ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 14:44
އަސްތަލްއާއެކު ދަރުމަވެރިންގެ ގޮތުގައި ޚިދުމަތަށް ނުކުތް ގިނަ ޢަދަދެއްގެ މީހުން މިހާރު ވަނީ، އިޒްރޭލުގެ ޤަޠުލުޢާންމުގެ ޝިކާރައަކަށްވެ، މި ދުނިޔެއާއި ވަކިވެ ގޮސްފައި
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"ހަނގުރާމަ ފެށި ފަހުން ގެޔަކަށް ނުދަން، އެކު އުޅުނު މީހުން ޝަހީދުވެސްކޮށްލައިފި..." އެކަމަކުވެސް ފަސްޖެހުމެއް ނެތް!
 
ވަޒީފާއެއް ނުލިބި ހުއްޓެއް ކަމަކު، އަސްތަލް އަކީވެސް ޕެރަމެޑިކް ސައެންސްގެ ރޮނގުން ޑިޕްލޮމާ ސަނަދު ޙާޞިލުކޮށް، ކިޔަވައިގެން ހުރި މީހެއް
 
އިޒްރޭލުގެ ޢުދުވާންތައް ފެށިފަހުން އެކަނިވެސް އަސްތަލް ވަނީ، ޒަޚަމްވީ އެތައް ބަޔަކަށް ފުރަތަމަ އެހީއާއި ޞިއްޙީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފަ

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާއަށް ކުރިމަތިލާން ޖެހިފައި ވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ ވާހަކައަކީ، ދައްކާ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. ޔަހޫދީ އިޒްރޭލުގެ އެންމެ ފަހުގެ ޖަރީމާ ފެށިއިރުވެސް ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން ދިޔައީ އިޒްރޭލާއި މިޞްރު، އަދި ޚުދު ފަލަސްޠީނުގެ މައި ސަރުކާރުގެ ފިއްތުންތަކުގެ ސަބަބުން، އިންތިހާ ދަތީގައެވެ. އާބާދީގެ 46 ޕަސެންޓްއަށް ވުރެ ގިނަ މީހުންނަކީ ވަޒީފާއެއް ނުލިބި ތިބި މީހުންނެވެ. އިންތިހާ ފަޤީރުންގެ ލިސްޓު އެހާމެ ދިގެވެ.

ޢުމުރުން 33 އަހަރުގެ ލުޔީ އަލް-އަސްތަލްވެސް ގުނާލެވެނީ ޣައްޒާގައި ވަޒީފާއެއް ނުލިބި ތިބި މީހުންގެ ތެރޭގައެވެ. އިންތިހާ ދަތި ޙާލުގައި ދިރިއުޅެން ޖެހުނެއް ކަމަކު، އުފަން ފަސްގަނޑަށް އަސްތަލްގެ ހިތުގައި ދީފައި އޮންނަ ލޯތްބަށް، ކުޑަ ނަމަވެސް އުނިކަމެއް ނާދެއެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ޤަޠުލުޢާންމު ހިންގަން ފެށުމާއެކު، އަސްތަލް ދުއްވައިގަތީ ޚާން ޔޫނިސްގެ އަލް-ނާޞިރު ހޮސްޕިޓަލުގައި ޕާކު ކޮށްފައި އޮތް އެމްބިއުލާންސްއަކާ ދިމާއަށެވެ. ދަރުމަވެރިއެއްގެ ގޮތުގައި އަސްތަލް ނުކުތީ، އެމްބިއުލާންސް ދުއްވައިދިނުގެ އިންސަނީ ޚިދުމަތަށެވެ.

އިޒްރޭލުގެ ޢުދުވާންތައް ފެށިފަހުން އެކަނިވެސް އަސްތަލް ވަނީ، ޒަޚަމްވީ އެތައް ބަޔަކަށް ފުރަތަމަ އެހީއާއި ޞިއްޙީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ކުއްލި ޙާލަތުގައި މަސައްކަތް ކުރާ ޕެރަމެޑިކްސް ޔުނިޓަށްވެސް އަސްތަލް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވަޒީފާއެއް ނުލިބި ހުއްޓެއް ކަމަކު، އަސްތަލް އަކީވެސް ޕެރަމެޑިކް ސައެންސްގެ ރޮނގުން ޑިޕްލޮމާ ސަނަދު ޙާޞިލުކޮށް، ކިޔަވައިގެން ހުރި މީހެކެވެ. ޞިއްޙީ ޚިދުމަތްތެރިންނާއެކު މަސައްކަތް ކުރުމަށް އިސް ނެގީ، ޚުދު އަސްތަލްގެ އަމިއްލަ އިޚުތިޔާރުގައެވެ.

މާއްދީ ވަޞީލަތްތަކުގެ އިތުރުން، މި ދަނޑިވަޅަކީ އިންސާނީ ވަޞީލަތުގެ ދަތިކަންވެސް އިންތިހާއަށް ކުރިމަތިވެފައި ވާ ދުވަސްވަރެއް ކަމުން، ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ޞިއްހީ ފުރަތަމަ އެހީ ދިނުމާއި ޕެރަމެޑިކްސް ލައިސަންސް އޮންނަ ހުރިހާ އެންމެން، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނާ ގުޅުމަށް އެދި ގޮވާލާފައެވެ.

އަހަރަމެންނަށް އަދިވެސް ދަރުމަވެރިން ބޭނުންވޭ. މިހާރުވެސް އަހަރަމެންގެ އެމްބިއުލާންސްތައް މަސައްކަތް ކުރަމުން އެ ދަނީ 24 ގަޑިއިރު. މުޅި ދުވަހު، 24 ގަޑިއިރު މި މަސައްކަތް ކުރަނީ، ހުއްޓި ނުލާ. ޑްރައިވަރުންނާއި، ޕެރަމެޑިކްސްގެ ދަތިކަން މިއޮތީ ކުރިމަތިވެފަ. އުންމީދު ކުރަނީ ދަރުމަވެރިންނަށް އެހީތެރިވާނެ ބަޔަކު ނުކުންނާނެ ކަމަށް. ދަރުމައަށް މަސައްކަތް ކުރިޔަސް، އެމީހުން އެ އުޅެނީ މަސައްކަތުގަ. މުޅި ދުވަހު. ރަސްމީ މުވައްޒަފުންނެކޭ އެއްގޮތަށް.
ނަސީމު ޙަސަން؛ ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ އެމަރޖެންސީ އޮފިޝަލު

އަސްތަލްއާއެކު ދަރުމަވެރިންގެ ގޮތުގައި ޚިދުމަތަށް ނުކުތް ގިނަ ޢަދަދެއްގެ މީހުން މިހާރު ވަނީ، އިޒްރޭލުގެ ޤަޠުލުޢާންމުގެ ޝިކާރައަކަށްވެ، މި ދުނިޔެއާއި ވަކިވެ ގޮސްފައެވެ. ނަމަވެސް، އަސްތަލް އަދިވެސް ހުރީ، ވީހާވެސް ގިނަ ބަޔަކަށް، އޭނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ސާބިތު ޢަޒުމުގައެވެ.

ހަނގުރާމަ ފެށި ފަހުން އަހަރެން އަދި ގެޔަކަށް ނުދަން. ފެންވަރާއި، ނިދައި، ކައި ހަދަނީވެސް މިތާ. އެއްވެސް ވަރަކަށް ގެޔަކަށް ނުދަން. އަހަންނާ އެކީގަ މަސައްކަތު ނުކުމެ އުޅުނު ކިތަންމެ ބަޔަކު މިހާރުވެސް ޝަހީދުވެއްޖެ. އެކަމާ ހެދި އަހަރަމެން ބިރު ގަންނަނަމަ، މިއަދު މި މަސައްކަތް ކުރާކަށް ނުކުމެގެން ނުއުޅުނީސް... އެކު އުޅުނު މީހުން ޝަހީދު ކޮށްލިޔަސް، އަހަރަމެންނަކަށް ދެރަ ގޮތެއް ނުވާނެ. އަހަރަމެންގެ ޢަމާޒު ވަރަށް ސާފު. އެއީ، އިންސާނިއްޔަތަށް ޚިދުމަތްކޮށްދިނުން. އަހަރަމެންގެ މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް، އަހަރަމެންނަށް ކުރެވެން އޮތް ކަންތައް މީ.
ލުޔީ އަލް-އަސްތަލް؛ ޣައްޒާގެ ދަރުމަވެރިއެއް

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ހަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ ޔަހޫދީން ޤަޠުލުޢާންމު ފެށިތާ 3 ހަފުތާ ފާއިތުވެގެން ދިޔައިރު، މި ދުނިޔެއާއި ވަކިވެދިޔަ މީހުންގެ ޢަދަދު 9000 އާއި ގާތް ކުރަނީއެވެ. މަރުވި ކުޑަކުދިންގެ ޢަދަދު އުޅެނީ 3400 އަށް ވުރެ މަތީގައެވެ.

އިޒްރޭލުގެ ޙަމަލާތަކަކީ އެޔެއް މިޔެއް ބެލުމެއް ނެތި ދެމުން ގެންދާ ޙަމަލާތަކެއްކަން އޮޅުވާލެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އާންމުން ދިރިއުޅޭ ގެތަކާއި، ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނަށްވެސް ޙަމަލާތައް ދެނީއެވެ. ދިފާޢުގައި އިޒްރޭލުން ބުނަމުން ދަނީ، ހަމާސްގެ ކޮމާންޑް ސެންޓަރުތަކާއި އެނޫންވެސް އަސްކަރީ މަރުކަޒުތައް، ހޮސްޕިޓަލުތަކުގައި ޤާއިމު ކޮށްފައި ހުންނަ ކަމަށެވެ. ހަމާސްއިން އެކަން ދޮގު ކުރެއެވެ. ޣައްޒާއާއި ފަލަސްޠީނުގެ މިނިވަން ކަމަށް ވަކާލާތު ކުރަމުން ދާ ހަމާސް ޖަމާޢަތަކީ، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ސިފަ ކުރާ ގޮތުގައި ޓެރަރިސްޓް ޖަމާޢަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް