ކުޅެން އެކަށީގެންވާ ފުރުޞަތު ނުލިބޭތީ އިނގިރޭސި މިޑްފީލްޑަރ ކަލްވިލް ފިލިޕްސް މެންޗެސްޓަރ ސިޓީ ދޫކޮށްލަން ތައްޔާރުވެއްޖެއެވެ.
ރިޕޯރޓްތައް ބުނާގޮތުން ޖެނުއަރީ ޓްރާންސްފާގައި ލޯނު އުޞޫލުން އޭނާ ސިޓީ ދޫކޮށް އެހެން ކްލަބަކާ ގުޅޭނެއެވެ. ކަލްވިން ފިލިޕްސް ހޯދަން ޝައުޤުވެރިވަނީ ޕްރިމިއަރ ލީގުގައި ރަނގަޅު ވާދައެއް ކުރަމުން އަންނަ ނިއުކާސަލް ޔުނައިޓެޑާއި ޖަރުމަނުގެ ބަޔާން މިއުނިކެވެ. މީގެތެރެއިން ބަޔާން މިއުނިކަކީ އިނގިރޭސި ކެޕްޓަން އަދި ފޯވާޑް ހެރީ ކޭން ކުޅެމުން އަންނަ ކްލަބެވެ. އެއީ ކަލްވިން ފިލިޕްސް އެޓީމަށް ދިއުމަށް އޮތް ބާރެކެވެ. އެކަމަކު ބަޔާންއަށްވުރެ ބޮޑަށް ފިލިޕްސް ހޯދުމުގެ ރޭހުގައި އޮތީ ނިއުކާސަލްއެވެ. އެއީ އެޓީމްގެ ސަންދްރޯ ޓޮނާލީއަސް އެއް އަހަރުގެ ސަސްޕެންޝަނެއް އައިސްފައިވާތީއާ އެކުއެވެ.
މިދިޔަ އަހަރު 27 އަހަރުގެ މިޑްފީލްޑަރ މެންޗެސްޓަރ ސިޓީން ބޮޑު އަގުގައި ގަތަސް އޭނާގެ ބޭނުން މިހާތަނަށް އަދި ނުކުރެވެއެވެ. ސިޓީއަށް އައިސް ފުރަތަމަ ހޭދަކުރީ އަނިޔާގައެވެ. އޭގެފަހުން ވެސް ކޯޗު ޕެޕް ގާޑިއޯލާ ފިލިޕްސް އަށް ދީފައިވަނީ މަދު ފުރުޞަތެކެވެ. އެހެންކަމުން ލޯނު އުޞޫލުން ފިލިޕްސް ދޫކޮށްލަން ގާޑިއޯލާ ވެސް ތައްޔާރުކަމަށް ރިޕޯރޓްތައް ބުނެއެވެ. އެކަމަކު ނިއުކާސަލް އަށް ދޫކޮށްލުމުގެ ކުރިން, ޕްރިމިއަރ ލީގަށް ސިޓީއާ ވާދަކުރާނެ ޓީމެއްތޯ ގާޑިއޯލާ ބަލާނެކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
އިނގިރޭސި މިޑްފީލްޑަރ ކްލަބް ބަދަލުކުރަން ބޭނުންވާ މައިގަނޑު ސަބަބަކީ އަންނަ އަހަރު އޮންނަ ޔޫރޯގައި ވާދަކުރާ އިނގިރޭސި ޓީމުން ޖާގަ ހޯދާ ކުޅުމެވެ. ގައުމީ ކޯޗު ސައުތް ގޭޓްގެ އިތުބާރު ކަލްވިން ފިލިޕްސް އަށް އަދި އެބައޮތެވެ.