ހުޅުމާލޭގައި ޖާހު އިންވެސްޓްމަންޓުން ތަރައްގީކުރަމުންދިޔަ "ދަ ގާޑަންސް" އެޕްޓާމަންޓުތަކުގެ ބާކީ ހުރި މަސައްކަތްތައް އާބަންކޯގެ ބެލުމުގެ ދަށުން އަލުން ފަށައިފިއެވެ.
ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫއު ހިންގުމަށް ހަވާލު ކުރީ 2017 ވަނަ އަހަރުއެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އަދިވެސް މި މަޝްރޫއުގެ މަސައްކަތް ނުނިމޭތީ އެތަނުން އެޕާރޓްމަންޓް ގަނެފައިވާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މަސައްކަތް ލަސްވާތީ މީގެ ކުރިން ޖާހުން ބުނީ މަސައްކަތް ލަސްވީ ކޮވިޑާ ގުޅިގެން ދަތުރުފަތުރުގެ ދަތިކަން ދިމާވެ މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމުގައި ދަތިތަކާ ދިމާވެގެން ކަމަށެވެ. އެ މަސައްކަތް ނިންމަން މިދިޔަ ޖޫން މަހު އާބަންކޯއިން ޖާހަށް 30 ދުވަހުގެ މުއްދަތެއް ވެސް ދިނެވެ. ނަމަވެސް އެ އެޕާޓްމަންޓުތަކުގެ މަސައްކަތް ލަސްވަމުންދާތީ މިހާރު އާބަންކޯއިން ވަނީ އެ މަސައްކަތާ މިހާރު ހަވާލުވެފައެވެ.
އާބަންކޯއިން ބުދަ ދުވަހު ބުނީ "ދަ ގާޑަންސް" މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ދިހަ ވަނަ ބުރިން ތިރީގެ ބުރިތަކުގެ ފިނިޝިން މަސައްކަތް ކަމަށެވެ. އޭގެ ތެރޭގައި ޕްލާސްޓަރިން ޕުޓީގެ މަސައްކަތް، މުށި އަދި ސީލިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ދަ ގާޑަންސް"ގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖައްސާފައިވާ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.
އާބަންކޯއިން މި މަސައްކަތާ ހަވާލުވުމަށްފަހު ބުނީ އެ ކުންފުނިން އެ މަސައްކަތާ ހަވާލުވީ ޖާހުގެ އެޕާޓްމަންޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތީ އެޕާޓްމަންޓުތައް ގަނެފައިވާ މީހުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަށް މަސައްކަތް ނިންމުމަށް ކަމަށެވެ. އެޕާޓްމަންޓްތައް ނިންމުމާ ހަވާލުވިއިރު އެޕާޓްމަންޓްތަކުގެ 91 އިންސައްތަ މަސައްކަތް ޖާހު ކުންފުނިން ނިންމާފައިވާ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.
ޖާހު އިންވެސްޓްމަންޓާއެކު ވެފައިވާ އެއްބަސްވުމާއެއްގޮތަށް މަސައްކަތް ނުނިންމާތީ އެ ކުންފުންޏާމެދު އާބަންކޯއިން އަމަލުކުރާނެ ގޮތެއް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.
"ދަ ގާޑަންސް" ގެ މަސައްކަތް ލަސްވާތީ އެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފައެވެ.