ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ގަލަޓަސަރާއިއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކުން ގްރޫޕް އޭގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ ގަލަޓަސަރާއިގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ކިންގްސްލީ ކޯމަން އެވެ. އޭގެ ފަހުން ބަޔާނުން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ގަލަޓަސަރާއި އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާޖެންޓީނާގެ މައުރޯ އިކާޑީ އެވެ.
ބަޔާނުން ދެ ވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. މިއީ ޓޮޓެންހަމް ދޫކޮށް ބަޔާނަށް ބަދަލުވި ފަހުން ކޭން އެ ޓީމަށް ޖަހައިދިން 12 ވަނަ ލަނޑެވެ. މެޗުގައި ބަޔާންގެ ފަހު ލަނޑު، 79 ވަނަ މިނެޓުގައި ޖެހީ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ކޭން އެވެ.
މޮޅާއެކު ބަޔާން އެއް ވަަނައިގައި އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ގަލަޓަސަރާއި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.