މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިން ވަނަ ފ.އަތޮޅު މަދަރުސާ ހޯދައިފި އެވެ.
އަންގާރަ ދުވަހު ކުރިއަށް ދިޔަ ތިން ވަނަ ހޮވާ މެޗުގައި ފ.އަތޮޅު މަދަރުސާ ވާދަކޮށްފައި ވަނީ ކެޔޮދޫ ސްކޫލާ އެވެ. މި މެޗު ފ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ފ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރީ 25-16 އިންނެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު ކެޔޮދޫ ސްކޫލުން ވަނީ 22-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ޖެހިގެން އައި ދެ ސެޓުގައި ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ދެ ސެޓު ވެސް ކާމިޔާބު ކުރީ ފ.އަތޮޅު މަދަރުސާ އިންނެވެ. އެއީ ތިން ވަނަ ސެޓު 25-20 އަދި ހަތަރު ވަނަ ސެޓު 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ އަޒާން ފަތުހުﷲ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު އޮތް މުބާރާތުގައި ފ.އަތޮޅު މަދަރުސާ އިން ވަނީ މި ބައިގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
16 އަހަރުން ދަށުގެ އަންހެން ބައިގެ ތިން ވަނަ ހޯދީ ކެޔޮދޫ ސްކޫލެވެ. އެއީ ތިން ވަނަ ހޮވާ މެޗުގައި ސީދާ ތިން ސެޓުން އިމާދުއްދީން ސްކޫލް ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ކެޔޮދޫ އިން ކާމިޔާބު ކުރީ 25-07، 25-11 އަދި 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެޔޮދޫ ސްކޫލްގެ އައިޝަތު އާނީ މުޙައްމަދު އެވެ. އެވެ.
މީގެ އިތުރުން އަންގާރަ ދުވަހު ވަނީ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިން ވަނަ ހޮވާ މެޗު ވެސް ކުޅެފަ އެވެ. އެ މެޗުގައި ބައްދަލު ކުރީ ކެޔޮދޫ ސްކޫލް އަދި ތާޖުއްދީން ސްކޫލެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ކެޔޮދޫ ސްކޫލެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބު ކުރީ 25-07، 25-12 އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެޔޮދޫ ސްކޫލްގެ އައިޝަތު އަޒްކާ މުޙައްމަދު އެވެ.
މިއަހަރުގެ މުބާރާތުގެ ޖުމުލަ 19 ސްކޫލެއް ވާދަކުރެ އެވެ. އޭގެ ތެރެއިން ނުވަ ސްކޫލަކީ އަތޮޅު ތެރެއަށް ނިސްބަތްވާ ސްކޫލްތަކެވެ. އެ ސްކޫލުތަކުން ވަނީ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ހާސިލްކޮށްފަ އެވެ. މާލޭ ސަރަހައްދުން 10 ސްކޫލެއް ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ.