Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 12:57
ޓްރެފިކް ފުލުހުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަނީ
ޓްރެފިކް ފުލުހުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
މަގުހުރަސް ބައްތި ބެހެއްޓުން
މާލޭގައި މަގުހުރަސް ބައްތި ބަހައްޓައިފިނަމަ ރަނގަޅު ބަދަލުތަކެއް އަންނާނެ: ފުލުހުން
މަގުމަތި ބޭނުންކުރުމުގައި އުސޫލާއި، ގަވާއިދުތައް ހެދިފައި ހުންނައިރު، އެއަށް ހުރިހާ ރައްޔިތުން އަމަލުކުރަންޖެހޭ
ހުޅުމާލޭގައި މަގުހުރަސް ބައްތި ބޭނުންކުރޭ، އެލައިޓްތައް އޮޕަރޭޓް ކުރަމުންދާ ގޮތް ވަރަށް ރަނގަޅު
މަގުން ހިނގާ މީހުންނަށާއި، ދުއްވާ މީހުންނަށް ލިބޭ އިތުރު ރައްކާތެރިކަމެއްލިބޭ

މާލޭގައި މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތައް ބަހައްޓައިފިނަމަ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ޗީފް އިންސްޕެކްޓަރ މުހައްމަދު ލުތުފީ ވިދާޅުވީ، ހުޅުމާލޭގައި މަގުހުރަސް ބައްތި ބޭނުންކުރަމުންދާ ކަމަށާއި، އެ ލައިޓްތައް އޮޕަރޭޓް ކުރަމުންދާ ގޮތް ވަރަށް ރަނގަޅު ކަަމަށެވެ. އެކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މަގުން ހިނގާ މީހުންނަށާއި، ދުއްވާ މީހުންނަށް ލިބޭ އިތުރު ރައްކާތެރިކަމެއް ކަމަށެވެ.

Advertisement

ލުތުފީ ވިދާޅުވީ ބައެއް ފަހަރު ހިނގާ މީހުން މަގަށް ނުބަލައި ހުރަސް ކުރާ މައްސަލަ ވެސް އަދި ވެހިކަލް ދުއްވާ މީހުން މަގުހުރަސް ކުރާ މީހުންނަށް ބެލުމެއްނެތި ދުއްވާ މައްސަލަ ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް މިފަދަ ސިސްޓަމެއް ގާއިމްކުރެވިއްޖެނަމަ ދުއްވާ މީހުންނަށް ވެސް އަދި މަގު ހުރަސް ކުރާ މީހުންނަށް ވެސް ވަކި ވަގުތުތަކެއް ލިބޭނެ ކަމަށް ލުތުފީ ވިދާޅުވިއެވެ. މަގުމަތި ބޭނުންކުރުމުގައި އުސޫލާއި، ގަވާއިދުތައް ހެދިފައި ހުންނައިރު، އެއަށް ހުރިހާ ރައްޔިތުން އަމަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި މަގުހުރަސް ބައްތި ބޭނުންކުރުމާއި ގުޅޭގޮތުން ލުތުފީ ވިދާޅުވީ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށާއި، މިހާރު ދިމާވާ މައްސަލަތަކަށް ހައްލު ލިބޭ ކަމަށެވެ. ބައެއް ފަހަރު އުމުރުން ދުވަސްވީ މީހުންނާއި، ކުޑަ ކުދިންނަށް މަގުހުރަސް ނުކުރެވިފައި ތިބޭ މަންޒަރު މާލޭގެ މަގުމަތިން ފެންނަ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެދިމާލެއްގައި އެބަހުރޭ. ޚާއްސަކޮށް ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އެއްލައިޓް. ދެން އައިސް ހުޅުމާލެ ހޮސްޕިޓަލް ސަރަހައްދުގައި. އެނގިވަޑައިގަންނަވާނެ ހުޅުމާލޭގައި ސަރަހައްދަކީ ވަރަށް ބައިވަރު މީހުން ދިރިއުޅޭ ސަރަހައްދެއް. ވަރަށް ބައިވަރު މީހުން. އެތާގެ ލައިޓް ސިސްޓަމް މިހާރު އޮޕަރޭޓް ކުރާ ގޮތުން ވަރަށް ރަނގަޅު ފަންގްޝަނެއް. ވަރަށް ބޮޑަށް މީހުން އަހުލުވެރިވެފައި މިހާރު ވަނީ. އެހެންވީމަ އޭނގެ ސަބަބުން ހިނގާ މީހުންނަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ކަށަވަރުވޭ. އަދި މާލޭގެ އެއްވެސް ދިމާލެއްގައި ނެތް. ދެން އަޅުގަނޑުމެން ޖެހޭނީ މިނިސްޓްރީ އަދި ކަމާގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކަން މާލޭގައި މިކަންތައްތައް ކުރުމުން އަޅުގަނޑަށް ހީވަނީ ކުރުމުން ހެޔޮ ބަދަލުތަކެއް އަންނާނެހެން. މިހާރު މިއީ ޒިބްރާ ކްރޮސް ކުރާއިރު މިދިމާވާ މައިގަނޑު ކަންތައްތަކަކީ ގިނަ ފަހަރު ދުއްވާ އެއްޗެހި ނުބަލާ އަދި ހިނގާ މީހުން ވެސް ނުބަލާ. ބައެއް ފަރާތްތަކަށް ގަބޫލުކުރެވިފައި އޮންނަނީ ތިމަންނަ ބޭނުންވީމަ ބޭނުން ގަޑިއެއްގައި ހުރަސްކުރެވޭނެއޭ. އެހެނެއް ނޫން. ކޮންމެވެސް ކަހަލަ އުސޫލުތަކަކާ ހެދިފައި އޮވޭ. މަގު ހުރަސްކުރަންޏާ މަގުގެ ދެފަރާތް ބަލާފައި ހުސްކޮށް ހުރިއްޔާ މަގު ހުރަސްކުރަންވާނީ. ދުއްވާ އެއްޗެހި ވެސް ޒިބްރާ ކްރޮސްއިން މީހާ ކްރޮސް ކުރާ ކަމަށްވަންޏާ އެފުރުސަތު ދޭން ޖެހޭނެ.
ޗީފް އިންސްޕެކްޓަރ މުހައްމަދު ލުތުފީ

ލުތުފީ ވިދާޅުވީ މާލޭގައި މިފަދަ ސިސްޓަމެއް ބޭނުންކުރުމުގެ ކުރިން ލައިޓް ހަރުކުރާނެ ތަންތަނާއި، ނުކުންނާނެ ނަތީޖާއާއި، ޓްރެފިކަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން ސްޓަޑީއެއް ހަދަންޖެހޭނެ ކަމަށެވެ.

މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރުވެސް ބޭނުންކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައި ދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ. މިއިން ކޮންމެ ބައްތިއެއްގައިވެސް ހުންނަ ބަޓަނަށް ފިތައިލުމުން، އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެންނާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރުމަށާއި ހިނގައިގަންނަންވުމުން އެއިން ބުނެދޭނެއެވެ. އެ ބަޓަނަށް ފިތައިލުމުން، ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓްކުރާއިރު، ހުރަސްކުރުމަށްވެސް ވަކި ވަގުތެއް ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް