ކ. މާލެ
|
25 އޮކްޓޯބަރ 2023 | ބުދަ 05:27
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކުނބުރުދޫ ސްކޫލްގެ މުޙައްމަދު އިކުރާމް އިސްމާއީލް
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކުނބުރުދޫ ސްކޫލްގެ މުޙައްމަދު އިކުރާމް އިސްމާއީލް
ވީއޭއެމް
އިންޓަ ސްކޫލް ވޮލީ މުބާރާތް 2023
އިންޓަ ސްކޫލް ވޮލީ މުބާރާތް: ވާދަވެރި ކުޅުމަކަށްފަހު ކުނބުރުދޫން، ފ.އަތޮޅު މަދަރުސާގެ މައްޗަށް ކުރި ހޯދައިފި
މި ދެ ޓީމު ހިމެނުނު ގްރޫޕުން އެންމެ ވާދަވެރި ކުޅުމެއް ދައްކާފައި ވަނީ ވެސް މި ދެ ޓީމުން

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގައި ވާދަވެރި ކުޅުމަކަށްފަހު އދ.ކުނބުރުދޫ ސްކޫލް އިން ފ.އަތޮޅު މަދަރުސާގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި ދެ ޓީމު ވާދަކުރާ މެޗަށް ކުރިމަތިލީއިރު، ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. މި ދެ ޓީމު ހިމެނުނު ގްރޫޕުން އެންމެ ވާދަވެރި ކުޅުމެއް ދައްކާފައި ވަނީ ވެސް މި ދެ ޓީމުންނެވެ. މެޗުގެ ފުރަތަމަ ސެޓު ކުނބުރުދޫ ސްކޫލް އިން ކާމިޔާބު ކުރީ 25-18 އިންނެވެ. ނަމަވެސް، ފ.އަތޮޅު މަދަރުސާ އިން ވަނީ ގޯސްތައް ރަނގަޅުކޮށް، 21-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިން ވަަނަ ސެޓުގެ ކުރީ ކޮޅު، ފ.އަތޮޅު މަދަރުސާ އަށް ގޯސްތަކެއް ހެދުނުއިރު، ކުނބުރުދޫ އިން ވަނީ އަށް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި ސެޓުގެ ފަހު ކޮޅު ފ.އަތޮޅު މަދަރުސާ އިން ކުޅުން ރަނގަޅު ކުރި ނަމަވެސް، ކުނބުރުދޫ އިން ވަނީ 15-7 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުނބުރުދޫގެ މުޙައްމަދު އިކުރާމް އިސްމާއީލް އެވެ.

16 އަހަރުން ދަށުގައި އިމާދުއްދީން ސްކޫލް އަދި ތާޖުއްދީން ސްކޫލް ބައްދަލު ކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރީ ތާޖުއްދީން ސްކޫލް އެވެ. މެޗުގެ ސެޓުތައް ތާޖުއްދީނުން ކާމިޔާބު ކުރީ 25-13 އަދި 25-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތާޖުއްދީންގެ އަޔާން ނިޔާޒު އެވެ. ހުރަވީ ސްކޫލް އާއި ކަލާފާނު ސްކޫލް ބައްދަލު ކުރި މެޗު ކަލާފާނުން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ކަލާފާނުން ކާމިޔާބު ކުރީ 25-18 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަލާފާނުގެ ރާއިދު ޢަބްދުﷲ ޖަލީލް އެވެ. އދ.އަތޮޅު މަދަރުސާ އާއި ދަނގެތީ ސްކޫލް ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ އދ.އަތޮޅު މަދަރުސާ އިންނެވެ. އެ ޓީމުން މެޗު ކާމިޔާބު ކުރީ ވެސް ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 25-17 އަދި ދެ ވަނަ ސެޓު 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ޝައިޙާން ޝާހީން އެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ މެޗުތަކަށް ބަލާއިރު، ފ.އަތޮޅު މަދަރުސާ އިން ވަނީ ހުރަވީ ސްކޫލްގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިފަ އެވެ. މެޗުގެ ސެޓުތައް ފ،.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރީ 25-7 އަދި 25-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ އަލްމާސް އަލީ ޒާހިރު އެވެ. މިއީ މި ބައިގައި އެ ޓީމުން ހޯދި ދެ ވަނަ މޮޅެވެ. މި ބައިގައި ތާޖުއްދީން ސްކޫލް އަދި .އަތޮޅު ތައުލީމީ މަރުކަޒު ބައްދަލު ކުރި މެޗު ތާޖުއްދީނުން ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު .އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 25-18 އިން ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ތާޖުއްދީނުން ވަނީ 18-25 އިން ދެ ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިން ވަނަ ސެެޓު ތާޖުއްދީނުން ކާމިޔާބު ކުރީ 9-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތާޖުއްދީންގެ ޚަދީޖާ ޖިއާން ޖަވާދު އެވެ.

ކެޔޮދޫ ސްކޫލް އަދި މަޖީދިއްޔާ ސްކޫލް ބައްދަލު ކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރީ ކެޔޮދޫ އެވެ. އެ ޓީމުގެ މެޗުގެ ސެޓުތައް ކާމިޔާބު ކުރީ 25-12 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެޔޮދޫ ސްކޫލްގެ އައިޝަތު އަޒްކާ މުޙައްމަދު ނާާޝިދު އެވެ. މަޑިފުށި ސްކޫލް އަދި މުހްޔިއްދީން ސްކޫލް ވާދަކުރި މެޗު މަޑިފުށިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 25-12 އަދި ދެ ވަނަ ސެޓު 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަޑިފުށީގެ މަރިޔަމް ޔާނީ ޚަލީލް އެވެ.

މުބާރާތުގެ ކުޅުން ބުދަ ދުވަހު ވެސް ކުރިއަށް ދާނެ އެވެ.

- ކޮމެންޓް