތައް ހޭދަ ކުރުމުގެ ބަދަލުގައި ގަދަ ހިތްވަރާއެކު ފިރާޒް ތެދުވީ ގެދޮރު ގެއްލިފައި ވާ މީހުންނަށް ޚިދުމަތް ކުރާށެވެ. އަނިޔާ ލިބެމުން ދާ އިތުރު ބައެއްގެ ހިތްތަކަށް ތަސައްލީއެއް ހޯދައިދެވޭތޯއެވެ.

މަށަކީ ޝައިޚް ރަދުވާންގަ ބޯކޮށާ ތަނެއް ހިންގި މީހެއް. މިތަނަށް ބަދަލުވީ، އެ ސަރަޙައްދު ދޫކޮށް ދާން އެންގީމަ. މަށަކީ ވިޔަފާރި ކުރި މީހެއް. ވަޒީފާއެއް އޮތް މީހެއް. ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން ދިޔަ މީހެއް. ޢާއިލާއަށް ބޭނުންވާ ފައިސާ ހޯދަމުން އައި މީހެއް. އެކަމަކު، މިއަދު މަށަށް މި އިންނަން ޖެހެނީ ކޭމްޕެއްގަ ހުރި ގޮނޑިއެއްގަ. ފުރާނަ ސަލާމަތް ކުރަން ދެކުނަށް ބަދަލުވި މީހުންނަށް ޚިދުމަތް ކުރަން. މަރަކީ އަބަދުވެސް އަހަރެމެންނާ އެކުގަ ވާ އެއްޗެއް. ދެކުނަށް އަޔަސް މަރުވާނެ.
ފިރާޒް އަބޫ މަރްސާ؛ ޣައްޒާގައި ބޯކޮށައިދޭ މީހެއް

ހިލޭ ސާބަހަށް، ބޯކޮށައި ދިނުމުގެ ޚިދުމަތް ދޭން ފެށުމާއެކު ކުދިބޮޑު އެތައް ބަޔަކު ދަނީ ފިރާޒް ގާތުގައި ސަފު ހަދަމުންނެވެ.

ފިރާޒް ބޯކޮށައިދެނީ ހިލޭ އެއް ކަމަކު، ދިރިއުޅުމަށްޓަކައި އޭނާއަށްވެސް ފައިސާ ބޭނުންވެއެވެ. އެހެނެއް ކަމަކު އޭނާ ހުރީ، އަތުގައި އެއްވެސް އެއްޗެއް ނެތް މީހަކަށްވެސް ޚިދުމަތް ދޭން ތައްޔާރަށެވެ. ހުރިހާވެސް ބޭނުމަކީ، އުފުލަން ޖެހިފައި އޮތް ތަކުލީފުތަކުގެ ތެރެއިން ކަމަކަށް ލުޔެއް ހޯދައިދިނުމެވެ.

އަހަރެމެން މަސައްކަތް ކުރަމުން މި ދަނީ މީހުންނަށް އުފުލަން ޖެހިފަ އޮތް ތަކުލީފުތައް ވީހާވެސް ކުޑަކޮށްދެވޭތޯ. އަހަރެމެން ދިރިއުޅެންވެސް ފައިސާ ބޭނުން ވޭ. އެކަމަކު، ފައިސާ ނެތް މީހަކަށްވެސް، އެއްވެސް އަގެއް ނުނަގާ ބޯކޮށައިދެން އެބަ. މި ބަލަނީ މިކޮޅަށް ބަދަލުވި 40000 އެއްހާ މީހުންނަށް އެހީވެދެވޭތޯ. އަހަރެންގެ ކްލަޔަންޓުންނަކީ މިއަދު ގެދޮރު ގެއްލިފަ ތިބި ބައެއް. ޓެންޓުތަކުގަ ދިރިއުޅޭ ބައެއް. އަދުގެ ދިރިއުޅުގެ ޙާލަތު މިއޮތީ، ގިނަ ބަޔަކަށް އިންތިހާއަށް ދަތިކޮށް. ބޯކޮށަ މީހެއްގެ ހައިސިއްޔަތުން، އަހަރެން މި ބަލަނީ، އަހަންނަށް ވީ ވަރަކުން، އެމީހުންގެ ތަކުލީފުތަކަށް ލުޔެއް ހޯދައިދެވޭތޯ.
ފިރާޒް އަބޫ މަރްސާ؛ ޣައްޒާގައި ބޯކޮށައިދޭ މީހެއް

ވިޔަފާރިއެއްގެ ގޮތުގައި ބޯކޮށުމުގެ ޚިދުމަތް ދެމުން ދިޔައިރު ފިރާޒް ގާތުން ޚިދުމަތް ހޯދި މީހުންނަކީ މިއަދު ގެދޮރު ގެއްލި، ޙާލުގައި ޖެހިފައި ވާ ރެފިއުޖީންނެވެ. ވަޤުތީ ފޭލިގެތަކުގައި ދުވަހަކަށް ފަހު ދުވަހެއް ގުނަމުން ދާ ބައެކެވެ. އޭނާއަށް ވީ ގޮތަކަށް، އެމީހުންގެ ދިރިއުޅުމަށް ކުޑަ ނަމަވެސް އުޖާލާ ކަމެއް ގެނެސްދިނުމަކީ ފިރާޒް މިއަދު އެންމެ ބޭނުން ވާ ކަމެވެ.

ރެފިޖީންނާ ބެހޭ އދގެ އިދާރާއިން އާދީއްތަ ދުވަހު ވަނީ، ޣައްޒާގައި ޢާންމު ދިރިއުޅުމުގެ ނިޒާމު މުޅިން އިނދަޖެހެމުން ދާ ކަމުގެ އިންޒާރު ދީފައެވެ. ޣައްޒާގެ ބާޒާރުތަކުން ކާބޯތަކެއްޗާއި އެނޫންވެސް ސާމާނު މުޅިންހެން ހުސްވަނީއެވެ. މިޞްރު މަގުން ޣައްޒާއަށް އެތެރެ ކުރެވެމުން ދަނީ ބޭނުން ވާ މިންވަރަށް ވުރެ މާ މަދު މިންވަރެއްގެ ސާމާނު ކަމުން، ކުރިއަށް އޮތް ދުވަސްތަކަކީ، ޢާންމު ދިރިއުޅުމުގެ ޙާލަތު އިތުރަށް ގޯސްވެގެން ދާނެ ދުވަސްތަކެއް ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި