ކ. މާލެ
|
27 އޮކްޓޯބަރ 2023 | ހުކުރު 12:13
ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަޠީފް
ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަޠީފް
ރާއްޖެއެމްވީ
އެމްޑީޕީގެ މަސައްކަތް
އެމްޑީޕީގެ ގިނި މަޑުވެއްޖެކަމުގެ މަންޒަރު ދެއްކުމަށް ބަޔަކު މީހުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވާނެ: މެންބަރު ޔާސިރު
 
2024ގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރާނެ
 
އޮޕޮޒިޝަން ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ފެންނާނެ
 
ކުރިއަށް އޮތްތަނުގައި ޕާޓީން މަސައްކަތްކުރާނެ ގޮތްތަކާއިގުޅޭ ގޮތުން މަޝްވަރާތައް ކުރޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގިނި މަޑުވެއްޖެކަމުގެ މަންޒަރު ދެއްކުމަށް ބަޔަކު މީހުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުނުވާނެ ކަމަށާއި، ޕާޓީ އޮތީ ގަދަކޮށް ކަމަށް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަޠީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޔާސިރު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށާއި، ކުރިއަށް އޮތްތަނުގައި ޕާޓީ ރައްޔިތުންނަށް ފެނިގެންދާނީ ވެސް ވަރަށް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.

މެންބަރު ޔާސިރު ވިދާޅުވީ މިހާރު ވެސް ޕާޓީގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ބާއްވާ ކުރިއަށް އޮތްތަނުގައި ޕާޓީން މަސައްކަތްކުރާނެ ގޮތްތަކާއިގުޅޭ ގޮތުން މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

Advertisement

އެގޮތުން ޕާޓީން ކުރިއަށް އޮތް އިންތިޚާބުތަކުގައި މަސައްކަތް ކުރާނެ ގޮތާއި، އިންތިޚާބުތައް ކާމިޔާބު ކުރުމަށް އޮތް ރޫހު ވަރަށް ބޮޑު ކަމަށް މެންބަރު ޔާސިރު ވިދާޅުވިއެވެ. ނަމަވެސް މިވަގުތު އެންމެ ބޮޑު ފޯކަސްއެއް ދެނީ ޓްރާންސިޝަން މަސައްކަތްތައް ކުރުމަށް ކަމަށާއި، ޕާޓީގެ ފަރާތުން އެއްބާރުލުން ދެމުންދާ ކަމަށެވެ. އަމާންއޮމާންކަމާއެކު އައު ސަރުކާރާއި ގައުމު ހަވާލުކުރަން ބޭނުންވާ ކަމަށާއި، އެކަމުގައި މިސާލު ދައްކަމުންދާ ކަމަށް ވެސް މެންބަރު ޔާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ޔާސިރު ވިދާޅުވީ ބައެއް މީހުން އެމްޑީޕީ މަސައްކަތެއް ނުކުރާ މަންޒަރު ދައްކަން އުޅޭ ކަމަށާއި، އެއީ ހަގީގަތް ނޫން ކަމަށެވެ. ދަ ޑިމޮކްރެޓްސްއަށް އިޝާރާތް ކުރައްވައި މެންބަރު ޔާސިރު ވިދާޅުވީ އެއީ އެމްޑީޕީގެ ތެރެއިން އުފެދުނު ޕާޓީއެއް ކަމުން މިފާއިތުވި އަހަރުތަކުގައި އެކްޓިވް އޮޕަޒިޝަނެތް ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ގިނައިން ވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެމްޑީޕީ ވަރުގަދަ އެކްޓިވް އޮޕަޒިޝަން ޕާޓީއެއްގެ ގޮތުގައި ރައްޔިތުންނަށް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއަކީ މާ ބޮޑު ޕާޓީއެއް. ހަމަޔަގީނުން ވެސް ފެނިގެންދާނީ ކުރިއަށް އޮތް ސަރުކާރުގައި ވަރުގަދަ އޮޕަޒިޝަން ޕާޓީއެއްގެ ގޮތުގައި. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިދިޔަ އަހަރުތަކުގައި އެއްވެސް ކަހަލަ އޮޕަޒިޝަނެއްނެތް. އަޅުގަނޑުމެން އަމިއްލައަށް އޮޕަޒިޝަނަކަށް މިވީ ވެސް. ޕީޕީއެމް/ޕީއެންސީ އޮތްއިރުގައި މަޖިލީހުގައި އޮޕަޒިޝަނެއް މަޖިލީހުގައި ނެތް. ވަޑައިނުގަންނަވާ އެބޭފުޅުން. ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާ. ޝިޔާމް ދެން މިހެން ދެތިން ބޭފުޅުން ކޮޅެއް ކިރިޔާ ވެސް ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ.
ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަޠީފް

މެންބަރު ޔާސިރު ވިދާޅުވީ އެމްޑީޕީ ހީނަރުވެގެން ނުދާނެ ކަމަށާއި، 2024 ވަނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވެސް އެމްޑީޕީން ގިނަ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި މެޖޯރިޓީ ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށް މެންބަރު ޔާސިރު ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް