އިންޑިއާގެ ޗެމްބަރ އޮފް ކޮމަރސް އަށް ރާއްޖެ ބޮއިކޮޓް ކުރަން ހުށަހަޅައިފިއެވެ.
އެފަދައިން އެދިފައި ވަނީ އިންޑިއާގެ އޭވިއޭޝަން އެންޑް ޓުއަރިޒަމް ކޮމިޓީ (އައިސީސީ)ގެ ޗެއަރމަން ޑރ.ސުބާޝް ގޯޔަލް ސޮއިކުރައްވާ އިންޑިއާގެ ޗެމްބަރ އޮފް ކޮމަރސް އަށް ފޮނުއްވި ސިޓީއެއްގައެވެ.
"އެޕީލް ޓު ބޮއިކޮޓް މޯލްޑިވްސް" ނުވަތަ " ރާއްޖެ ބޮއިކޮޓްކުރަން އެދުން" މި ނަމުގައި ފޮނުވާފައިވާ އެ ސިޓީ ފޮނުވާފައި ވަނީ އަންގާރަ ދުވަހުއެވެ. އެ ސިޓީގައި ބުނެފައި ވަނީ އައިސީސީގެ ނަމުގައި، ޓުއަރިޒަމް ޓްރޭޑް އެސޯސިއޭޝަންގެ ހުރިހާ މެމްބަރުންގެ ކިބައިން ރާއްޖެ ޕްރޮމޯޓްކުރުން ހުއްޓާލަން އެދިފައެވެ. އެ ސިޓީގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އެދިފައިވާ މެމްބަރުންގެ ތެރޭގައި
- އިންޑިއާގެ ޓްރެވެލް އެޖެންޓްސް އެސޯސިއޭޝަން އޮފް ޓުއަރ އޮޕަރޭޓަރސް
- ޓްރެވެލް އެޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ
- ޓްރެވެލް އެޖެންޑް ފެޑްރޭޝަން އޮފް އިންޑިއާ
- އެސޯސިއޭޝަން އޮފް ޑޮމެސްޓިކް ޓުއަރ އޮޕަރޭޓަރސް
- މައިސް އެޖެންޓްސް ހިމެނެއެވެ.
އެ ސިޓީގައި ބުނެފައި ވަނީ ރާއްޖެ ޕްރޮމޯޓްކުރުން ހުއްޓާލަން އެދެނީ ރާއްޖޭގެ ނައިބު ވަޒީރުންތަކެއް އިންޑިއާ އާއި ދެކޮޅަށް އަޑު އުފުލާފައިވާތީ ކަމަށެވެ. އިންޑިއާ އަކީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖާއި ވަޒީފާތައް އުފެއްދުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ޤައުމުކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެ ސިޓީގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ބަދަލުގައި ޕްރޮމޯޓްކުރެވިދާނެ އެހެން ތަންތަންވެސް ހުށަހަޅާފައިވެއެވެ. އެގޮތުން ބާލީ، މޮރިޝަސް ފުކެޓް އަދި ލަންކާ ފަދަ ޤައުމުތައް ޕްރޮމޯޓްކުރެވިދާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ފަތުރުވެރިކަމަށް އަންނަ އެފަދަ ރިކުއެސްޓްތައް ލަކްޝަދްވީޕް އާއި އަންދަމަން އަދި ނިކޮބަރ އައިލޭންޑްސް އަށް ޑައިވަރޓްކުރުމަށް ވެސް އެދިފައިވެއެވެ.
އެ ސިޓީގައި ވަނީ އިންޑިއާ އިން ރާއްޖެ އަށް ފަތުރުވެރިން ގެނައުމުގެ މަރުހަލާ ސަސްޕެންޑްކޮށް، އުޑާންސް ސްކީމްގެ ދަށުން ލަކްޝަދްވީޕް އަށް ފަތުރުވެރިން ގެންދިއުމަށް ވެސް އެ ސިޓީގައި ގޮވާލާފައިވެއެވެ. އެ ސިޓީގައި އިތުރަށް އެދިފައި ވަނީ އެފްއެޗްއާރްއައި އަދި ހޮޓެލް އެސޯސިއޭޝަން އޮފް އިންޑިއާ އިން ލަކްޝަދްވީޕް އަށް އިންވެސްޓްކުރުމަށެވެ.
މީގެ އިތުރުން އެސްޓީއައިސީ ޓްރެވެލްސްގައި ރާއްޖެ މާކެޓްކޮށް ވިއްކުން ހުއްޓާލަން މިހާރުވެސް އެދިފައިވާ ކަމަށް އައިސީސީގެ ޗެއަރމަން ސުބާޝް ވަނީ ވިދާޅުވެފައެވެ. އޭނާ ބުނެފައިވަނީ އެގޮތަށް ކަންތައް ކުރަން އެދެނީ މުޅި ގައުމުގެ ހައްގުގައި ވަތަނީ އިންޑިއާ މީހެއްގެ ހައިސިއްޔަތުންކަމަށެވެ.