ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ގަލަޓަސަރާއީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެ، ޔުނައިޓެޑަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ޔުނައިޓެޑު ވާދަކޮށްފައި ވަނީ ޖަރުމަނުގެ ބަޔާން މިއުުނިކާ އެވެ. އެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. އަންގާރަ ދުވަހުގެ ރޭ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔުނައިޓެޑުންނެވެ. މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ރަސްމުސް ހޮލުންޑް އެވެ. އޭނާ އެ ލަނޑު ޖެހީ އިންގްލެންޑުގެ މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ގަލަޓަސަރާއީ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޑެވިންސަން ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިލްފްރެޑް ޒަހާ އެވެ. ފުރަތަމަ ހާފު ދެ ޓީމު އެއްވަރުގައި އޮވެ ނިންމާލި ނަމަވެސް، ދެ ވަނަ ހާފުގައި ޔުނަައިޓެޑުން ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ކުރި ހޯދި އެވެ. މެޗުގެ 67 ވަނަ މިނެޓުގައި އެ ލަނޑު ވެސް ޖެހީ ހޮލުންޑް އެވެ. އޭގެ ހަތަރު މިނެޓު ފަހުން، ދެ ވަނަ ފަހަރަށް ގަލަޓަސަރާއީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް އަކްތޫރްކޮގްލޫ އެވެ. އެއީ ބުރާކް ޔިލްމަޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް، ޔުނައިޓެޑަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ ކަސެމީރޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. ދެ ވަނަ ރީނދޫ ކާޑާއެކު އޭނާ އަށް ރަތް ކާޑު ދެއްކީ 77 ވަނަ މިނެޓުގަ އެވެ. ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ޔުނައިޓެޑު ކޮޅަށް ގަލަޓަސަރާއީ އިން ތިން ވަނަ ލަނޑު ޖެހީ 81 ވަނަ މިނެޓުގަ އެވެ. ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ އާޖެންޓީނާގެ މައުރޯ އިކާޑީ އެވެ.
މޮޅާއެކު ގަލަޓަސަރާއީ ވަނީ ގްރޫޕް އޭގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ބައްޔާއެކު ޔުނައިޓެޑު ވަނީ ގްރޫޕްގެ ފުލަށް ސޮއްސާލައިފަ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެ ޓީމަށް އެންމެ ޕޮއިންޓެއް ވެސް ލިބިފައެއް ނުވެ އެވެ.