ކ. މާލެ
|
30 އޮކްޓޯބަރ 2023 | ހޯމަ 17:59
ހޮސްޕިޓަލުތަކުން މިހާރު ބަލައިގަންނަނީ، އުދުވާންތަކުގައި ބޮޑެތި އަނިޔާތައް ލިބި، ސަރޖަރީ ހަދަންޖެހޭ ހާލުގައި ތިބި މީހުން އެކަނި
ހޮސްޕިޓަލުތަކުން މިހާރު ބަލައިގަންނަނީ، އުދުވާންތަކުގައި ބޮޑެތި އަނިޔާތައް ލިބި، ސަރޖަރީ ހަދަންޖެހޭ ހާލުގައި ތިބި މީހުން އެކަނި
ރޮއިޓާސް
ފަލަސްތީން - އިސްރާއީލް ހަނގުރާމަ
މުވާސަލާތީ ގުޅުން ކަނޑާލުމާއެކު، ޣައްޒާގެ އެމްބިއުލާންސްތައް މިސްރާބު ދެނެގަންނަނީ ހަމަލާގެ ދުންގަނޑުން!
އެމްބިއުލާންސްތަކުން ދަތުރުކުރަނީ، އިޒްރޭލުން ދޭ ހަމަލާތައް އަމާޒުވާ ސަރަހައްދުތަކުން އަރަމުންދާ ދުންގަނޑަކަށް ބަލައިގެން
ޣައްޒާއިން މުވާސަލާތީ ޚިދުމަތް ކަނޑާލާފައިވާއިރު، ސިއްހީ ނިޒާމު އޮތީ އިނދަޖެހިފައި

ޣައްޒާއަކަށް ގޮތެއް ހުހެއް ނުވާނެއެވެ. ކުރިމަތިލާން ޖެހުނު ކޮންމެ ކަމަކާ ސާބިތުކަމާއެކު ކުރިމަތިލުމާއި، ހުރަސްކުރަން ޖެހޭ އަޑިގުޑަންތައް ހުރަސްކުރުމުގައި ޣައްޒާގެ ފަހުލަވާލުންގެ ކިބައިން ފެންނަ ހިތްވަރެއް ދުނިޔޭގެ އެހެން އެއްވެސް ހިސާބަކުން ނުފެނެއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ޔަހޫދީންގެ ނުބައި ނުލަފާ ރޭވުންތަކުން މުޅި ޣައްޒާއާއި ދުނިޔެ ވަކިކޮށް، އެކަހެރި ކޮށްލާފައި ވާއިރު، އެއީވެސް ޣައްޒާގެ ރަށްވެހިންނަށް ލިބުނު ނިކަމެތި ކަމެއްގެ ގޮތުގައި އެމީހުންނެއް ނުދެކެއެވެ. އެ ހާލަތުގައިވެސް ދިރިއުޅުން ކުރިއަށްގެންދިއުމުގެ ވަރުގަދަ އަޒުމުގައި، އައު ރާސްތާތައް ހޯދައިގެން ފިޔަވަޅުތައް އަޅަންފެށީ ކުރިޔަށެވެ. 

ޣައްޒާއިން މުވާސަލާތީ ޚިދުމަތް ކަނޑާލާފައި ވާއިރު، ސިއްހީ ނިޒާމު އޮތީ އިނދަޖެހިފައެވެ. އުދުވާންތަކުގައި ބޮޑެތި އަނިޔާތައް ލިބޭ މީހުންގެ ފަރުވާއަށްވެސް އެކަމުގެ ސަބަބުން ދަނީ ހުރަސްތަކާ ކުރިމަތިވަމުންނެވެ. އެގޮތުން، އަވަސް ފަރުވާ ބޭނުންވާ މީހުން ބަލައި އެމްބިއުލާންސްތައް ދަތުރުކުރަނީ، އިޒްރޭލުން ދޭ ހަމަލާތައް އަމާޒުވާ ސަރަހައްދުތަކުން އަރަމުންދާ ދުންގަނޑަކަށް ބަލައިގެންނެވެ. ދުންގަނޑެއް ފެނިއްޖެނަމަ އެ ދިމާއަކަށް އެމްބިއުލާންސް ދުއްވަނީއެވެ.

މުވާސަލާތީ ގުޅުން މިއޮތީ ކަނޑާލާފަ. އެކި ތަންތަނަށް އެބަ ހަމަލާތައް ދޭ. އަހަރެމެން މި ތިބެނީ މިތާ، މިތަނަށް ފެންނާނެ ވަރަށް ދުރުންވެސް ދުންގަނޑު އަރައިގަންނަތަން. އެ ދިމާލަކަށް އެމްބިއުލާންސް ފޮނުވާލަން އެހީއަކަށް ވަނީ، އެ ފެންނަ ދުންގަނޑު. މިކޮޅުން އެމްބިއުލާންސް ނައްޓާލާ ހިސާބުން، އަހަންނާ އެމްބިއުލާންސްއާ އޮންނަ ގުޅުންވެސް ކެނޑޭ. ވޯކީޓޯކީތަކެއްވެސް މަސައްކަތެއް ނުކުރޭ.
ނަސީމް ހަސަން؛ ޣައްޒާގެ ޕެރަމެޑިކެއް

ސިއްހީ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ނަސީމް ހަސަން ބުނިގޮތުގައި، އޮކްޓޯބަރު 28 ވަނަ ދުވަހު ފޯނާއި އިންޓަރނެޓުގެ ޚިދުމަތް ކަނޑާލި ހިސާބުން، ޣައްޒާއަށް ޖެހިފައި އޮތް މުސީބާތް ވަނީ ވަކިން ބޮޑުވެފައެވެ.

އަހަރެމެންގެ ޓީމެއް އުޅޭނެ ނާސިރު ހޮސްޕިޓަލަށް ވަންނަ ހިސާބުގަ. ޓުކްޓުކެއްގަ، ނޫނީ ކާރެއްގަ ގެންނަ ޒަޚަމްވީ މީހާއާ ހަވާލުވެފަ، މައުލޫމާތު އަހާ އޮޅުން ފިލުވާފަ، އެ ދިމާލަކަށް އެމްބިއުލާންސް ފޮނުވާލަނީ. އެކަމަކު، ރޭގަނޑުގެ ވަގުތުތައް ވަރަށް ދަތި. ރޭގަނޑު، އާންމުންނަކަށް ކާރެއް ނުދުއްވޭ. އެއީ އެމީހުންނަށް ވަރަށް ނުރައްކާ ބޮޑު ކަމެއް. ޕެރަމެޑިކެއްގެ ގޮތުގަ މަސައްކަތްކުރާތާ މި ވީ 25 އަހަރު ތެރޭގަވެސް މިވަރުގެ ކަމެއް އަހަރެން ނުދެކެން. އެމްބިއުލާންސްތައް އެ އޮންނީ ކޯލެއްގެ އިންތިޒާރުގަ... އެކަމަކު ގުޅުން މިއޮތީ ކަނޑާލާފަ. ވަރަށް ކުރިޓިކަލް ހާލަތެއްގަ މި ތިބެނީ.
ނަސީމް ހަސަން؛ ޣައްޒާގެ ޕެރަމެޑިކެއް

2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޣައްޒާއަށް އަމާޒުކޮށް، އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ފުރާނަ ގެއްލިދިޔަ މީހުންގެ އަދަދު މިހާރު ވަނީ 8500އަށްވުރެ މައްޗަށް އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު 20000އާ ގާތްކުރާއިރު، ހޮސްޕިޓަލުތަކުގައި އެކަށީގެންވާ ފަރުވާއެއް ދެވޭކަށް ނެތެވެ. ފެނާއި ކަރަންޓުގެ ޚިދުމަތުގައިވެސް އިޒްރޭލުން އަތް އަޅައިގެން އޮތްއިރު، ޣައްޒާއަށް ބޭނުންވާ ހަކަތައިގެ ސަޕްލައިއަށްވެސް ޔަހޫދީން ވަނީ އަތްގަދަކޮށްފައެވެ.

އަހަރެމެން މިއުޅެނީ ސިއްހަތާބެހޭ ވުޒާރާގެ، އިމަރޖެންސީއާ އެމްބިއުލާންސް ޚިދުމަތާބެހޭ ބައިގަ. އަހަރެމެންނަށް މިއޮތީ ބޮޑު މުސީބާތަކާ ކުރިމަތިވެފަ. މުސީބާތަކަށްވުރެ ވެސް ބޮޑު ކަމެއް މީ. ތާރީޚުގަވެސް، އެމްބިއުލާންސަށް ގުޅުން ހުއްޓާލި ފުރަތަމަ ފަހަރު މީ. އެހެންނުވާނީ، މުވާސަލާތީ ޚިދުމަތާ، އިންޓަރނެޓް މިއޮތީ ކަނޑާލާފަ. އަހަރެމެންގެ އުންމީދަކީ މަސައްކަތް ކުރިއަށްގެންދެވުން. އެކަމަކު، އަހަރެމެންގެ މިއުޅެނީ މާ ފަސޭހަ ދިރިއުޅުމެއް ނޫން... އެހީ ބޭނުންވާ ހިސާބުތަކަށް ދާން ކުރަނީ ފަސޭހަ ދަތުރެއްވެސް ނޫން. މިހާރު އެމްބިއުލާންސްތައް އޮތީ ނާސިރު ހޮސްޕިޓަލުގައާ، ފަލަސްތީނު ރެޑް ކްރެސެންޓުގަ. އެހީއަކަށް އެދި، އާންމުންގެ މީހަކު އަންނާނެ ވަގުތަކަށް ތައްޔާރުވެގެން.
ނަސީމް ހަސަން؛ ޣައްޒާގެ ޕެރަމެޑިކެއް

އެންމެ ފަހުގެ އުދުވާންތައް ފެށިފަހުން އެކަނިވެސް ޣައްޒާއިން 1.4 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އެތައް ބަޔަކު ދިރިއުޅެމުން ދަނީ އިންސާނަކު ދިރިއުޅެން ހެޔޮވާ ވަރަށްވުރެ ނިކަމެތި ހާލެއްގައެވެ. އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ ނުސީދާ ނަތީޖާއަކަށް ވެފައިވަނީ މުޅި ޣައްޒާގައި ބަލިމަޑުކަން ފެތުރިގެން ދިޔުމެވެ. މިހާރުވެސް އެކި ކަހަލަ ހުމާއި، ރޯގާ އަދި ބަނޑުގެ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދު އިންތިހާއެވެ. ހޮސްޕިޓަލުތަކުން މިހާރު ބަލައިގަންނަނީ، އުދުވާންތަކުގައި ބޮޑެތި އަނިޔާތައް ލިބި، ސަރޖަރީ ހަދަންޖެހޭ ހާލުގައި ތިބި މީހުން އެކަންޏެވެ. ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ޚިދުމަތް ދިނުން މަޑުޖައްސާލާފައި އޮތްއިރު، އިންސާނަކަށް ވީތީ ލިބިދޭންޖެހޭ އެންމެ އަސާސީ ހައްގުތައް، ޣައްޒާގެ ރަށްވެހިންނަށް ހޯދައިދިނުމަށް އަމަލީގޮތުން ފިޔަވަޅެއް އަޅަންކެރުނު ހަމަ އެންމެ ގައުމެއް، މުއައްސަސާއެއް ނުވަތަ އިދާރާއެއްވެސް އަދުގެ ދުނިޔޭގައި ނެތީތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް