Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 09:17
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ނަޝީދަށް ފޮނުވައިފި
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 49 މެންބަރުންގެ ސޮއާއެކު
މަޖިލީހުން ވަނީ މި މައްސަލަ ބަލައިގަނެފައި
ނަޝީދަށް ނޯޓިސް ފޮނުވާފައިވަނީ ބުރާސްފަތި ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އެމަނިކުފާނަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރުގެ ނޯޓިސް އީމެއިލް ކުރެވިފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ 49 މެންބަރުން ސޮއިކުރައްވާ ފޮނުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރެއް، 9 އޮކްޓޯބަރުގައި މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ލިބުމުން، އެ ގަރާރުގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، އެ ގަރާރުގެ ނޯޓިސް އަމީން އާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދޭންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ) ގައި އެ ގަރާރު މަޖިލީހަށް ހުށަހެޅުމުގެ 14 ދުވަސް ކުރިން އެކަން މަޖިލީހަށް އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ) އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގެ ދަށުން، މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރުގެ ނޯޓިސް އަރުވާ ކަމަށެވެ.

Advertisement

49 މެމްބަރުންގެ ސޮޔާއެކު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ހޯމަ ދުވަހުއެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށައަޅާފައިވާ ޤަރާރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި، މަޖިލީހަށް ތަޅުމަށް ވަކި ގޮތެއް ނިންމުމަށް ހުށައެޅުއްވުމުގައި ނަޝީދުގެ އަމިއްލަ މަސްލަޙަތު އިސްކުރައްވާކަމަށެވެ.

އަދި ވަކި ފަރާތަކަށް ބުރަވެ ހުންނަވައި، މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ތަކުރާރުކޮށް ގަސްތުގައި އެޖެންޑާތައް ކަނޑައަޅުއްވަމުން ގެންދަވާފައިވާކަންވެސް ޤަރާރުގައި ބަޔާންކޮށްފައިވެއެެވެ.

ޤަރާރުގައި އިތުރަށް ބުނެފައިވަނީ، މުޅި މަޖިލީހުގެ ނިޒާމު ބެލެހެއްޓެވުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވެވަޑައިގެންފައިވާކަމަށެވެ.

އޭގެ އިތުރުން، މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވެވުމަށްފަހު، މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީއާއި އެމަނިކުފާނުގެ މަސްލަޙަތު އޮތް މައްސަލަތަކެއް ތާވަލު ކުރައްވައި އެ މައްސަަލަތައް ކުރިއަށް ގެންދަވާފައިވާކަމަށް ޤަރާރުގައި ބުނެފައިވެއެވެ.

ވުމާއެކު، ނަޝީދަށް އިތުބާރު ގެއްލިފައިވާކަމަށްވެސް ޤަރާރުގައި ބުނެފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް