ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 01:12
ޣައްޒާ
ޣައްޒާ
އަލްޖަޒީރާ
ޣައްޒާގެ ހާލަތު
އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް، މުޅި ޣައްޒާއިން މޯބައިލް ފޯނާއި އިންޓަރނެޓްގެ ޚިދުމަތް މެދުކެނޑިފައި
ޣައްޒާގެ އުތުރަށާއި އިރުމައްޗަށް މެދުކެނޑުމެއްނެތި ވަރުގަދަ ހަމަލާތައް ދެމުންދާކަމަށް ރިޕޯޓްތައް ބުނޭ
ޣައްޒާގައި އިންޓަރނެޓް ކެނޑިފައިވުމާއި ފޯނުގެ ޚިދުމަތް މެދުކެނޑިފައިވުމުން ޣައްޒާގެ ތެރޭގައި ހިނގާ ކަމެއް އެއްވެސް މީހަކަށް ސާފެއް ނޫން
ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާތައް އަމާޒުކުރަމުންދާތާ ދެ ގަޑިއިރަށްވުރެ ގިނައިރު ވަނީވެފައި

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު މުޅި ޣައްޒާއިން މޯބައިލާއި އިންޓަރނެޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ފަލަސްތީނުގެ ޓެލެކޮމިޔުނިކޭޝަން ކޮމްޕެނީ ޖައްވާލް އިން ފޭސްބުކަށް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނާތީވެ މުޅި ޣައްޒާގެ މޯބައިލް ފޯނުގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް މެދުކެނޑިފައިވާކަމަށެވެ.

އަލްޖަޒީރާއީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާތައް އަމާޒުކުރަމުންދާތާ ދެ ގަޑިއިރަށްވުރެ ގިނައިރު ވަނީ ވެފައެވެ. އަދި މިއީ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް އެންމެ ވަރުގަދަކޮށްފައިވާ ރޭ ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ޣައްޒާގެ އުތުރަށާއި އިރުމައްޗަށް މެދުކެނޑުމެއްނެތި ވަރުގަދަ ހަމަލާތައް ދެމުންދާކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ހަމަ މިރޭ ޣައްޒާގެ ދެކުނަށް އަމާޒުކޮށްވެސް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ އަސްކަރިއްޔާގެ ސްޕޯކްސްޕާސަން ބުނެފައިވަނީ މިރޭ ވައިގެ މަގުންދޭ ހަމަލާތައް ވަރުގަދަކުރަމުންދާއިރު އެއްގަމު އޮޕަރޭޝަންވެސް އަންނަނީ ފުޅާކުރަމުންނެވެ. އަދި ހަމަލާތައް ދެމުންދާއިރުވެސް ޣައްޒާގެ ރައްޔިތުން ދެކުނަށް ބަދަލުވުމަށް ސްޕޯކްސްޕާސަން ވަނީ ބުނެފައެވެ.

2.3 މިލިއަން މީހުން ޣައްޒާގައި ދިރިއުޅެމުންދާއިރު އެއްވެސް ކަހަލަ މުއާމަލާތެއް ނުކުރެވި ޣައްޒާގައި ވަމުންދާ ގޮތް ދުނިޔެއަށް ނޭންގި ޣައްޒާ މިވަނީ ދުނިޔެއާ އެކަހެރިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް