ޣައްޒާ އަށް އިސްރާއީލުން ދޭ ހަމަލާތަކުގައި ކުށެއް ނެތް އާއްމުން ނިޔާވުން ބަލައެއް ނުގަނެވޭނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ހުކުރު ދުވަހު ޣައްޒާ އަށް މެދު ނުކެނޑި އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ،
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ އަސަރު ކުށެއް ނެތް އާއްމު ރައްޔިތުންނަށް ކުރާ ކަމަށާއި އާއްމުންގެ އެތައް ބަޔަކަށް އަނިޔާވެ އެތައް ބަޔަކު ނިޔާވަމުންދާ ކަމަށް ޕޫޓިން ވަނީ ބުނެފައެވެ.
އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕޫޓިން ވަނީ ބުނެފައެވެ.
ޕޫޓިން މިފަދައިން ވިދާޅުވެފައި ވާއިރު އިސްރާއީލުން ވަނީ ޣައްޒާގައި ތިބި މިލިއަނެއްހާ މީހުން އެ ސަރަހައްދު ދޫކޮށް ދާން އަންގާފައެވެ.
އަދި ކުރިއަށް އޮތް 24 ގަޑި އިރު ތެރޭގައި އެ މީހުން އެހެން ސަަރަހައްދުތަކަށް ބަދަލުވުމަށް ވެސް ވަނީ އަންގާފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ފަހު އެ ސަރަހައްދަށް ވަރަށް ބޮޑެތި ހަމަލާތަކެއް ރައްދު ކުރާނެ ކަމަށް ބެލެވެއެވެ.
އެގޮތުން ޢައްޒާ އަށް ޓޭންކުގެ ހަމަލާތަކެއް ދިނުމަށް އިސްރާއީލުން ދަނީ ރާވަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޕޫޓިން ވިދާޅުވީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބަރު ހަތިޔާރާއި އެކު ހަރަކާތްތެރިވުމަކީ ހުރިހާ ފަރާތްތަކަށް ވެސް ނުހަނު ގެއްލުމާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަަމަށެވެ.
އިސްރާޢީލުގެ އަމަލުތައް ހުރީ އިތުރަށް ލޭ އޮހޮރުވުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.