ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 13:28
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
އެމްއެމްސީ
"ރާއްޖެ އެމްވީ"ގެ ނަމުގައި ދޮގު ޚަބަރު ފެތުރުން
"ރާއްޖެ އެމްވީ"ގެ ނަމުގައި ދޮގު ޚަބަރު ފަތުރާ މައްސަލަ އެމްއެމްސީގެ ސަމާލުކަމަށް
އެއްގޮތަކަށް ވެސް ޝާއިއުކޮށްފައި ނުވާ ޚަބަރުތަކާއި ލިޔުންތައް ދަނީ ދައުރުކުރަމުން
އެކަން ކުރަނީ ރާއްޖެ އެމްވީއާ މެދު ރައްޔިތުންގެ ހިތުގައި ނުބައި ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި
ކައުންސިލްގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރާ ކަންކަމަށް ހައްލު ހޯދައިދިނުން ހިމެނޭ

"ރާއްޖެ އެމްވީ"ގެ ނަމުގައި ދޮގު ޚަބަރު ފަތުރާ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސަމާލުކަމަށް ގެނެސްފިއެވެ.

އެކަމާއި ގުޅިގެން ރާއްޖެ އެމްވީން ވަނީ އެ ކައުންސިލަށް ސިޓީ އެއް ފޮނުވާފައެވެ. ރާއްޖެ އެމްވީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ހަޤީޤަތާއި ޚިލާފް އަދި ރާއްޖެ އެމްވީގައި އެއްގޮތަކަށް ވެސް ޝާއިއުކޮށްފައި ނުވާ ޚަބަރުތަކާއި ލިޔުންތައް މި ދުވަސްވަރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާކަން ވަނީ ފާހަގަކުރެވިއެވެ. ރާއްޖެ އެމްވީ އަކީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ އަދި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ފޮލޯ ކުރާ އޮންލައިން ނޫހަކަށް ވާއިރު ރާއްޖެ އެމްވީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ހަޤީޤަތާއި ޚިލާފު ޚަބަރުތަކާއި ލިޔުންތައް ފަތުރަމުންދަނީ ރާއްޖެ އެމްވީއާ މެދު ރައްޔިތުންގެ ހިތުގައި ނުބައި ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި މިއީ މި ދުވަސްވަރު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލްކުރުމަށް ކުރަމުންދާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

މީޑިއާގެ މިނިވަންކަން ރާއްޖޭގައި ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލާ ފިޔަވަޅު އެޅުމަކީ މީޑިއާ ކައުންސިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ބަލައިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް އެކި ފަރާތްތަކުން ކުރާ ކަންކަން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހައްލުކުރުން ހިމެނެއެވެ. އެ ކައުންސިލްގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރާ ކަންކަމަށް ހައްލު ހޯދަދިނުން ހިމެނޭ އިރު ރައްޔިތުންނަށް ހަޤީޤަތް އެއްގޮތަށް ކަންކަން އެނގުމަށް އޮތް ހައްގަށް އުނިކަމެއް އަންނަގޮތަށް ކަމަށް ރާއްޖެ އެމްވީން ވަނީ ބުނެފައެވެ.

އެހެންކަމުން މި މައްސަލަ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އެފަދަ އަމަލުތައް ކުރާފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކައުންސިލަށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމަށް ރާއްޖެއެމްވީން ވަނީ އެ ކައުންސިލްގައި އެދިފައެވެ. އެ ސިޓީއާ އެކު ރާއްޖެ އެމްވީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ދައުރުކުރަމުންދާ ހަޤީޤަތާއި ޚިލާފު ހަބަރުތައް އެނގޭ 2 ލިޔުމެއްގެ ކޮޕީ ވެސް ވަނީ ހުށަހަޅާފައެވެ.

- ކޮމެންޓް