ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 15:50
ސްކޫލުގެ ބައެއް ކުލާސްތައް ވަގުތީ ހޮސްޕިޓަލުގެ ކޮޓަރިތަކުގެ ގޮތުގައި ދަނީ ބޭނުންކުރަމުން
ސްކޫލުގެ ބައެއް ކުލާސްތައް ވަގުތީ ހޮސްޕިޓަލުގެ ކޮޓަރިތަކުގެ ގޮތުގައި ދަނީ ބޭނުންކުރަމުން
ރޮއިޓާސް
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
ޒަޚަމްވެ، ވާގިނެތިފައި އޮތް ދަރިފުޅަށް މި ވަގުތު އޮތް ހަމައެކަނި ތަނަކީ ކުލާހެއްގެ މޭޒުމަތި...
 
ސަލްވާގެ ދަރިފުޅަށް ހޮސްޕިޓަލުގައި ކޮންމެވެސް ވަރަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލީ، އަނިޔާ ލިބެމުންދާ މީހުންގެ އަދަދު އިތުރުވުމުން
 
އުދުވާންތަކުގައި އަނިޔާ ލިބި، ފަރުވާއެއް ނުލިބި ތިބީ މީގެ ކުރިން ހަމަ ގަދަފަދަކޮށް މަސައްކަތްކޮށް އުޅުނު މީހުން

ދަރިފުޅު ކިޔަވަން ދާން އޮތް ސްކޫލުގެ ފާރުތަކުގައި ލާފައި ހުރި ކުލަ ކަމުނުގޮސްގެން، ނުވަތަ ދަރިފުޅު ދާ ކުލާހަކީ މާ ހޫނުގަދަ ކުލާހަކޭ ކިޔައިގެން ޝަކުވާކުރާ ބެލެނިވެރިން، އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނުވާނެއެވެ. އާއިލާއިން ނިދާލުމަށް ގޭގައި އޮތް ޖާގަ ކުޑަވެގެން ޝަކުވާކުރާ މީހުން މަދެއްނޫނެވެ. ޑޮކްޓަރަށް ދައްކަން އިންތިޒާރުގައި މަސް ހަމަސް ހޭދަކުރަންޖެހޭތީ ދަމާލާ ޝަކުވާގެ ލިސްޓު އިންތިހާއަށް ދިގެވެ.

މި ދައްކަނީ ކޮންމެ ދުވަހަކުވެސް މިނިވަން ޖައްވަކަށް ދެލޯ ހުޅުވާލާ ބައެއްގެ ވާހަކައެވެ. ކަން މިހެން އޮތްއިރު، އަމިއްލަ ބިމުގައި ރެފިއުޖީންނަށްވެ، އިންސާނަކަށް ވީތީ ލިބެންޖެހޭ ދިރިހުރުމުގެ ހައްގާއި ދިރިއުޅުމުގެ އަސާސީ ހައްގުތަކުން މަހުރޫމުވެފައިވާ ބަޔަކު މި ބިންމަތީގައި ތިބިކަން ހަނދާން ހުންނަނީ ކިތައް މީހުން ބާއެވެ؟ ޔަހޫދީ އިޒްރޭލުގެ މުށުގެތެރޭގައި އޮތް ޣައްޒާގެ ރައްޔިތުންނަށް މިއަދު ކުރަންޖެހިފައި އޮތް ޝަކުވާތަކުގެ ލިސްޓެއް ލިޔަންވެއްޖެނަމަ ކޮޅުންލާކަށް ނެތެވެ. އެއީވެސް އިންސާނުންނެވެ. ފޮނި އުންމީދުތަކެއް ދެކެމުންދާ ބައެކެވެ. މާއްދީ އެއްވެސް އެއްޗަކުން އަގު އަދާނުކުރެވޭނެ ފުރާނަތަކެކެވެ.

2.3 މިލިއަން މީހުންގެ އާބާދީ އޮތް ޣައްޒާއަށް އަމާޒުކޮށް، އިޒްރޭލުން އެންމެ ފަހުން ހިންގަންފެށި ގަތުލުއާންމަށް މަހެއް ވާން ގާތްވެފައިވާއިރު، ގެދޮރު ގެއްލި، އަމިއްލަ ވަޒަނުގައި ބިކަވެފައިވާ މީހުންގެ އަދަދު 1.4 މިލިއަނަށްވުރެ މައްޗަށް އަރައެވެ. ގެދޮރު ގެއްލުނު ގިނަ ބަޔަކު ވަގުތީގޮތުން ދިރިއުޅެމުން ދަނީ ދެކުނުގެ އަވަށެއް ކަމަށްވާ ޚާން ޔޫނިސްގެ ސްކޫލުތަކުގައެވެ. އޭގެތެރޭގައި، ޒަޚަމްވެފައިވާ އެތައް ބަޔަކު ހިމެނެއެވެ. ސްކޫލުގެ ބައެއް ކުލާސްތައް މިހާރު ވަނީ، ވަގުތީގޮތުން ހޮސްޕިޓަލުގެ ކޮޓަރިތަކަކަށް ބަދަލު ކޮށްފައެވެ. ބަލި މީހުން އެޑްމިޓްކޮށްފައި ބާއްވާފައި އޮންނަނީ ވައިޖަހާފައިވާ ގޮދަޑިތަކުގެ މަތީގައެވެ.

އާދައިގެ ކުލާހެއްގެ މޭޒުމަތީގައި އެޑްމިޓްކޮށްފައި އޮތް އެކަކީ ސަލްވާ ނަޖާރުގެ ދަރިފުޅެވެ. އޭނާގެ ދަރިފުޅަށް ހޮސްޕިޓަލުގައި ކޮންމެވެސް ވަރަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލީ މުޅިން ރަނގަޅު ނުވަނީހެވެ. އެއީ އަނިޔާ ލިބެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހޮސްޕިޓަލުގައި އިތުރު ޖާގައެއް ނެތިގެންނެވެ.

އަހަރެންގެ ދަރިންކޮޅު ދިޔައީ އެމީހުން ގެންގުޅޭ ކަންބަޅިތަކުގެ ހާލު ބަލާލަން. އެތަނަށް އެމީހުންނަށް ދެވުނުކަމެއް ނޭނގެ ހަމަލާދީފި. ފުރަތަމަ އެކުދިން އުފުލައިދިނީ، އެ ކުދިންގެ ދެބެންގެ ދެދަރި ކުއްޖެއް. އަހަރެމެންގެ ގެތަކުގެ ދޭތެރޭން ފިލީ. ދިޔަ މަގުމަތީގަ އެމްބިއުލާންސަކާ ދިމާވެގެން އެމީހުން ނަގައިދިނީ. އޭރު އަހަންނަކަށް ނޭނގެ، އަހަރެންގެ ދަރިންނަށް އަމާޒުކޮށް ކަމެއް ހަމަލާދެމުން އެ ދަނީ. މިތަނުން ހޮސްޕިޓަލާ ދިމާއަށް އަހަރެން ދުއްވައިގަތީ... އަހަރެންގެ ދަރިއަކު ޝަހީދުވެ، އަނެއް ދަރިން ޒަޚަމްވެފަ އޮތް ޚަބަރު ލިބުނީމަ. އަހަރެންގެ ދަރި ޝަހީދުކޮށްފިއޭ ކިޔައި ހަޅޭއްލެވެމުން ދިޔައީ.
ސަލްވާ ނަޖާރު؛ ޣައްޒާގެ މަންމައެއް

ޣައްޒާ ކޮންޓްރޯލްކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށްކަމަށް ބުނެ ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގެ ޝިކާރައަކަށްވެ، ސަލްވާގެ އިތުރު ދަރިއަކުވެސް ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ.

ހަށިގަނޑުން ބައެއް ވާގިނެތިފައިވާ އަނެއް ދަރިފުޅު ގޮވައިގެން ކުލާހެއްގެ ތެރޭގައި އިން ސަލްވާ ވަނީ އެހީއަށް އެދި ގޮވާލާފައެވެ.

އަހަރެންގެ ދަރިފުޅަށް އެހީ ބޭނުންވޭ. އަހަރެމެން މި ތިބީ ހޮސްޕިޓަލުން ދޫކޮށްލާފަ. ޖާގަ ނެތިގެން. އަހަރެމެން ގެނައީ މި ސްކޫލަށް. އަހަރެމެން ހަމަ ތިބީ މި. އެއްވެސް ފަރުވާއެއް ނުދެވޭ. އެހެން ކަމެއް ނުވޭ. އެމީހުން ބުނި، ދަރިފުޅު މިސްރަށް ފޮނުވައިދޭނަމޭ. އެކަމަކު، މަގުތައް އޮތީ ބަންދުކޮށްފަ. ދެން ހަމަ ތިބެނީ މި ސްކޫލުގަ. އަހަރެމެން ގާތު ބުނި، ހިލާލް ހޮސްޕިޓަލަށް ދާންވެސް. އެކަމަކު، އެތަންވެސް އޮތީ ފުރިފަ. އަހަރެމެން ދެން ހަމަ ތިބީ. އަހަރެންގެ ދަރިފުޅަށް ސިއްހީ ފަރުވާ ބޭނުންވޭ. އެހީތެރިކަން ބޭނުންވޭ އެބަ އޭނައަށް ފަރުވާކުރަން.
ސަލްވާ ނަޖާރު؛ ޣައްޒާގެ މަންމައެއް

އުދުވާންތަކުގައި އަނިޔާ ލިބި، ފަރުވާއެއް ނުލިބި ތިބީ މީގެ ކުރިން ހަމަ ގަދަފަދަކޮށް މަސައްކަތްކޮށް އުޅުނު މީހުންނެވެ. ސަލްވާގެ ދަރިފުޅަށް ޚިދުމަތްކުރުމަށް މިއަދު އޭނާއަށް ހުރެވުނު ނަމަވެސް، އެ ނަސީބުވެސް ލިބިފައި ނެތް ކިތަންމެ ބަޔަކު މިއަދު ޣައްޒާގައި އެބަތިއްބެވެ.

އަހަރެންގެ ދަރިފުޅަކީ ހަމަ ރަނގަޅަށް މަސައްކަތްކޮށްގެން އުޅުނު ކުއްޖެއް. އެއްވެސް މައްސަލައެއް ހުރި ކުއްޖެއް ނޫން. ﷲއަށް ހަމްދު ހުރި. އެ ދަރިފުޅު މިއަދު ހަމަ އެ އޮންނަނީ އެނދުގަ. ދަރިފުޅަށް ކާންބޯންދެނީވެސް އަހަރެމެން. ތާހިރު ކުރަނީވެސް އަހަރެމެން. ހުރިހާ ކަމެއްވެސް އަހަރެމެން ކޮށްދެނީ. ދަރިފުޅަށް އަޅާލާނެ މީހަކު އަންނާނެ ކަމަކަށް ނުހުރެވޭނެދޯ. އަހަރެމެން އެބަޖެހޭ އެކަން ކުރަން ކޮންމެ ގޮތެއް ހަދާފަވެސް. ދެން ހަދާނީ ވަކި ކޮން ގޮތެއް... ޒަޚަމްވެފަ އޮތް މީހަކަށް ފަރުވާ ބޭނުންވާނެ. އޯގާތެރިކަން ބޭނުންވާނެ. ނެޕީވެސް ބޭނުންވޭ. ކަލޭމެންނަށްވެސް ފެންނަން މިއޮތީ، ޒަޚަމްވެފަ އޮތް ކުއްޖާގެ ހާލު. ސްކޫލުތަކުގަ ތިބި ހުރިހާ އެންމެންގެ ހާލު މީ. އަހަރެމެން ހަމަ އިންތިޒާރުކުރަނީ މި، އެހީ އަންނާނެ ވަގުތަކަށް... ދަރިފުޅުގެ ބޯ ޒަޚަމްވީ. ހަތިޔާރުގެ ބައެއްވެސް ބޮލުން ނެގި. އަތް އެކަނި ހަރަކާތް ކޮށްލެވެނީ. އެވެސް ވަރަށް މަސާޖުކޮށް ހަދައިގެން. އަމިއްލައަކަށް ނުވެސް ތެދުވޭ. ހަށިގަނޑުން ހިސާބަކަށް ވާގިނެތިފަ އެ އޮންނަނީ.
ސަލްވާ ނަޖާރު؛ ޣައްޒާގެ މަންމައެއް

ހަމާސްގެ ހަމަލާގެ ރައްދުގައި ކަމަށް ބުނެ ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ މީހުން މަރަމުން ދަނީ އެޔެއްމިޔެއް ބެލުމެއް ނެތިއެވެ. އުދުވާންތަކަށް މަހެއް ވާން ގާތްވެފައިވާއިރު، މަރުވި މީހުންގެ އަދަދު 8500 މއަށްވުރެ މައްޗަށް އަރައެވެ. އޭގެ 40 ޕަސެންޓް ހިއްސާކުރަނީ ކުޑަކުދިންނެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ލޯތަކަށް ނުފެންނަ، އިޒްރޭލުގެ ޖަރީމާތަކުގައި މީގެ ކުރިން މުޅިންވެސް ހަމަލާދެމުން ދިޔައީ ވައިގެ މަގުން ކަމަށް ވީނަމަވެސް، އެއްގަމު މަގުންވެސް ހަމަލާތައް ވަރުގަދަކުރާތާ މިހާރު މި ވަނީ ހަފުތާއެއްހާ ދުވަސް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް