ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ބުދަ ދުވަހަށް ތާވަލްކޮށްފިއެވެ.
މިއީ މި މައްސަލަ އެޖެންޑާ ކުރާ 3 ވަނަ ފަހަރެވެ.
ބުދަ ދުވަހަށް އެ މައްސލަަ އެޖެންޑާކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވެސް އެޖެންޑާކުރިއެވެ. ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާ އަށް ސަލާމް ފޮނުއްވާފައިވާތީ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ. ހޯމަ ދުވަހު އެ މައްސަލަ އެޖެންޑާ ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން، ނަޝީދު ވަކިކުރުމަށް އާދީއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު، އެ ދުވަހު ވެސް އީވާ ސަލާމް ފޮނުއްވުމުގެ ސަބަބުން މައްސަލަ ކުރިއަށް ގެންދެވިފައި ނުވުމުންނެވެ.
އާދިއްތަ ދުވަހު މަޖިލީހަށް ފޮނުއްވި ސިޓީގައި އީވާ ވިދާޅުވެފައިވަނީ ޑެންގީ ހުމަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރި ދުވަހަށް އީވާ ސަލާމް ހުށަހަޅުއްވާފައި ވަނީ ޑެންގީ ހުމަށް ޕޮސިޓިވް ވެފައި ވަނިކޮން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ވެސް ރިޔާސަތު ބެލެހެއްޓެވުމަށް ފަހުގައެވެ. އަދި މިކަމުގެ ސަބަބުން ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕީގެ ފަރާތުން އާދިއްތަ ދުވަހު މި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ސުޕްރީމްކޯޓުން ވަނީ ބަލައިގަނެފައެވެ.
ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް އެމަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ 12 އޮކްޓޯބަރުގައެވެ. 49 މެންބަރުންގެ ސޮޔާއެކު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ވެސް އޮކްޓޯބަރު މަހުގައެވެ.