Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 13:33
ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު
ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު
ރައީސް އޮފީސް
މުދައްރިސުންގެ ދުވަސް
އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް މުއިއްޒު
މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އެކުލެވޭ ގަދަރުވެރި ޚިދުމަތެއް
ސްކޫލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ 134 މަޝްރޫއު މިއަހަރު ކުރިއަށްދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވޭ
ތައުލީމީ ދާއިރާގެ ގިނަ މަޝްރޫއުތައް މިސަރުކާރުގައި ވަނީ ހުއްޓިފައި

އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ރަސްމީ އެކްސް އެކައުންޓުގަ ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި، މި ގައުމުގެ ދިދަ މާދަމާ އުފުލާނެ އަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅު ކުދީން މިއަދު އެތިބީ މަދަރުސާތަކުގައި ކަމަށާއި ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތައުލީމަކާއި އޯގާތެރިކަމަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ގަދަރުވެރި، ފަޚުރުވެރި ޚިދުމަތެއް ކަމަށެވެ.

މި ޕޯސްޓު ނިންމަވާލައްވަމުން ރައީސް ވަނީ، ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާކަމުގެ ޔަގީންކަން އަރުވައި، މި އުފާވެރި ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކުރައްވައި، އަދި އެންމެހާ އެދުރުންގެ އާއިލާތަކަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދިވަޑައިގެން ދުއާކުރައްވާފައެވެ.

މި މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބައްޕައެއް، އަދި ބެލެނިވެރިއެއް ކަމަށާއި އެއްޖީލުން އަނެއްޖީލަށް އިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުންކަން ފާހަގަކުރައްވައި، މުދައްރިސުން ނެތް މުޖްތަމައެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދިވަޑައިގެން ހެޔޮ ދުއާކުރައްވައި، އެކަމަނާ ވަނީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ގައުމު އާރާސްތުކޮށް ދެމެހެއްޓެނިވި ގޮތަކަށް ބިނާކުރެވޭނީ، ގައުމުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކޮށްގެން ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ސާނަވީ ތައުލީމުދޭ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި އިތުރު ސްކޫލުތައް އެޅުމުގެ މަޝްރޫއެއް މިއަހަރު ފެށުމަށްޓަކައި ގިނަގުނަ ތައްޔާރީތައް ވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުގައި ސްކޫލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ 134 މަޝްރޫއު މިއަހަރު ކުރިއަށްދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ތައުލީމީ ދާއިރާގެ ގިނަ މަޝްރޫއުތައް ކުރިއަށް ނުދާތީ އެރަށްރަށުގެ ރައްޔިތުން އެކަންބޮޑުވުންތައް ފާޅުކުރެއެވެ. އަދި ސްކޫލުގެ ހިންގުން ހަރުދަނާނުވެ، ޚިދުމަތްތައް ފުޅާނުވާތީއާއި، އޭލަވަލްއަށް ކިޔެވުމުގެ ހުއްދަ ނުދެވޭތީ، ސްކޫލުތަކުގެ ގޭޓުގައި ތަޅުއަޅުވައި، މުޒާހަރާ ވެސް ކޮށްފައިވެއެވެ. ސްކޫލުތަކުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާއިރު، މީގެ ކުރިން ފަށާފައިވާ މަޝްރޫއުތައް ވަނީ ހުއްޓިފައެވެ. އަދި "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ހުރިހާ ސްކޫލެއް ސެޕްޓެންބަރު މަހުގެ ތެރޭގައި އޭސީކޮށް ނިންމާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މި ޕްރޮޖެކްޓްގެ މަސައްކަތް ވެސް ނިންމިފައިނުވެއެވެ.

- ކޮމެންޓް