ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ކުންފުނި ދިމްޔާތުގެ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ "ޑެމިއެޓާ" އިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސަރ ކޮށްފި އެވެ.
ދިމްޔާތުގެ ދަށުން ހިންގާ "ޑެމިއެޓާ" ކެފޭއިން ސްޕޮންސާކޮށްފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ފުރަތަމަ ޑިވިޝަންގެ ތިން ކުލަބަކަށް އެއްފަހަރާ އެއް ކުންފުންޏަކުން މެއިން ސްޕޮންސާކަން ނެގި ފުރަތަމަ ފަހަރެވެ. މި ކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ދިމްޔާތު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި އެ ދެ ބޭފުޅުންގެ ދަރިކަނބަލުން އަދި ދެ ދަރިކަލުންނެވެ. ނަމަވެސް މި ތިން ކުލަބަށް ސްޕޮންސާކުރުމަށް ހޭދަކުރާ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
މި ކަމާ ގުޅޭގޮތުން ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، މިހާތަނަށް އެއްވެސް ކޮމެންޓެއް ލިބިފައި ނުވާތީ މި ސްޕޮންސާޝިޕްތަކުގެ ސަބަބުން އުފެދިފައިވާ ސުވާލުތަކަށް އަދިވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.