ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 09:44
އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމު، އެމްއެންޔޫބީއެސް އަށް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތަށި ހަވާލު ކޮށްދެއްވަނީ
އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމު، އެމްއެންޔޫބީއެސް އަށް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތަށި ހަވާލު ކޮށްދެއްވަނީ
ރައީސް އޮފީސް
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: އަންހެން ޑިވިޝަންގެ ތަށި އެމްއެންޔޫބީއެސް އިން ދިފާއު ކޮށްފި
 
ފައިނަލްގައި އެމްއެންޔޫބީއެސް އިން ވަނީ 1-0 އިން ކްލިކް ކޮލެޖު ބަލިކޮށްފައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ، އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްއެންޔޫބީއެސް އިން ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު އެމްއެންޔޫބީއެސް އިން ކާމިޔާބު ކުރީ ކްލިކް ކޮލެޖާ ވާދަކޮށް، 1-0 އިންނެވެ. މި ދެ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. ފައިނަލް މެޗުގައި އެމްއެންޔޫބީއެސް އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ފިރުޝާނާ ނަސީރު އެވެ. ނަމަވެސް އޭގެ ފަހުން ކްލިކް ކޮލެޖަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ކްލިކުން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައެއް އެމްއެންޔޫބީއެސްގެ ނައުރާ ޙަސަންގެ އަތުގައި ޖެހުމުން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ. ނަމަވެސް ކްލިކްގެ މަރިޔަމް މިރްފަތު ފޮނުވާލި ޕެނަލްޓީ އެމްއެންޔޫބީއެސްގެ ގޯލް ކީޕަރު އާޔާ އަޙުމަދު އަބޫބަކުރު ވަނީ ހުއްޓުވައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްއެންޔޫބީއެސްގެ އާޔާ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެމްއެންޔޫބީއެސްގެ އާޔާ އަދި ފިރުޝާނާގެ އިތުރުން، ކްލިކް ކޮލެޖުގެ މަރިޔަމް ފޯސައިތު ރޮވީނާ، ޝީނީޒް މުޙައްމަދު އަދި މިރުފަތު އެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ އެމްއެންޔޫބީއެސްގެ މުޙައްމަދު ޔާސިރު މޫސާ އެވެ. މި ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސީއެފްއެސްގެ ފާތިމަތު ނިހާމާ އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްއެންޔޫބީއެސްގެ ފިރުޝާނާ އެވެ.

މިއީ އެމްއެންޔޫއެސްޔޫ އިން އިސްނަގައިގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފުރަތަމަ މުބާރާތް ފެށީ ފިރިހެން ޑިވިޝަނަށް އަމާޒުކޮށްގެންނެވެ. ނަމަވެސް އޭގެ ފަހުން 2018 ވަނަ އަހަރު ވަނީ އަންހެން ޑިވިޝަން ވެސް ތައާރަފުކޮށްފަ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް މުބާރާތް ބާއްވަމުން އަންނަނީ ދެ ޑިވިޝަނަށެވެ. މިއަހަރުގެ މުބާރާތަކީ މީގެ ނުވަ ވަނަ މުބާރާތެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މުބާރާތް ނުބޭއްވުނު ނަމަވެސް، 2022 ވަނަ އަހަރު އަލުން ވަނީ މުބާރާތް ފަށައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް