އެކްރެޑިޓް ނުކޮށް ހިންގާ ކޯސްތައް އަދިވެސް ގިނަ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިއުއޭއިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްކިއުއޭގެ ސީއީއޯ ޑރ.އަބްދުލް ހަންނާން ވަހީދު ވިދާޅުވީ އެކްރެޑިޓްކުރުމުގެ ނިޒާމް ރާއްޖެ އަށް ތައާރަފްކޮށްފައި ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި ކޮލިފިކޭޝަން ރަޖިސްޓަރ އަށް މިހާރު އަރާފައި ވަނީ ނިސްބަތުން މަދު ކޯސްތަކެއް ކަަމަށް ހަންނާން ވަނީ ވިދާޅުވެފައެވެ. ޓްރާންސްސިޝަނަލް މަރުހަލާގައި އެކަން ކުރުމަށް ބައެއް ކޮލެޖުތަކަށް ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އުންމީދަކީ ގަވާއިދަށް އިސްލާހު ގެނެސް ކޯސްތައް އެކްރެޑިޓްކުރުމަށް ވަކި މުއްދަތެއް ދިނުން ކަަމަށް ހަންނާން ވިދާޅުވިއެވެ.
އެކްރެޑިޓް ނުކޮށް އެޕްރޫވްކޮށްފައިވާ ކޯސްތައް ވެސް އެމްކިއުއޭއިން މި ވަގުތު ބަލައިގަންނަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ދެ މައުލޫމާތު ގެންގުޅެމުން ދަނީ ވަކިން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެމްކިއުއޭގެ ވެބްސައިޓު ވެސް މިހާރު ރީބްރޭންޑްކޮށްފައި ވާއިރު ވެބްސައިޓް ރީބްރޭންޑްކޮށްފައިވާނީ އެފަދަ ވަރަށް ގިނަ މައުލޫމާތު އެކުލެވޭ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަން ކޮށްފައި ވަނީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ކަމަށާއި އެ ވެބްސައިޓް މެދުވެރިކޮށް ކޮލިފިކޭޝަން ރަޖިސްޓަރ ވެސް ފެންނަން ހުންނާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.