ކ. މާލެ
|
18 ސެޕްޓެންބަރ 2023 | ހޯމަ 11:02
މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ދޭ ތަށި
މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ދޭ ތަށި
އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: 31 ޓީމާއެކު ބުރާސްފަތި ދުވަހުގެ ރޭ މުބާރާތް ފަށަނީ
 
މިއަހަރުގެ މުބާރާތަކީ މީގެ ނުވަ ވަނަ މުބާރާތް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް ފިއެސްޓާ ބުރާސްފަތު ދުވަހުގެ ރޭ ފަށަން ތައްޔާރުވެއްޖެ އެވެ.

މިއީ އެމްއެންޔޫއެސްޔޫ އިން އިސްނަގައިގެން ރާއްޖޭގެ ކޮލެޖު/ޔުނިވާސިޓީތަކަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. ދެ ޑިވިޝަނަށް ކުރިއަށް ދާ މި މުބާރާތުގައި މިއަހަރު ޖުމުލަ 31 ޓީމެއް ވާދަކުރެ އެވެ. އެއީ ފިރިހެން ޑިވިޝަންގެ 18 ޓީމާއި، އަންހެން ޑިވިޝަންގެ 13 ޓީމެވެ. ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން، ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމައަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ކުރިއަށް ދާނެ އެވެ. އެއަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު އެވެ. ދެ ވަނަ ދުވަހު ކުރިއަށް ދާނީ އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުތަކެވެ. އެއަށްފަހު ތިން ވަނަ ދުވަހު ކުރިއަށް ދާނީ ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުތަކެވެ.

މުބާރާތުގެ ދެ ޑިވިޝަންގެ ވެސް ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެއަށްފަހު ފައިނަލް މެޗުތައް ކުރިއަށް ދާނީ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު އެވެ.

މިއީ އެމްއެންޔޫއެސްޔޫ އިން އިސްނަގައިގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފުރަތަމަ މުބާރާތް ފެށީ ފިރިހެން ޑިވިޝަނަށް އަމާޒުކޮށްގެންނެވެ. ނަމަވެސް އޭގެ ފަހުން 2018 ވަނަ އަހަރު ވަނީ އަންހެން ޑިވިޝަން ވެސް ތައާރަފުކޮށްފަ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް މުބާރާތް ބާއްވަމުން އަންނަނީ ދެ ޑިވިޝަނަށެވެ. މިއަހަރުގެ މުބާރާތަކީ މީގެ ނުވަ ވަނަ މުބާރާތެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މުބާރާތް ނުބޭއްވުނު ނަމަވެސް، 2022 ވަނަ އަހަރު އަލުން ވަނީ މުބާރާތް ފަށައިފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ މެޕްސް ކޮލެޖެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ އެމްއެންޔޫ ބިޒްނަސް ސްކޫލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް