ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 07:08
ހޫތީން ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުވި ބަހްރެއިން ޑިފެންސް ފޯސްގެ ދެ އޮފިސަރެއްގެ ހަށިތައް ގެންދާ މަންޒަރު
ހޫތީން ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުވި ބަހްރެއިން ޑިފެންސް ފޯސްގެ ދެ އޮފިސަރެއްގެ ހަށިތައް ގެންދާ މަންޒަރު
ރޮއިޓާސް
ޔަމަނުގެ ހަމަނުޖެހުން
ޔަމަނުގައި ތިބި ބަހްރެއިން ސިފައިންނަށް ހޫތީން ދިން ޑްރޯން ހަމަލާ، އދ.ގެ ސަލާމަތީ މަޖިލީހުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
ސަލާމަތީ މަޖިލީހުން ވަނީ މި އަމަލަކީ ސުލްހައިގެ މަރުހަލާއަށާއި ސަރަހައްދީ ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައި

ޔަމަނުގައި ތިބި ބަހްރެއިން ސިފައިންނަށް ހޫތީން ދިން ޑްރޯން ހަމަލާ، އދ.ގެ ސަލާމަތީ މަޖިލީހުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ވަރަށް ހަރުކަށި އަދި ހަމަނުޖެހުން ބޮޑު ހަމަލާއެއް ކަމަށް ވަނީ ސިފަކޮށްފައެވެ.

ޔަމަނުގައި ހަމަޖެހުން ގާއިމު ކުރުމަށް އުފައްދާފައިވާ އިއްތިހާދުގައި ހަރަކާތްތެރިވާ ބަހްރެއިންގެ ސިފައިންނަށް އަމާޒުކޮށް ދިން މި ހަމަލާގައި، ސިފައިންގެ ތިން މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ސަލާމަތީ މަޖިލީހުން ވަނީ މި އަމަލަކީ ސުލްހައިގެ މަރުހަލާއަށާއި ސަރަހައްދީ ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޔަމަނާއި ސައޫދީ އަރަބިއްޔާގެ ދެކުނު ބޯޑަރު ސަރަހައްދުގައި ދިން މި ހަމަލާއަކީ އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން ހަމަހިމޭންކަން އޮތުމަށްފަހު ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިގެން ދާނެ ހަމަލާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޓިމް ލެންޑަކިންގް ދާދި ފަހުން ވަނީ، މިހާރުގެ ހާލަތަކީ ހަނގުރާމަ ފެށި ފަހުން ޔަމަނުގައި ސުލްހަ ގާއިމުކުރުމަށް އޮތް އެންމެ ރަނގަޅު ފުރުސަތުކަން ފާހަގަކުރައްވާފައެވެ.

އެކަމާ ގުޅިގެން ސަލާމަތީ މަޖިލީހުން ވަނީ ހޫތީ ޖަމާއަތުން "ޓެރަރިސްޓް ހަމަލާތައް" ހުއްޓާލުމަށް ގޮވާލައި، ބޯޑަރު ކައިރީގައި މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތައް ހިމެނޭގޮތަށް، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހުރިހާ ފަރާތްތަކަކުންވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް ބޯލެނބުމުގެ މުހިންމުކަމުގެ މައްޗަށް ކައުންސިލުން ވަނީ އަލިއަޅުއްވާލައްވާފައެވެ.

ސަލާމަތީ މަޖިލީހުގެ މެންބަރުން ވަނީ ހަމަނުޖެހުންތައް އިތުރުވެއްޖެނަމަ ޔަމަނުގެ ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް އިތުރަށް ބޮޑުވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ތަކުރާރުކުރައްވައި، 8 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ދެމިއޮތް ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ޓަކައި ސިޔާސީ ހައްލެއް ހޯދުމުގެ މަގުސަދުގައި ކުރާ ހުރިހާ މަސައްކަތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެ އިތުރުން ސެކިއުރިޓީ ކައުންސިލުން ބުނީ އދ.ން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު، ހާންސް ގްރަންޑްބާގަށް އަބަދުވެސް ތާއީދު ކުރައްވާކަމަށާއި، އެއްބަސްވެފައިވާ ރިފަރެންސްތަކާއި ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން "ޔަމަނުގެ އިސްނެގުމާއި، ޔަމަނުގެ ހިއްސާވާ ސިޔާސީ ހައްލެއް" ގާއިމުކުރުމަށް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވެސް ކައުންސިލުން ތާއީދުކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް