އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން، އެންމެ ފަހުގެ ޗެމްޕިއަން ފ.އަތޮޅު މަދަރުސާ އިން ހޯދައިފި އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި އިންޓަ ސްކޫލް ވޮލީ މުބާރާތުގައި ވެސް ފ.އަތޮޅު މަދަރުސާ އިން ވަނީ 14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ބުދަ ދުވަހުގެ ހަވީރު މާފަންނު އައުޓްޑޯ ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ތ.މަޑިފުށީ ސްކޫލްގެ މައްޗަށް ތިން ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރީ 25-17 އިންނެވެ. ޖެހިގެން އައި ދެ ވަނަ ސެޓުގައި ވެސް އެ ސްކޫލުން ވަނީ މޮޅަށް ކުޅެފަ އެވެ. ދެ ވަނަ ސެޓު އެ ސްކޫލުން ކާމިޔާބު ކުރީ 25-15 އިންނެވެ. ނަމަވެސް ތިން ވަނަ ސެޓުގައި މަޑިފުށިން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ތެރެއަށް މަޑުމަޑުން ވަދެފަ އެވެ. ފަހު ވަގުތު ވާދަވެރިކޮށް ދިޔަ ތިން ވަނަ ސެޓު މަޑިފުށިން ކާމިޔާބު ކުރީ 23-25 އިންނެވެ. ހަތަރު ވަނަ ސެޓަށް ނިކުމެ އަނެއްކާ ވެސް ފ.އަތޮޅު މަދަރުސާ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސެޓު އެ ސްކޫލުން ކާމިޔާބު ކުރީ 25-13 ގެ ބޮޑު ތަފާތަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ ތުޤާ ޠައްލަތު އެވެ.
މި ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ، ފ.އަތޮޅު މަދަރުސާގެ ތުޤާ، އީޝާ އަލީ، އައިޝަތު އީވާ ޢަބްދުﷲ، މަޑިފުށީ ސްކޫލްގެ މަރިޔަމް ޔާނީ ޚަލީލް، ކެޔޮދޫ ސްކޫލްގެ އައިޝަތު އަޒްކާ މުޙައްމަދު ނާޝިދު، ޒާރާ އަލީ ރަމީޒު އަދި ތާޖުއްދީން ސްކޫލްގެ އައިރީޝް މޮންޓިއޭލް (ލިބަރޯ) އެވެ. މި ބައިގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ފ.އަތޮޅު މަދަރުސާގެ ކޯޗު އަލީ ޒާހިރު އެވެ.
މިއަހަރުގެ މުބާރާތުގައި ވަނީ 19 ސްކޫލަކުން ވާދަކޮށްފަ އެވެ. އެއީ އަތޮޅު ތެރެއަށް ނިސްބަތްވާ ނުވަ ސްކޫލުގެ އިތުރުން މާލޭ ސަރަހައްދުން 10 ސްކޫލެކެވެ. މުބާރާތުގައި ޖުމުލަ 42 ޓީމެއް ވާދަކުރެ އެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ތިން އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު އެވެ. އެންމެ ފަހުން އިންޓަ ސްކޫލް ވޮލީ މުބާރާތް ބާއްވާފައި ވަނީ 2019 ވަނަ އަހަރު އެވެ. މިއަހަރުގެ މުބާރާތުގެ 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ކުޅުން ނިމިފައިވާއިރު، ދެން އޮންނާނީ 19 އަހަރުން ދަށުގެ ކުޅުމެވެ.