އޭޝިއަން ވޮލީ ބޯޅަ ކޮންފެޑެރޭޝަން (އޭވީސީ) ގެ މެޑިކަލް ކޮމެޓީ އަށް، ރާއްޖޭގެ އަޙުމަދު ޝަކީބު (ޑޮކް) އައްޔަން ކޮށްފި އެވެ.
ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފައިވާ ގޮތުގައި، އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ޝަކީބު އައްޔަން ކޮށްފައި ވަނީ ސެޕްޓެމްބަރު މަހު އެވެ. އެގޮތުން މި މަހުގެ ހަ ވަނަ ދުވަހު، ތައިލެންޑުގައި ކުރިއަށް ދިޔަ އޭވީސީގެ ބޯޑު އޮފް އެޑްމިނިސްޓްރޭޝަންގެ ބައްދަލުވުމުގައި ވަނީ، އެ ކޮމެޓީ އަށް ޝަކީބު އައްޔަން ކޮށްފަ އެވެ.
ވީއޭއެމްގެ ޕޯސްޓުގައި ބުނެފައި ވަނީ، އެފަދަ ފަޚުރުވެރި މަޤާމަކަށް ޝަކީބު އައްޔަން ކުރުމާ ގުޅިގެން، އެ އެސޯސިއޭޝަންގެ ފަރާތުން ޝަކީބު އަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ކުޅުންތެރިންނަށް އެހީތެރިވުމުގައި ޝަކީބު ދައްކަވާފައިވާ ހިތްވަރާއި، ވަފާތެރި ކަމަަށް ޝުކުރު އަދާ ކުރާ ކަމަށް ވަނީ ބުނެފަ އެވެ.
ދިވެހި ކުޅިވަރަށް އެތައް ދުވަހެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޝަކީބު އަކީ، ރާއްޖޭގައި ހުރި ކުޅިވަރުގެ އެންމެ މޮޅު އެއް ޑޮކްޓަރެވެ. މީގެ އިތުރުން ސަރަހައްދީ ފެންވަރުގައި ވެސް ޝަކީބު އަކީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.
ރާއްޖޭގެ ސީނިއާ ޤައުމީ ޓީމަށް ވެސް ޚިދުމަތް ކުރައްވާފައިވާ ޝަކީބު ވަނީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ވެސް ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.
އެފްއޭއެމްގައި ޝަކީބު އިސްކޮށް މަސައްކަތް ކުރައްވާފައިވާއިރު، އޭނާ ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެންމެ ފުރަތަމަ ރާއްޖެ ނޯމަލައިޒް ކުރިއިރު، ނޯމަލައިޒިން ކޮމެޓީ ގައި ވެސް މަސައްކަތް ކޮށްފަ އެވެ. މީގެ އިތުރުން، އެފްްއޭއެމްގެ ސީނިއަރ ނައިބު ރައީސްގެ މަގާމު ވެސް ޝަކީބު ވަނީ އަދާ ކުރައްވައިފަ އެވެ.
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ޝަކީބު އައްޔަން ކުރުމާ ގުޅިގެން، ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުޙަބާ ކިޔަމުންނެވެ.