މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ފައިނަލުން އދ.ކުނބުރުދޫ ސްކޫލް އަދި އދ.އަތޮޅު މަދަރުސާ ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ފައިނަލުން އދ.އަތޮޅު މަދަރުސާ ޖާގަ ހޯދީ ހޯމަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެެޗުގައި ފ.އަތޮޅު މަދަރުސާ ބަލިކޮށްގެންނެވެ. އެ މެޗު އދ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ ކޮންމެ ސެޓެއްގެ ކުރީ ކޮޅު ފ.އަތޮޅު މަދަރުސާ އިން ވަނީ ލީޑު ނަގައިފަ އެވެ. ނަމަވެސް އެ ޓީމަށް ލީޑު ހިފެހެއްޓުމުގައި ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ. އދ.އަތޮޅު މަދަރުސާ އިން މެޗުގެ ސެޓުތައް ކާމިޔާބު ކުރީ 25-15، 25-22 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އދ.އަތޮޅު މަދަރުސާގެ ޝައިޙާން ޝާހީން އެވެ.
ދެ ވަނަ ސެމީ ފައިނަލްގައި އދ.ކުނބުރުދޫ ސްކޫލް ވާދަކޮށްފައި ވަނީ ކެޔޮދޫ ސްކޫލާ އެވެ. އެ މެޗު ކުނބުރުދޫ ސްކޫލުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބު ކުރީ 25-17، 25-11 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުނބުރުދޫ ސްކޫލްގެ މުޙައްމަދު އިކުރާމް އިސްމާއީލް އެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ފައިނަލް އޮންނާނީ ބުދަ ދުވަހުގެ ރޭ އެވެ.