އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ފަސްޓްލޭޑީ ފަޒްނާ އަޙުމަދު ބައްދަލު ކުރައްވައިފިއެވެ.
ފަސްޓްލޭޑީ ފަޒްނާގެ ދައުވަތަކަށް ބޭއްވެވި މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު މުލީއާގޭގައެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލު ކުރެއްވުމުގައި ފަސްޓްލޭޑީ ވަނީ އިންތިޚާބުގައި ޑރ މުޙައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ.
މި ބައްދަލު ކުރެއްވުމަށްފަހު ފަޒްނާ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަމަނާ ޤަބޫލު ކުރައްވަނީ އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމުގެ މަރުޙަލާ ކުރިއަށް ގެންދެވުމަށް ކަމަށެވެ.
އިންތިޤާލީ މަރުޙަލާގައި ދެވެން އޮތް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ސާޖިދާ އަރިހުގައި ދަންނަވާފައިވާނެކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.
އައު ވެރިކަމުގައިވެސް ދިވެހިން މި ދެކުނު އަމާންކަމާއި މިނިވަންކަން ދެމި އޮންނާނެކަމަށް އުއްމީދު ކުރައްވާކަމަށް ފަޒްނާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެކަނބަލުންވެސް ވަނީ އިޖުތިމާޢީ ކަންކަން ކުރެއްވުމަށް ޝައުޤުވެރިކަންހުރިކަން ފާޅުކުރައްވާފައެވެ. އަދި އިޖުތިމާޢީ ބައެއް މައްސަލަތަކާއި އެކަންކަން ޙައްލުކުރަން އިތުރަށް މަސައްކަތްޕުޅު ކުރައްވަންޖެހޭކަން ދެބޭފުޅުންވެސް ފާހަގަކުރެއްވެވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެކަނބަލުންވެސް ވަނީ ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވާފައެވެ.