މި މަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި 19 ސްކޫލަކުން ބައިވެރިވެއްޖެ އެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެފައި ވަނީ ހޯމަ ދުވަހު އެވެ. ވޮލީބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ މުބާރާތުގައި 19 ސްކޫލަކުން 42 ޓީމެއް ވާދަކުރާނެ އެވެ. އޭގެ ތެރެއިން ނުވަ ސްކޫލަކީ އަތޮޅު ތެރެއަށް ނިސްބަތްވާ ސްކޫލްތަކެވެ. މާލެ އިން 10 ސްކޫލެއް ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންހެން އަދި ފިރިހެން، ދެ ޑިވިޝަން ހިމެނޭ ގޮތަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ އަށެވެ. މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވީއޭއެމް އިން ނިންމާފައި ވަނީ ބުދަ ދުވަހު އެވެ. މުބާރާތުގެ ކުޅުން ފަށާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.
މުބާރާތް އަލުން ފަށަން ވީއޭއެމުން މަސައްކަތް ކުރަމުން އަންނައިރު، މުބާރާތް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮންނަތާ ހަތަރު އަހަރު ވަނީ އެވެ. އެންމެ ފަހުން ވީއޭއެމް އިން އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް ބާއްވާފައި ވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ. އެ އަހަރުގެ މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކީ ފ.އަތޮޅު މަދަރުސާ އެވެ. އެ ސްކޫލުން ވަނީ ބައިވެރިވި ހުރިހާ އުމުރުފުރާއެއްގެ ފައިނަލްގައި ވާދަކޮށްފަ އެވެ. އެއީ 14 އަހަރުން ދަށުގެ އަންހެން، ފިރިހެން އަދި 16 އަހަރުން ދަށުގެ އަންހެން، ފިރިހެން އެވެ.
މީގެ ތެރެއިން އެ ސްކޫލް ވަނީ ތިން ފައިނަލް ކާމިޔާބުކޮށްފަ އެވެ. އެއީ 14 އަހަރުން ދަށުގެ އަންހެން ފައިނަލް، 14 އަހަރުން ދަށުގެ ފިރިހެން ފައިނަލް އަދި 16 އަހަރުން ދަށުގެ ފިރިހެން ފައިނަލް އެވެ. 16 އަހަރުން ދަށުގެ އަންހެން ފައިނަލްގައި އެ ސްކޫލް ވަނީ ބަލިވެފަ އެވެ. އެ އުމުރުފުރާގެ ފައިނަލުން މޮޅުވީ ބ.ގޮއިދޫ ސްކޫލް އެވެ. އެ އަހަރުގެ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ. އަދި ފިރިހެން އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އެވެ.
އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތަކީ ޒުވާން ގިނަ ކުޅުންތެރިންތަކެއް އުފެދެމުން އަންނަ މުބާރާތެކެވެ.