ޢުމަރު ޢުބައިދާތު، އޭނާގެ ކުޑަކުޑަ 3 ދަރިން ގޮވައިގެން އޮކްޓޯބަރު 22 ވަނަ ދުވަހު ނުކުތީ އުރުދުންގެ ވެރިރަށް، ޢައްމާންގެ މަގުތަކަށެވެ. އެއީ ފަލަސްޠީނުގެ ޙައްޤުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ބައިވެރިންގެ ގޮތުގައެވެ.
ޢުބައިދާތުގެ މަޤްޞަދަކަށް ވީ، ޣައްޒާގައި ޙާލުގައި ޖެހިފައި ވާ ކުޑަ ކުދިންނަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ރީތި އާދަތައް، އޭނާގެ ދަރިންނަށް ދަސްކޮށްދިނުމެވެ.
ބަޕައަކަށް ކުރެވޭނެ އެންމެ ހިތްދަތި އިޙްސާސަކީ އެމީހެއްގެ ދަރިފުޅު މި ދުނިޔެއާއި ވަކިވެ ދާ ހިނދު އެ ކުރެވޭ އިޙްސާސް. އެ ދަރިފުޅު ސަލާމަތް ކުރަން އެއްވެސް ކަމެއް ކޮށް ނުދެވޭތީ އެ ކުރެވޭ އިޙްސާސް. ޣައްޒާގެ ކުޑަ ކުދިން ޤަޠުލު ކުރަމުން ދާ އިރު، އެކަމަކާ ކޮށްދެވޭނެ ކަމެއް ނެތް ކަމުގެ ހިތްދަތި އިޙްސާށް. އަހަރަމެން މިތަނަށް އައީ، އަހަރަމެންގެ ދަރިންގެ ހިތްތަކުގަ، ޣައްޒާގެ ކުޑަކުދިނާ މެދު ޙަމްދަރުދީ އުފައްދަން. މީ، ޣައްޒާގެ ކުޑަކުދިންނަށްޓަކައި އަހަރަމެންނަށް ކޮށްދެވެން އޮތް އެންމެ ކުޑަ މިންވަރު.ޢުމަރު ޢުބައިދާތު؛ އުރުދުންގެ ބައްޕައެއް
ޢުބައިދާތުގެ ދަރިންގެ އިތުރުން، އުރުދުންގެ އެތައް ކުދިންނެއް އާދީއްތަ ދުވަހުގެ ހަރަކާތުގައި ބައިވެރިވިއެވެ. އަދި އެއް ކުއްޖަކު އަނެއް ކުއްޖެއްގެ އަތުގައި ހިފާ، އެކުވެރިކަމުގެ ބަދަހި ޗޭނެއް ގަތާލިއެވެ. ޣައްޒާއާއި ޣައްޒާގެ ކުޑަ ކުދިންނާއެކު އުރުދުންގެ ކުދިންވެސް ތިބިކަން އަންގައިދިނުމަށެވެ.
އުންމީދަކީ ޣައްޒާގެ ކުދިންނާ ހިސާބަށް މި މެސެޖު ފޯރުން. ކުޑަކުދިންނަށް، ކުޑަކުދިން އެއްބާރުލުން ދޭ މަންޒަރު ފެނުމަކީ ވަރަށް ހިތް އުފާވާ ކަމެއް. އަހަރަމެން ބޮޑެތި މީހުންވެސް، މީހަކު އަހަރަމެންނަށް އެއްބާރުލުން ދޭ މަންޒަރު ފެންނަންނާ އުފާވޭތާ ދޯ. އެހެންވީމަ ވިސްނާލާ، ކުޑަ ކުއްޖަކަށް ކުރެވޭނެ އިޙްސާސްތައް. ހަމަ ޔަޤީނުންވެސް އެކުދިންގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ އުޖާލާ ކަމެއް ގެނުވާނެ.އިސްރާ އަލް ޝައިޚު ޤާސިމް؛ ޢުރުދުންގެ މަންމައެއް
ޔަހޫދީ އިޒްރޭލުގެ ޢުދުވާންތަކަށް މެދުކެނޑުމެއް ނާންނަތާ 2 ހަފުތާއަށް ވުރެ ގިނަ ދުވަސް ފާއިތުވެފައި ވާ އިރު، ޣައްޒާގެ ކުޑަ ކުދިން އުފުލަމުން ދާ، ޖިސްމާނީ ތަކުލީފުތަކުގެ އިތުރުން، ނަފްސާނީ ވޭނީ އާހަކީ، އެހެން ބަޔަކަށް ވަޒަންވެސް ކޮށްލެވޭނެ ވަރުގެ ކަމެއް ނޫނެވެ.
އެ މީހުން، އަހަރަމެންގެ ޅަ ދަރިން ޤަޠުލުކޮށްފި. އަހަރަމެންގެ ބޯމައްޗަށް، އަހަރަމެންގެ ގެތަށް ވައްޓާ ސުންނާފަތިކޮށްފި. އަހަރަމެން މިއަދު އުޅެނީ މަގުތައް މަތީގަ. ހޮސްޕިޓަލުތަކުގަ. ގެތަށް ސުންނާފަތި ކޮށްލީ އަހަރަމެންނާއި، ކުޑަކުދިންނާއި، ތުއްތު ކުދިންނާއި، އަންހެނުންގެ ބޯމައްޗަށް. އަހަރަމެން މިތިބީ އެތައް މިތަނަށް ވިއްސިވިހާލިކޮށްފަ. މުޅި ދުނިޔެ މިތަނަށް އަޔަދީ، މިތަން ތޮއްޖެހިފަ އޮތް މިންވަރު އެމީހުންނަށް ދައްކާލާ. ޤަބުރުތައްވެސް އެހުރީ ފުންޏަކަށް، އެއް ހަށިގަނޑޫ މަތީ އަނެއް ހަށިގަނޑު. ކުޑަކުދިންނާއި ތުއްތު ކުދިންގެ ހަށިތައްވެސް. އެއްވެސް ޤައުމަކަށް އިޒްރޭލު މަތައެއް ނުކުރެވޭ. ކޮބާ އެމެރިކާ؟ ކޮބާ ދުނިޔޭގެ އެހެން ޤައުމުތައް؟ އެހެން މީހުން އެއްޗެއް ބުންޏަ ދީބަލަ ނިކަން. އަހަރަމެން މި އުޅޭ ޙާލެއް ކަލޭމެންނަކަށް ނޭނގޭނެ. އަހަރަމެންގެ ގެދޮރެއް ނެތް. އަހަރަމެން މުޅިން ހަފުސްވެއްޖެ. 5 ދުވަސް މިވީ، ކާނެ އެއްޗެއް ނެތް... ފެންފޮދެއް ނެތް. ދާނެ ތަނެއް އެނގެނީއެއް ނޫން. މިތާ ހުރިހާ ތާކު މިއޮތީ ކުޑަ ކުދިން. ގެދޮރެއް ނެތިފަ. މީ ރަނގަޅު ގޮތެއް ނޫޏް. ދުނިޔެ، އަހަރަމެންނަށް އެހީވުމުގެ ފުރުޞަތު ދީ. އަހަރަމެން ވަރުބަލިވެއްޖެ. އަހަރަމެންނަކީ ފަޤީރު ބައެއް. އަހަރަމެންނަކީ ފަލަސްޠީނުގެ ރައްޔިތުން.ތައިސީރު ހަލާސް؛ ފަލަސްޠީނު ރައްޔިތެއް
ވަޤުތީ ހިޔާތަކުގައި ތިއްބެއް ކަމަކު، އިޒްރޭލުގެ ޢުދުވާންތަކުން ސަލާމަތެއް ނެތް ކަމުގެ އިޙުސާސް އެ ކުދިން ކުރެއެވެ. އުޅޭ އުޅުމުގައި އިވޭ ކުދިކުދި އަޑުތަކަށް ސިހެއެވެ. ރޭގަނޑުގެ ހަމަ ނިދިން އެކުދިން ވަނީ މަޙްރޫމުވެފައެވެ.
ޢުމުރުން އެންމެ 11 އަހަރުގެ ރީމާސް އަބޫ ޠަބީޚްއަކީ އޭނާގެ މުޅި ޢުމުރު، އިންތިހާ ބިރުވެރިކަމާއި، ހާސް ކަމާއި ނުތަނަވަސްކަމުގައި ހޭދަ ކުރަމުން ދާ މަޢުސޫމު ކުއްޖެކެވެ. އުފަންވީއްސުރެ ޣައްޒާ ދުށް އެތައް ހަނގުރާމައެއް އޭނާ ތަޖުރިބާ ކޮށްފިއެވެ. ދިރިއުޅުމުގައި އެނޫން ކަމެއް ނެތް ފަދައެވެ.
މި ދުނިޔޭގައި މި އުޅުނު 11 އަހަރުވެސް މި ހޭދަ ކުރީ އިންތިހާ ބިރާއި ހާސްކަމާއި ނުތަނަވަސްކަމުގަ. ގެދޮރު ދޫކޮށް، މަގުތަކުގަ އަހަރަމެން އުޅުނީ. މަތިންދާބޯޓުތައް އުދުހޭ މަންޒަރު ފެނޭ... ހިތް ބިރުގަނޭ. ޔަހޫދީން އެދަނީ އަހަރަމެންނާ ދިމާއަށް ބޮން އަޅަމުން. މިތާ ތިބޭ އިރުވެސް އެބަ ބޮން އަޅާ. އަހަރަމެން ވަރަށް ބިރުގަނޭ.ރީމާސް އަބޫ ޠަބީޚް؛ ފަލަސްޠީނު ކުއްޖެއް
އިޒްރޭލުގެ ރަޙުމެއް ނެތް ޢުދުވާނީ ޙަމަލާތައް ޣައްޒާއަށް އަމާޒު ކުރަމުން ދަނީ އެޔެއް މިޔެއް ބެލުމެއް ނެތިއެވެ. އެ ބަޔަކަށް އެންމެ ރައްކާތެރި ކަމަށް ފެންނަ ތަނަކަށް ކޮންމެ ޢާއިލާއަކުންވެސް ބަދަލުވ ވަނީއެވެ. ރީމާސްއާއި އޭނާގެ ޢާއިލާއިން ހިޔާވަހިކަން ހޯދަމުން ދަނީ އަލް-ޝިފާ ހޮސްޕިޓަލުގެ ބޭރުގައި ޖަހަފާއިވާ ބަނޑަހަގެއެއްގައެވެ.
ޢުމުރުން 15 އަހަރުގެ މުޙައްމަދު ހަލާސްއަކީވެސް އިޒްރޭލުގެ ޢުދުވާންތަކުގައި އޭނާގެ ދިރިއުޅުން އެ ފުއްމިފުށަށް ޖެހިފައިވާ ފުރާވަރު ޢުމުރުގެ ކުއްޖެކެވެ. ރީމާސް ފަދައިން ހަލާސްވެސް ދިރިއުޅެމުން ދަނީ އަލް-ޝިފާ ހޮސްޕިޓަލު ސަރަޙައްދުގައެވެ.
އަހަންނަށް 15 އަހަރު. އަހަންނަކީ އަމިއްލަ ގެދޮރު ގެއްލިއްޖެ. އެހެންވެ އަލް-ޝިފާ ހޮސްޕިޓަލަށް މި އައީ. އަހަރަމެން މި ނިދަނީ ހޮސްޕިޓަލުގަ. ނިދާ އިރުވެސް ހުއްޓުމެއް ނެތި އިޒްރޭލުން އެދަނީ އަހަރަމެންގެ ބޯމަތިން، ބޮން އަޅަމުން. މުޅި ދުނިޔެ އަހަރަމެންނަށް ރަޙުމު ކުރާނެ ނަމައޭ ހިތަށް އަރާ.މުޙައްމަދު ހަލާސް؛ ފަލަސްޠީނު ކުއްޖެއް
އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރަމުން ދާ ހުޅަނގުގެ ބާރުތަކުގެ ލޯތަކަށް ނުފެނު ކަމުގައި ވީ ނަމަވެސް، ޣައްޒާގެ މަޞްރަޙުން ލިބެމުން ދާ މަންޒަރުތަކާއި އިވެމުން ދާ އަޑުތަކަކީ އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުވިންދުގައި ޖަހާ އެއްވެސް މީހަކަށް، އެއްޗެއް ނުބުނެ، ކެތްކޮށްލައިގެން ހިމޭނުން ހުރެވޭނެ ވަރުގެ މަންޒަރުތަކަކާއި އަޑުތަކެއް ނޫނެވެ.
2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ހިއްސާ ކުރަނީވެސް ކުޑަ ކުދިންނެވެ. އދއިން ހިންގަމުންދާ ސްކޫލު ޢިމާރާތްތައް، ވަޤުތީ ހިޔާތަކުގެ ގޮތުގައި ބޭނުން ކުރަމުން ދާ އިރު، އެންމެ ކުލާހެއްގެ ތެރޭގައިވެސް 100 އެއްހާ މީހުން މިއަދު ދަނީ ދިރިއުޅެމުންނެވެ. އޭގެ ތެރޭގައިވެސް ގިނައީ ހަމަ ކުޑަކުދިންނެވެ.