މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކުރި ކ.މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެމީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.
މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކ.މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އާއި ތ. ކިނބިދޫ / ދީފުރަމްގެ އަހުމަދު އަވްޝަމް އާއި ކ. މާލެ / މ. ތާޖް މުލާއިމް މުހައްމަދުގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމެވެ.
މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ތާވަލުކޮށްފައިވަނީ ހެނދުނު 9:00 އަށެވެ. ނަމަވެސް އަޑުއެހުން ވަނީ ސިއްރުކޮށްފައެވެ. މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުން ބުނެފައިވަނީ މައްސަލައިގެ އަޑުއެހުން ސިއްރުކޮށްފައިވަނީ ދިފާއީ ވަކީލުން އެދިގެން ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މެންބަރު ޒަރީރަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެނެވެ. އަދި އޭނާއަށް ހަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.
މި މައްސަލައިގައި މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
އޭގެ އިތުރުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާވެސް މި މައްސަލައިގައި ދެމީހެއްގެ މައްޗަށް އުފުލާފައިވެއެވެ.