ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ގަވާއިދާ ހިލާފު ޖަލްސާއެއް ކަމަށް ބުނެ، އެ ޖަލްސާ ފެށުމަށް އެމްޑީޕީގެ މެންބަރުން ހުރަސްއަޅައިފި އެވެ.
އަންގާރަ ދުވަހުގެ ޖަލްސާ ފެށުމަށް އެމްޑީޕީގެ މެންބަރުން ދެކޮޅު ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިން ހޯމަ ދުވަހު ދެއްވި ލަފަޔަށް އިޝާރަތް ކުރައްވަމުންނެވެ.
އެގޮތުން އަންގާރަ ދުވަހުގެ ޖަލްސާ އަކީ ގާނޫނާ ހިލާފަށް ބާއްވަމުންދާ ޖަލްސާއެއް ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ޝުއޫރު ފާޅުކޮށްފަ އެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި ވިލިފުށީ ދައިރާގެ މެންބަރު ހަސަން އަފީފު އިންނެވުމަށް ވެސް އެމްޑީޕީގެ މެންބަރުން ވަނީ ދެކޮޅުހަދާފަ އެވެ.
މިކަމުގެ ސަބަބުން މަޖިލީހުގެ ތަޅުން ދޫކުރައްވައި އަފީފު ވަނީ ވަޑައިގަންނަވާފަ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހަޅާފައިވާއިރު އާދީއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށް އެ މައްސަލައިގައި ގޮތެއް ނިންމަން އެޖެންޑާ ކުރިއެވެ.
ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މައްސަލަ ކުރިއަށްނުގެންދެވުނެވެ. އެ މައްސަލަ ކުރިއަށްދަނިކޮށް މަޖިލީހުން ވަނީ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަން އަންގާރަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިނަމަ މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށްގެންދެވޭނީ އެ މައްސަލައާމެދު ގޮތެއް ނިންމުމަށްފަހުއެވެ. އެހެންވެ އެ މަސައްކަތް ނުނިންމާ އިތުރު އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.