ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 07:09
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަނދާނީ ފިލާ އަރުވަނީ
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަނދާނީ ފިލާ އަރުވަނީ
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީ
ޖުޒާމްބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ
"ޒީރޯ ލެޕްރަސީ" ގެ ނަމުގައި މަސައްކަތް ފެށީ 2019 ވަނަ އަހަރު

ދުނިޔޭގެ ސިއްޙައްތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލެޕްރަސީ ނުވަތަ ޖުޒާމްބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމެއް ގޮތުގައި ދިވެހިރާއްޖެ ކަނޑައަޅައިފިއެވެ.

މިކަން ފާހަގަކުރުމުގެ ގޮތުން ޑަބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. މި ފިލާ ރާއްޖެއަށް އަރުވާފައިވަނީ އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

ޖުޒާމްބަލި ފެތުރުން ކޮންޓްރޯލް ކުރި ފުރަތަމަ ޤައުމުކަން ފާހަގަކޮށް ރާއްޖެއަށް ހަނދާނީ ފިލާ އެރުއްވީ ދެކުނު އޭޝިއާ ސަރަހައްދުގެ ޑަބްލއިއުއެޗްއޯގެ ޑިރެކްޓަރު ޑރ. ޕޫނަމްއެވެ. މިފިލައާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

މި ޝަރަފާ ގުޅިގެން ހެލްތު މިނިސްޓްރީން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ އެ ބަލި ނައްތާލުމަަށްޓަކައި އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކޮށްދީފައިވާ ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ 178 ރަށެއް، ލެޕްރަސީ ނެތް ރަށްރަށުގެ ގޮތުގައި ކަނޑައެޅުމަށް ޝަރުތު ފުރިހަމަވީ މި މަހުގެ މެދުތެރޭގައެވެ. އެގޮތުން، 2023 ނިޔަލަށް ރާއްޖެއިން މަދުވެގެން 100 ރަށުގައި ލެޕްރަސީ ނެތްކަން ކަނޑައެޅުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި އެކުލަވާލާފައިވާ "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް"ގައި ހިމަނާފައިވާ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖުޒާމްބައްޔަކީ ކުރީގައި ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލުކުރި ބައްޔަކަށް ވާއިރު، 1982 ވަނަ އަހަރު ރާއްޖޭގައި މި ބައްޔަށް ބޭސް ތައާރަފްކޮށް، ރަނގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދެވެން ފެށުމާއެކު، ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވިއެވެ. 1997 ވަނަ އަހަރު، މިބައްޔަކީ ރާއްޖޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫންކަމުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވެއެވެ.

ޖުޒާމްބަލި މުޅިން ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް "ޒީރޯ ލެޕްރަސީ" ގެ ނަމުގައި މަސައްކަތް ފެށީ 2019 ވަނަ އަހަރުއެވެ.

- ކޮމެންޓް